ރައްޔިތުންގެ ޑިމާންޑުތަކަށް މަސައްކަތްކޮށްދިނުމަށް ފުލުހުންގެ ކިބައިން އިމްރާން އެދިވަޑައިގެންފި
ވަޞީލަތްތައް ހުރި މިންވަރަކުން, ރައްޔިތުންގެ ޑިމާންޑްތަކަށް އިތުރު ހިތްވަރުލައިގެން މަސައްކަތްކޮށްދިނުމަށް ފުލުހުންގެ ކިބައިން މިނިސްޓަރ އިމްރާން އަބްދުﷲ އެދިވަޑައިގެންފިއެވެ.
އިމްރާން ދިވެހި ފުލުހުންގެ ކިބައިން އެކަމަށް އެދިވަޑައިގެންނެވީ ނ.ކެނދިކުޅުދޫ ޕޮލިސް ސްޓޭޝަން ހުޅުއްވައިދެއްވުމަށްފަހު ދެއްކެވި ވާހަކަފުޅުގައެވެ.
މިނިސްޓަރ ވިދާޅުވީ ރައްޔިތުން ކަންކަމަށް ޑިމާންޑްކުރާނެކަމަށާއި, އެޑިމާންޑްތަކަށް ވަސީލަތްތައް ހުރި މިންވަރަކުން މަސައްކަތްކޮށްދިނުމަކީ ފުލުހުންގެ ޒިންމާއެއްކަމަށެވެ. މިނިސްޓަރ ވިދާޅުވީ ފުލުހުންގެ މުއައްސަސާގެ އަގަކީ, ފުލުހުންގެ މުއައްސަސާގެ ޝަރަފަކީ މުޅި މުޖުތަމައުގެ ޝަރަފާއި, އަގުކަމަށެވެ.
އަމަން އަމާންކަމާއި, ރައްކާތެރިކަމާއި, އަދުލުއިންސާފާ ގުޅުން އޮތީ ފުލުހުންގެ މުއައްސަސާގެ އެއަގުތައް ހިފެހެއްޓުނު މިންވަރަކުންކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އެހެންކަމުން މުއައްސަސާގެ ތެރޭގައި އެއަގުތައް ހިފަހައްޓާ, އެއަގުތަކަށް އިސްކަންދެވި އެކަމަށްޓަކައި ހުރިހާ އޮފިސަރުން އެކުގައި މަސައްކަތްކުރާ ރޫހެއް އުފެއްދުން އެއީ ދިވެހި މުޖުތަމައަށްޓަކައި ފުލުހުން އަދާކޮށްދެއްވަންޖެހޭ ވަރަށްބޮޑު ޒިންމާއެއްކަމުގައި މިނިސްޓަރ ވިދާޅުވިއެވެ.
”ފުލުހުންގެ އިއްޒަތާއި ޝަރަފް މަތިވެރިވި ވަރަކަށް, ފުލުހުންނަށް ރީތިނަން ލިބުނުވަރަކަށް ފުލުހުން އަދާކުރާ ޒިންމާ ރައްޔިތުން ބަލައިގަންވަރަކަށް މުޖުތަމައު ކުރިއަށްދާނެ, މުޖުތަމައުގެ އަމާންކަމާއި ރައްކާތެރިކަން ކަށަވަރުވާކަން އަޅުގަނޑުމެން ވަޒަންކުރާގޮތަކީ, ރައްޔިތުން ވަޒަންކުރާގޮތަކީ އެއީ.“ މިނިސްޓަރ ވިދާޅުވިއެވެ.
ރައްޔިތުންނަށް މިނިސްޓަރ އިލްތިމާސްކުރެއްވީ ފުލުހުންގެ މުއައްސަސާއަކީ އެންމެންގެ މުއައްސަސާއެއްކަމުގައި ދެކި, އެމުއްސަސާއަށް ލޯތްބާއި އިހުތިރާމްދީ ކަންކަމުގައި އެއްބާރުލުން ދެއްވުމަށެވެ. އެންމެ އޮފިސަރަކު ނުވަތަ ދެ އޮފިސަރަކަށް ކުރެވޭ ކަމެއްގެ ސަބަބުން އޭގެ މަލާމާތާއި, ނުރުހުންތެރިކަން މުޅި މުއައްސަސާއަށް ރައްދު ނުކުރުމަށް އެދިވަޑައިގެން މިނިސްޓަރ ވިދާޅުވީ އެފަދަ އޮފިސަރުންނާ މެދު ފިޔަވަޅު އަޅާ, މުއަސްސަސާގެ އަގު ހިފަހައްޓަވަން މަސައްކަތް ކުރައްވާނެ ކަމަށެވެ.