މަސްމާރުކޭޓް މަތީގައި މަސްތުވާތަކެތި ބޭނުން ކުރަމުން ދާތީ ސިޓީ ކައުންސިލުން އެތަން ބަންދު ކޮށްފި

މާލޭ މަސްމާރުކޭޓް މަތީގައި ފާޅުކަންބޮޑު ގޮތެއްގައި މަސްތުވާތަކެތި ބޭނުން ކުރާތީ އެތަން މާލެ ސިޓީ ކައުންސިލުން ޕޮލިސް ކޮންސްޓިބިއުލަރީ އާއި އަދި ޑްރަގް އެންފޯސްމަންޓް ޔުނިޓް އާއި ގުޅިގެން އެތަން ބަންދު ކޮށްފިއެވެ.
ސިޓީ ކައުންސިލުން ބުނީ، މަސް މާރުކޭޓުގެ މަތީ ފަންގިފިލާގައި މަސްތުވާތަކެތި ބޭނުންކުރަމުން ދާތީ ކައުންސިލާއި ފުލުހުންގެ ކޮންސްޓިބިއުލަރީ އާއި ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓް ގުޅިގެން އެ ތަނަށް ގޮސް ބަންދު ކޮށްފައިވާ ކަމަށެވެ.
މާލެ މަސްމާރުކޭޓު މަތީގައި މަސްތުވާތަކެތި ބޭނުންކުރަމުންދާތީ މާލެސިޓީ ކައުންސިލުން ޕޮލިސް ކޮންސްޓިބިއުލަރީ އާއި އަދި ޑްރަގް އެންފޯސްމަންޓް ޔުނިޓް އާއި ގުޅިގެން އެތަން ބަންދު ކުރަން މިއަދުވަނީ ނިންމާފައި. pic.twitter.com/FpxpQBRXXk
— Male' City Council (@MaleCitymv) August 30, 2022
ހޯމަ ދުވަހުގެ ވަގުތެއް ގައި ވަނީ ވީޑިއޯ އެއް ސޯޝަލް މީޑިއާގައި އާމުވެފައެވެ. ވީޑިއޯއިން ފެންނަނީ މެންދުރުގެ ވަގުތުގައި މާލޭ މަސްމާރުކޭޓު މަތީގައި 10ވަރަކަށް ޒުވާނުން މަސްތުވާތަކެތި ބޭނުން ކުރާތަނެވެ. އެމީހުން ތިބީ މާރުކޭޓް ހޮޓާ ދޮރާދިމާ ވާގޮތަށެވެ. މާރުކޭޓް ހޮޓަލަކީ ގިނަ އަދަދެއްގެ މީހުން ހިދުމަތް ހޯދަމުންދާ ތަނެކެވެ. އެހެންނަމަވެސް އެމީހުން ތިބީ އެއްވެސް ބިރެއް، ފިކުރެއް ނެތި މަސްތުވާތަކެތި ބޭނުން ކުރާށެވެ. އެމީހުން އެތަކެތި ބޭނުން ކުރާތަންވެސް އެ ވީޑިއޯއިން ފެނެއެވެ.
މަސްމާރުކޭޓް މައްޗަށް އިއްޔެ ”ބޮންތި“ ޓީމް އިން ޒިޔާރައްކުރި އިރު، އެތަނުގައި ގިނަ އަދަދެއްގެ ބަޔަކު ނިދުމަށް ވެސް ބޭނުން ކުރާ ބާލީހާއި ތަންމަތި ތައް ވެސް ހުއްޓެވެ. އެތަން ވަނީ ވަރަށް ނަޖިސް ވެފައެވެ. އެތަނުގައި ކުޑަކަމުގޮސް ހުރި ފުޅިވެސް ހުއްޓެވެ. އަދި އެތަނުގައި ނުބައި ވަސް ދުވާއިރު، މަސްތުވާ ތަކެތި ގިނައަދަކަށް ބޭނުން ކޮށްފައިވާ ވަސީލަތްތައް ތަޅުންގަޑު މަތީގައި ފެންނަން ހުއްޓެވެ.