ޖަމާއަތުގައި ނަމާދުކުރަން ފެށުމަށް މަޝްވަރާ ކުރަނީ
މާލެ ސަރަހައްދުގައި މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުން އަލުން ފެށުމަށް، ކަމާގުޅޭ އިދާރާތަކާއިއެކު މަޝްވަރާ ކުރަމުންދާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.
ކޮވިޑްގެ ހާލަތު މާލެ ސަރަހައްދުގައި ގޯސް ވުމާއި ގުޅިގެން، ޖަމާއަތުގައި ނަމާދުކުރުން ހުއްޓާލާފައިވަނީ މެއި މަހުގެ 12 ވަނަ ދުވަހު އެވެ. އަދި މޭމަހުގެ 26 ވަނަ ދުވަހުން ފެށިގެން މިސްކިތްތައްވެސް ބަންދުކުރި އެވެ. ނަމަވެސް މިދިޔަ ބުދަ ދުވަހުން ފެށިގެން ވަކިން ނަމާދު ކުރުމަށް މިސްކިތްތައް ވަނީ ހުޅުވާފައެވެ.
އިސްލާމިކް މިނިސްޓަރު ޑރ.އަހުމަދު ޒާހިރު އަލީ ވިދާޅުވެފައި ވަނީ ކޮވިޑްގެ ހާލަތު ރަނގަޅުވަމުން އައިސް ޕޮޒިޓިވްވާ އަދަދު ދަށަށް ދާން ފެށުމުން ވަކިން ނަމާދު ކުރުމަށް ފުރުސަތު ހުޅުވާލުމަށްފަހު, މިހާރު މަޝްވަރާ ކުރަމުން ދަނީ ޖަމާއަތުގެ ނަމާދު ފެށުމާއި ގުޅޭގޮތުންނެވެ. ނަމަވެސް އެ އެފަދަ ނިންމުމެއް ނިންމާނީ ރައްކާތެރިކަމުގެ ގޮތުން ބަލަން ޖެހޭ ކަންކަމަށް ބެލުމަށްފަހު ކަމާގުޅޭ އިދާރާތަކުގެ ހުއްދައާއެކު ކަމަށެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ ޖަމާއަތުގައި ނަމާދު ކުރުން މެދުކަނޑާލީ އެންމެންގެ ރައްކާތެރިކަމަށްޓަކައި ކަމުން އެ އުސޫލާއި ހިލާފަށް އަމަލު ކުރުމަކީ މުޅި މުޖްތަމައުއަށް ދެވޭ ގެއްލުމެއް ކަމަށެވެ.
ކޮވިޑް-19 އާއި ގުޅިގެން ޖަމާއަތުގައި ނަމާދު ކުރުން މެދުކަނޑާލާފައިވަނިކޮށް، މިދިޔަ ހުކުރު ދުވަހުވެސް ޖަމާއަތް ހަދައިގެން ތިން މިސްކިތެއްގައި ހުކުރު ނަމާދު ވަނީ ކޮށްފައެވެ.