ޚަބަރު

2023 ރިޔާސީ ރޭހުގައި ކޯލިޝަނަކަށް ދިއުމުގެ ވިސްނުމެއް ނެތް: މައުރޫފް

މޯލްޑިވްސް ޑިވަލޮޕްމަންޓް އެލައިންސް (އެމްޑީއޭ) އިން މިފަހަރުގެ ރިޔާސީ ރޭހަކުގައި ކޯލިޝަން އަކަށް ދާން އަދި ނުވިސްނަވާ ކަމުގައ އެމްޑީއޭގެ ނައިބު ރައީސް އަދި ކެނދިކުޅުދޫ ދާއިރާގެ ކުރީގެ މެމްބަރު އަލީ މައުރޫފް ވިދާޅުވެއްޖެއެވެ.

އެމްޑީއޭގެ ފަރާތުން މިފަހަރު 2023ގެ ރިޔާސީ ރޭހުގައި ވާދަކުރައްވާ ބޭފުޅަކީ އެމްޑީއޭގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް އެވެ.

”2023 ގައި ކޯލިސަން އެއް ހެދިޔަސް ހަދާނީ ސީދާ ރައްޔިތުންނާ.“ މައުރޫފް ވިދާޅުވިއެވެ.

މީގެ ކުރިން 2008 ވަނަ އަހަރު ކޯލިޝަން އަކަށް ދިޔަކަމަށާއި، އެހެންނަމަ ވެސް 2018 ވަނަ އަހަަރު އެއްވެސް ގޮތަކަށް ސިޔާސީ ރޭހުގައި ބައިވެރިވާން ބޭނުން ނުވީކަމަށް މައުރޫފް ވިދާޅުވިއެވެ.

”ރައީސް ޔާމީން އާއެކު 2013 ވަނަ އަހަރު ހެދުނު ކޯލިޝަނުން ދިވެހިރާއްޖޭގެ ތަރައްޤީއަށް ވަރަށް ގިނަ ގުނަ މަސައްކަތްތަކެއް ކުރެވުނު. އެގޮތުން މުޅި ރާއްޖެއަށް 50 އަހަރުތެރޭ ނުގެނެވުނު ތަރައްގީ ރައީސް ޔާމީން އާއި އެކީ ގުޅިގެން ގެނެސްދެވުނު.“ މައުރޫފް ވިދާޅުވިއެވެ.

މައުރޫފް މިފަދައިން ވިދާޅުވިއިރު، ރައީސް ޔާމިން ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމްޑީއޭގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް އާއި އެއްވެސް ދެކޮޅުވެރިކަމެއް ނެތްކަން ވަނީ ފާހަގަ ކުރައްވާފައެވެ.

ރައީސް ޔާމީން އެދުވަހު ވިދާޅުވީ ސިޔާމަކީ އެމަނިކުފާނުފެ ގާތް ބޭފުޅެއް ކަމުގައެވެ.

”ކޯލިޝަން ހަދަން ޖެހޭ ހިސާބަށް ގޮސްފި ކަމަށް ވަންޏާ އެމްޑީއޭ އަޅުގަނޑުމެން ރޫލް އައުޓެއް ނުކުރާނަން. އެމްޑީއޭ އެކީގައި ކޯލިޝަން ހަދަން ޖެހޭ ހިސާބަށް ގޮސްފިކަމަށް ވަންޏާ އެކަން ނިންމާނީ އަޅުގަނޑުމެންގެ ދެ ޕާޓީގެ ސެނެޓުން.“ ޔާމީން ވިދާޅުވިއެވެ.

އެމްޑީއޭ އިން މިހާރުވެސް ވަރަށް ފޯރީގައި ރަށްތަކުގައި ޕާޓީއަށް މީހުން އިތުރު ކުރުމާ އަދި ކެމްފެއިން ވަނީ ފަށާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button