މުނިފޫހިފިލުވުން

ޝާނާ ދެން ނުހުއްޓުވޭނެ

އުފާ ފާގަތި ދިރިއުޅުމެއްގެ ހުވަފެން އަބަދުވެސް ދެކެމުން އައި ހިތްހެޔޮ ހިތެއްގެ ވެރިއެކެވެ. މާޒީގައި ގޯސް ތަކެއް ހެދުނު ނަމަވެސް، ފާގަތި މުސްތަގުބަލަކަށް މަގުތަށް ކޮށަމުން އައި ހިތްވަރު ގަދަ ޒުވާނެކެވެ. މާޒީގެ ކަޅު އެތައް ހަރުފަތްތަކެއް ގިރާ ކުރަމުން އައި އަޒުމު ގަދަ ކަމުގެ މިސާލެކެވެ. އެކަނިމާ އެކަނި ދަރިއެއްގެ ހުރިހާ ކަމެއް ފުރިހަމަ ކޮށްދެމުން އަންނަ ކުޅަދާނަ މައެކެވެ. މިދެކެވެނީ މަދު ދުވަސް ކޮޅެއްގެ ތެރޭގައި ގިނަ ބައެއްގެ ލޯތްބާއި ތަރުހީބު ލިބިފައިވާ ރާއްޖޭގެ މަޝްހޫރު ޓިކްޓޮކް ތަރި، ކ.މާލެ އަށް އުފަން އުމުރުން 27 އަހަރުގެ އައިމަނަތު ޝާނާ ސައީދު ގެ ވާހަކައެވެ.

ޓިކްޓޮކް ތަރި ޝާނާ ސައީދު

ޝާނާ އަކީ މިހާރު އެންމެ ގިނަ ބައެއްގެ ތެރޭގައި މަޝްހޫރުވެފައިވާ ޓިކްޓޮކުން ދިވެހިންގެ ތެރެއަށް ތައާރަފުވެ، ގިނަ ބައެއްގެ ލޯތްބާއި ސަމާލުކަން ލިބިފައިވާ ހުނަރުވެރި ޒުވާނެކެވެ. ބޮންތި ނިއުސް އާއި ވާހަކަ ދައްކަމުން ޝާނާ ބުނީ އެންމެ ފުރަތަމަ ޓިކްޓޮކު ކުޅުނީ މަޖަލަކަށް ކަމަށެވެ. ނަމަވެސް އެންމެ ކުޑައިރުންސުރެ އަބަދުވެސް ނަށާ ހިތްވާ ކަމަށް އޭނާ ވަނީ ބުނެފައެވެ. އަދި ސުކޫލުގެ ކޮންސެޓުތަކުގައި ވެސް އެންމެ ކުރީގައި އަބަދުވެސް ހުންނަ މީހަކީ ޝާނާ ކަމަށް އޭނާ ވަނީ އެންމެ ކުޑައިރުގެ ހަނދާންތައް އާ ކުރަމުން ”ބޮންތި“ އާއި ހިއްސާކޮށްފައެވެ. އަދި ފަހުން ޓިކްޓޮކް އަކީ އޭނާގެ އެ ހުނަރު ދައްކާލުމަށް ރަނގަޅު ”ޕްލެޓްފޯމް“ އެއްކަން ގަބޫލު ކުރެވުނު ކަމަށް ޝާނާ ވަނީ ކިޔައިދީފައެވެ. އޭނާ ބުނިގޮތުގައި ޓިކްޓޮކް ކުޅެން ފެށީ މަޖަލަކަށް ނަމަވެސް، ފަހުން އެކަމަށް ހިތް ޖެހުނީ އެވެ. އަދި އޭގެ ފަހުން މިވީ ތިން އަހަރަކީ ވަރަށް ”އެކްސައިޓިން“ ތިން އަހަރެވެ. މިހާރުވެސް 32 ހާސް ފޮލޯވަރުންނާއި އެކު ޝާނާ ރާއްޖޭގެ ޓިކްޓޮކްގައި ފިޔަޖަހަމުންދާއިރު ކުރިމަތިވާ ދަތި ތަކަކީ ކޮބައިތޯ ސުވާލު ކުރުމުން ޝާނާ ބުނީ، ބައެއް މީހުންގެ ފަރާތުން ލިބޭ ނުރަނގަޅު ކޮމެންޓު ތަކުގެ ސަބަބުން ދެރަވާ ކަމަށެވެ. ނަމަވެސް އެކަން ވެސް ހެޔޮ ހިތުން ބަލައިގަނެ، ކުރިއަށް ދެވޭނީ ފާޑު ކިޔުންތަކާއި އެކު ކަމަށް ގަބޫލު ކޮށްގެން ނެގެޓިވް ކޮމެންޓުތަކަށް އެއްވެސް ޖަވާބެއް ނުދީ ދޫކޮށްލަނީ ކަމަށް ޝާނާ ބުންޏެވެ. މީގެ އިތުރުން ޝާނާ ފާހަގަކުރިގޮތުގައި ކޮންމެ ކަމެއް ކުރި ނަމަވެސް ގަޔާވާ މީހުންނާއި ނުވާ މީހުން ތިބޭނެ ކަމަށާއި އަދި އެއީ އެއްވެސް މައްސަލައެއްވެސް ނޫނެވެ.

”ވަރަށް ހަޑިކޮށް ކޮންމެންޓު ކުރާ މީހުންވެސް އުޅޭ. އެންމެ ފުރަތަމަ ވަރަށް ދެރަވި. އެކަމަކު، ޝާނާ އަޅައެއް ނުލަން. ކުރިއަށް ދެވޭނީ ފާޑު ކިޔުންތަކަށް ވެސް ކުރިމަތި ލައިގެން. އެއްވެސް އެއްޗެއް ޖަސްޓިފައި ކޮށްދޭކަން ޝާނާ ބޭނުމެއް ނުވޭ. ގަބޫލު ކުރަން ބޭނުންވާ މީހުން އެކަނި ކުރާނި. އެހެންވީމަ ޝާނާ އަށް އޯކޭ“ ޝާނާ ބުންޏެވެ.

ޝާނާ ބޮންތި ނިއުސް އަށް އިންޓަވިއު ދެނީ
ފޮޓޯ: ބޮންތި ނިއުސް

https://vm.tiktok.com/ZSJXAnuB2/

ޓިކްޓޮކް މަޖަލަކަށް ފެށި ނަމަވެސް މިހާރު ޝާނާ ހަމަ އެކަނި ކުރަނީ އެކަމެއް ނޫނެވެ. ގިނަ ކަންކަން ކުރުމަށް ފުުރުސަތު ހޯދާ ޝާނާ ސާބިތު ކޮށްދެމުންދަނީ ހަމަ އެކަނި އޭނާގެ ހުރީ ނެށުމުގެ ހުނަރު ނޫންކަމެވެ. ޝާނާ އަކީ ކުރިއަރަމުން އަންނަ ޕްރެޒެންޓަރެއްވެސްމެއެވެ. ޝާނާ ބުނި ގޮތުގައި، މިހާރު ޝާނާގެ ދިރިއުޅުމަކީ ދުވަހަކުވެސް އޭނާ އުންމީދު ކުރި ދިރިއުޅުމެއް ނޫނެވެ. އަބަދުވެސް ޕްރެޒެންޓު ކުރާ ހިތްވާ ކަމަށް ޝާނާ ”ބޮންތި“ އަށް ކިޔައިދީފައެވެ. އެގޮތުން ޓިކްޓޮކް ކުޅެން ފެށި ފަހުން ޝާނާގެ ރައްޓެހި އަދި ރާއްޖޭގެ ޓިކްޓޮކުން ވެސް މަޝްހޫރު ޝިންޓެ ވަނީ ޕްރެޒެންޓު ކުރުމުގެ ފުރުސަތެއް އޭނާ އަށް ގޯ ޕްލަސް ކިޔާ ޗެނަލަކުން ހޯދައިދީފައެވެ. ނަމަވެސް އެއީ ހަމަ އެކަނި އެކަން ވޭތޯ ބަލާލަން ކަމަށް ވެސް ޝާނާ ބުންޏެވެ. އަދި އޭގެ ފަހުން އިޝްތިހާރު ކުޅުމުގެ އެތައް ފުރުސަތުތަކެއް ވެސް ވަނީ އޭނާ އަށް ލިބިފައެވެ. މި ހުރިހާ ކަމަކަށް ވެސް ޝުކުރުވެރިވާ ކަން ޝާނާ ފާހަގަކުރިއެވެ.

ޝާނާ ސައީދު، ފޮޓޯ: ސާނާ

ޝާނާ އަކީ އެތައް ހުނަރެއްގެ ވެރި މީހަކަށް ވާއިރު، އޭނާއަށް ދަނީ ޑްރާމާތަކުން އެކި ފުރުސަތުތައް ވެސް ލިބެމުންނެވެ. ޝާނާ ފާހަގަކުރިގޮތުގައި އޭނާ ދުވަހަކުވެސް މިކަހަލަ ދިރިއުޅުމެއް އުޅޭނެ ކަމަށް ހީނުކުރި ނަމަވެސް މިހާރު މި ހުރިހާ ކަމެއްވެސް ކުރަނީ ވަރަށް ކުރާ ހިތުންނެވެ. މީގެ އިތުރުން ޝާނާ އަކީ ބޮލީވުޑްގެ ފަންނާނަކާއި އެކު ލަވައެއް ކުޅެލަން ލިބުނު ރާއްޖޭގެ ހަމައެކަނި ޓިކްޓޮކް ތަރިއެވެ. އެގޮތުން އެމްއެސްޕީއޭގެ ފަރާތުން ރާއްޖެ އައި ބޮލީވުޑުގެ މަޝްހޫރު ލަވަކިޔުންތެރިޔާ ވިނޭ އާއި އެކު ޝާނާ ވަނީ ލަވައެއް ޝޫޓު ކޮށްފައެވެ. އެ ލަވަ އަދި ބެލުންތެރިންނާއި ހިސާބަށް ނުފެންނަނީ ކީއްވެތޯ އެހުމުން ޝާނާ ބުނީ، ލަވަ އިނީ އެއްކޮށް ޝޫޓު ކޮށް ނިމިފައި ކަމަށެވެ. އަދި ރިލީޒް ވުން ލަސްވެގެން ދަނީ ކޯވިޑުގެ ސަބަބުން ކަމަށެވެ. ނަމަވެސް ދެ މަހެއްހާ ދުވަހުގެ މުއްދަތުގެ ތެރޭގައި އެ ލަވަ ބެލުންތެރިންނާއި ހިސާބަށް އަންނާނެ ކަމަށް ”ބޮންތި“ އާއި ވާހަކަ ދައްކަމުން ޝާނާ ބުންޏެވެ. އަދި އެ ފުރުސަތު ޝާނާ އަށް ދިން ކަމަށްޓަކައި ވަރަށް ހާއްސަ ޝުކުރެއް އޭނާ ވަނީ ދަރާ ސާރ އަށް އަދާ ކޮށްފައެވެ.

https://vm.tiktok.com/ZSJXATf5E/

ޓިކްޓޮކުން ޝާނާ ވިދާލިފަހުން އޭނާ އާއި މަޝްހޫރު ޓިކްޓޮކް ތަރި ހަސަން ނިޒާރު ( ހަސޭ ) އާއި ދެމެދު އޮތް ގުޅުމާއި ގުޅިގެން މީހުން ދައްކާ ބައެއް ވާހަކަ ތަކާއި ބެހޭ ގޮތުން ”ބޮންތި“ އިން ޝާނާ އާއި ވަނީ ސުވާލު ކޮށްފައެވެ. އެ ސުވާލުތަކަށް ޖަވާބުދެމުން ޝާނާ ބުނީ، ޓިކްޓޮކުން ހަސޭ ފެނުނީންސުރެ ވެސް އޭނާ އަކީ ޝާނާގެ ވަރަށް ބޮޑު ކްރަޝް އެއް ކަމަށެވެ. އަދި ހަސޭ އަކީ ހުރިހާ ގޮތަކުންވެސް ވަރަށް ”ހެލްޕްފުލް“ އަދި ”ސަޕޯޓިވް“ މީހެއް ކަމަށެވެ. ޝާނާ އަބަދުވެސް ހަސޭ ސިފަ ކުރާނީ މަޖާ، ރުޅި ގަދަ އަދި އެހާމެ އަވަހަށް ރުޅި މަޑުވާ މީހެއްގެ ގޮތުގައެވެ.. ނަމަވެސް ދެމީހުން ”ލޯންގ ޑިސްޓެންސް ރިލޭޝަންޝިޕް“ އެއްގައި އުޅުމަކީ ވަރަށް އުނދަގޫ ކަމެއް ކަމަށް އޭނާ ވަނީ ބުނެފައެވެ. އަދި އެކަމުގެ ބޭނުން އެހެން މީހުން ހިފައި، ދޭތެރެ ޖައްސަން ފައި ހިއްޕާފައި ތިބޭ ކަމަށް ޝާނާ ބުންޏެވެ. ނަމަވެސް އެކަމަކާއި އެއްވެސް ފަރުވާލެއް ނެތް ކަމަށާއި، ދެމީހަކު އެއްކޮށް އުޅެން އެންމެ މުހިންމީ ”ޓްރަސްޓް“ އަދި ”އަންޑަސްޓޭންޑް“ ކަމަށް ޝާނާ ވަނީ ބުނެފައެވެ. ޝާނާ އިތުރަށް ބުނިގޮތުގައި ހަސޭ އަކީ ވަރަށް ހުނަރުވެރި އަދި ނަށަން މޮޅުމީހެކެވެ. އަދި މި ދާއިރާއިން ޝާނާ ކުރިއަށް ދިއުމަށްޓަކައި އެންމެ ”މޯޓިވޭޓު“ ކުރާ މީހަކީ ވެސް ހަސޭކަން ޝާނާ ފާހަގަކުރިއެވެ. އެކަމަށްޓަކައި ހަސޭ އަށް ޝުކުރުވެރިވާ ކަމަށް ޝާނާ ވަނީ ބުނެފައެވެ. މީގެ އިތުރުން ޝާނާގެ އުންމީދަކީ ހަސޭ ވެސް މި ދާއިރާ އިން ދެވެން އޮތް އެންމެ ކުރިއަކަށް ދިއުމެވެ.

ޝާނާ ލޯބިވެރިޔާ ހަސޭ އާއި އެކު

https://vm.tiktok.com/ZSJXAo1VE/

މި ދާއިރާގައި ޝާނާ ކުރިން ގާތް ކޮށް އުޅުނު މީހަކާ ދުރުވިންތޯ ސުވާލު ކުރުމުން އޭނާ ބުނީ، އެގޮތަށް ބައެއް މީހުން އެބަތިބި ކަމަށެވެ. އިންޑަސްޓްރީގެ ބައެއް މީހުންނާއި ދުރަށް ދިޔައީ އެންމެ ރަނގަޅު ގޮތުގައި ދާއިރާގައި ކުރިއަށް ދިއުމަށް ކަމަށް އޭނާ ފާހަގަކުރިއެވެ. މީގެ އިތުރުން އޭނާގެ އެކުވެރިކަމަށް އިހުތިރާމް ނުކުރެވޭ ބަޔަކާއިއެކު ގާތްކަން ބެހެއްޓުމަކީ މިހާރު ޝާނާ ގަބޫލުކުރާ ކަމެއް ނޫން ކަމަށް އޭނާ ވަނީ ”ބޮންތި“ އާއި ހިއްސާ ކޮށްފައެވެ. މި ދާއިރާގެ ބައެއް މީހުންގެ އަމަލުތައް ހުންނަ ގޮތުން ”ޓިކްޓޮކް ބޭން“ ކުރަން ޖެހޭތޯ ސުވާލު ކުރުމުން ޝާނާ ބުނީ، އެއީ އަދި މުޅިން އެންމެ އިންސާފުވެރި ގޮތް ނޫންކަމަށެވެ. ވަކި ބަޔަކާއި ހެދި ރަނގަޅު ގޮތުގައި މަސައްކަތް ކުރާ ބަޔަކަށް ބޮޑު ”ލޮސް“ އަކަށް ޓިކްޓޮކް އެއްކޮށް ”ބޭން“ ކުރުން ވެގެންދާނެ ކަމަށް ޝާނާ ވަނީ ބުނެފައެވެ. ދާއިރާއާއިމެދު މީހުންގެ ވިސްނުން ހުންނަ ގޮތާއި މެދު ވާހަކަ ދައްކަމުން ޝާނާ ބުނީ، އެހެން އެވަނީ ޓިކްޓޮކް ބޭނުން ކުރާ ބައެއް މީހުންގެ އަމަލުތައް ހުންނަ ގޮތުން ކަމަށެވެ. ކޮންމެ ކަމެއްގެ ވެސް ވަކި ހައްދަކާއި ހުދޫދެއް އޮންނަންވާނެ ކަމަށް އޭނާ ބުންޏެވެ.

ޝާނާ އަކީ ރާއްޖޭގައި މިހާރު ފިޔަޖަހަމުން އަންނަ ޒުވާން ފަންނާނަކަށް ވާއިރު، މިއަދު ޝާނާ ހުރި ހިސާބަށް އާދެވިފައި ހުރީ ވަރަށް ގިނަ ދިރިއުޅުމުގެ އަނދަވަޅުތައް ގިރާކުރުމަށް ފަހުގައެވެ. މާޒީގެ ކަޅު އެތައް ސަފްހާތަކެއްގައި ފުލުސްޓޮޕް ޖެހުމަށް ފަހު މިހާރު ޝާނާ އަކީ އުފާވެރި ދިރިއުޅުމެއް ހޯދުމަށް ގަދައަޅައި މަސައްކަތް ކުރަމުން އަންނަ ކުޅަދާނަ ޒުވާނެކެވެ. އެގޮތުން ޝާނާ އަކީ 5 އަހަރުގެ ލޯބި އަންހެން ދަރިއެއްގެ ހިތްވަރު ގަދަ މަންމައެކެވެ. އެކަނިމާ އެކަނި ދަރިފުޅު ބަލަމުން އަންނަ ޝާނާ މިއަދުވެސް ދެކޭ ހުވަފެނަކީ އޭނާގެ ދަރިފުޅު ލައިރާ އަށް އުފާ ފާގަތި ދިރިއުޅުމެއް ހޯދައިދިނުމެވެ. ޝާނާ ބުނިގޮތުގައި މާޒީގައި ކިތަންމެ ގިނަ ”މިސްޓޭކު“ ތަކެއް ހެދުނު ނަމަވެސް ދެން އޭގެން އެއްވެސް ކަމެއް ތަކުރާރެއް ނުކުރާނެއެވެ. އަދި އަބަދުވެސް ބޭނުން ވަނީ ރަނގަޅު އިންސާނެއްގެ ގޮތުގައި ދިރިއުޅުމުގެ ހަރުފަތްތައް ގިރާކުރަން ކަމުގައި ޝާނާ ބުންޏެވެ. މިހާރުވެސް ޝާނާ އަކީ ވަރަށް ހިތްހެޔޮ އަދި މީހުންނާއި ގުޅޭ މީހެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރާ ޒުވާނެކެވެ. ޝާނާ ބުނި ގޮތުގައި ކުރިއަށް އޮތްތާގައި ވެސް އޭނާ ދެމި ހުންނާނީ އެގޮތުގައެވެ. ”ބޮންތި“ އާއި ވާހަކަ ދައްކަމުން ޝާނާ ބުނީ، ކާމިޔާބީ އާއި ”ރެޕިއުޓޭޝަން“ އަކީ ވެސް ޝާނާ އަށް ވަރަށް މުހިންމު ދެކަން ކަމަށެވެ. އެގޮތުން ކާމިޔާބު މީހަކަށް ވެވޭނީ ރަނގަޅު އަހުލާގު ހުރި މީހަކަށް ވެގެންކަން އަބަދުވެސް ގަބޫލުކުރާ ކަމަށް ޝާނާ ވަނީ ބުނެފައެވެ.

”މިސްޓޭކޭސް ހެދުނު، އެކަމަކު ރިގްރެޓެއް އެއްވެސް ކަމެއް ނުކުރަން. މި ހިސާބަށް އާދެވުނީ ހެދުނު މިސްޓޭކު ތަކުން ވަރަށް ގިނަ ކަންކަން ދަސްވެގެން. ދެން ބޭނުން ވަނީ ހެޕީ ލައިފެއް. އެކަމަށް އެންމެ ބޮޑު މޯޓީވޭޝަން އަކަށް ވީ ޝާނާގެ ދަރިފުޅު“

ޝާނާ އޭނާގެ ދަރިފުޅު ލައިރާ އާއި އެކު، ފޮޓޯ: ޝާނާ

ޝާނާ އަކީ އެތައް ބައެއްގެ ލޯބި ހާސިލު ކޮށްފައިވާ މީހަކަށް ވާއިރު، މި ހިސާބަށް އައުމަށްޓަކައި އޭނާ އަށް އެހީތެރިވި އެންމެނަށް އޭނާ ވަނީ ހިތުގެ އެންމެ ފުނުން ޝުކުރު އަދާކޮށްފައެވެ. އެގޮތުން ޝާނާގެ ދަރިފުޅު ލައިރާ ހުރުމަކީ ލިބޭ ހިތްހަމަ ޖެހުމެއް ކަމަށާއި، ލައިރާ ކަހަލަ ދަރިއެއް ޝާނާ އަށް ލިބުމަކީ މާތް ﷲ ގެ ހަޒްރަތުން ލިބުނު ވަރަށް ބޮޑު ނިއުމަތެއްގެ ގޮތުގައި އޭނާ ވަނީ ސިފަކޮށްފައެވެ. އަދި ދެގޮތެއް ނުވެ ކިތަންމެ ދުރުގައި ވީނަމަވެސް، އެންމެ ކައިރީގައިވާ ހަސޭގެ ނަން ޝާނާ ވަނީ ޝުކުރުގެ ލިސްޓުގެ އެންމެ ކުރީގައި ހިމަނާފައެވެ. ހަމަ އެގޮތަށް ޝާނާގެ މަންމަ އާއި އޭނާގެ އާއިލާ ދޭ އެއްބާރުލުންވެސް ޝާނާ ވަނީ އުފަލާއި އެކު ފާހަގަކޮށްފައެވެ. މީގެ އިތުރުން ގާތް ރަހުމަތްތެރިންނާއި ހުރިހާ ގޮތަކުން ވެސް ޝާނާ އަށް އެހީތެރިވެ އަދި ހިތްވަރުދޭ އެންމެނަށް ވެސް އޭނާ ވަނީ ވަރަށް ހާއްސަ ޝުކުރެއް އަދާ ކޮށްފައެވެ.

“ ލައިރާ އަކީ އަސްލު ވަރަށް ސްވީޓް ކުއްޖެއް. ވަރަށް އުފާވޭ ލައިރާ ހުންނާތީ. ޝާނާ ގަބޫލު ކުރަނީ ލައިރާ އަކީ މާﷲ ދެއްވި ވަރަށް ބޮޑު ބްލެސިންގ އެއް ގޮތަށް. ޝާނާ އަށް ކުރިއަށް ދެވޭ އެންމެ ބޮޑު ރީޒަން އަކީ ވެސް އަސްލު ޝާނާގެ ޑޯޓަރ“

ޓިކްޓޮކް ތަރި ޝާނާ ސައީދު

https://vm.tiktok.com/ZSJXAGQbC/

ޝާނާގެ އުންމީދަކީ، އޭނާއަށް މިހާރު ލިބެމުންދާ ފުރުސަތުތައް އިތުރަށް ލިބުމެވެ. އަދި ދެވެން އޮތް އެންމެ ކުރިއަކަށް ގޮސް މީހުން ބަލައިގަންނަ މީހެއްގެ ގޮތުގައި ދެމިހުރުން ކަމަށް އޭނާ ވަނީ ބުނެފައެވެ. މީގެ އިތުރުން ކިތަންމެ ބޭނުން ވިޔަސް ދެން ޝާނާ ފަހަތައް ޖައްސައި ނުލެވޭނެ ކަމަށާއި، ސާބިތު ކަމާއި އެކު ގަދަ އަޅާ މަސައްކަތް ކުރުން މަތީ އަބަދުވެސް ދެމި ހުންނާނެ ކަމަށް އޭނާ ބުންޏެވެ. ”ބޮންތި“ ނޫހުގެ ފަރާތުން ފަރާތުން އަބަދުވެސް ޝާނާ އަށް އެދެނީ އިތުރު ކުރިއެރުމާއި ކާމިޔާބީއެވެ.

ޓިކްޓޮކް ތަރި ޝާނާ

 

One Comment

Leave a Reply

Your email address will not be published. Required fields are marked *

Back to top button