ލޮނުޒިޔާރަތް ޕާކުގެ ވިނަގަނޑު މައްޗަށް ދޮންވެލި އެޅި ސަބަބު ސިޓީ ކައުސިލުން ބުނެދީފި
ލޮނުޒިޔާރަތް ޕާކުގެ ވިނަގަނޑު މައްޗަށް ދޮންވެލި އެޅި ސަބަބު ކައުސިލުން ބުނެދީފިއެވެ.
ލޮނުޒިޔާރަތް ޕާކާއި މިވަގުތު ހަވާލު ހުންނެވި އަބްދުﷲ މުހައްމަދު ވިދާޅުވިގޮތުގައި އެޕާކަކީ ވަރަށް ގިނަ ހަފްލާތަކެއް ބާއްވަމުން އަންނަ ޕާކެކެވެ. ކުރިން ދަރުބާރުގޭ އަދި ރެސްޓޯރެންޓު ތަކުގައި ބާއްވަމުން އައި ގިނަ ކައިވެނި ހަފްލާތައް ވެސް ބާއްވަމުން އަންނަނީ އެތަނުގައެވެ.
”ކައިވެނި ހަފްލާ އަދި އިވެންޓުތައް ބާއްވާއިރު، އެކިކަހަލަ ތަކެތި ބިމައް ޖަހާ ހަރުކުރަމުންވެސް ގެންދޭ އަދި ޓެންޓުތައް ވެސް ރާވާ އެތަކެތި ހަތަރު ދުވަސް ފަސްދުވަސް ވެސް ބަހައްޓަން ޖެހޭ ހަފްލާއަކަށް ފަހު ހަފްލާއެއް އަންނާތީވެ. މީގެ ކޮންމެ ހަފްލާއަކަށް މަދުވެގެން 500 – 700 ގާތަށް މީހުން ބައިވެރިވޭ.“ އަބްދުﷲ ވިދާޅުވިއެވެ.
އެކަމުގެ ސަބަބުން ވިނަގަނޑު ހެދުމަށް ދަތިތަކަކާ ކުރިމަތިވެފައިވާއިރު, އާންމުކޮން ރާއްޖޭގައި ހައްދާ ވިނަ އަކީ އެހާ މޫދިގު އަދި އެހާ ވަރު ހުންނަ ވިނައަކަށް ނުވުމުގެ ސަބަބުން އެވިނަ ނެއްޓުމުގެ ފުރުސަތު ބޮޑުވެފައި، އެކަމުގެ ފަންނީ މާހިރުން ގެނެސްގެން އެކަމަށް ހައްލެއް ގެނައުމަށް ކުރެވުނު މަޝްވަރާތަކުގެ ދަށުން އެބޭފުޅުން ދެއްވި ލަފަޔަކީ އޮސްޓުރޭލިއަން ގުރާސް ހެއްދުން ކަން އޭނާ ފާހަގަކުރެއްވިއެވެ. އެބޭފުޅުން ބެލިބެލުމުގައި މިހާރު ހުރި ވިނަގަނޑަށް ލޮނުގެ އަސަރު ކުރުމުގެ ސަބަބުންނާއި، ހޫނު އަވި ދިނުމުގެ ސަބަބުން އެ ވިނަ މަރުވުން ނުވަތަ ހިކުމުގެ ފުރުސަތު ބޮޑެވެ.
ވިނަގަނޑު މައްޗަށް އެއްޗެހި އަރުވާ, ޓެންޓު ޖަހައިގެން ހެދޭ އަޑިގުޑަންތަކާއި، ވާރޭ ވެހުމުގެ ސަބަބުން މުޅި ސަރަހައްދު ޗަކަވެ، ހިދުމަތް ހޯދާ ފަރާތްތަކަށް އެތަނުގައި އުޅުމަށް ނުކުޅަދާނަވުމަކީ ދޫކޮށްލެވޭނެ ކަމެއް ނޫން ކަމުން، ވެލި އަޅައިގެން ވިޔަސް އާންމުންނަށް ފަސޭހައިން އުޅެވޭނެ މަގު ތަނަވަސްކޮށްދިނުމަކީ ސިޓީ ކައުންސިލުން ކުރަން ޖެހޭ ކަމެއް ކަން އަބްދުﷲ ވަނީ ފާހަގަކުރައްވާފައެވެ.