ޚަބަރު

ޖަޕާނު ސަރުކާރުން ގުރައިދޫ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު މަރާމާތުކޮށްދީފި

ކ.ގުރައިދޫގައި ގާއިމުކުރެވިފައިވާ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ މެޑިކަލް ވޯޑު މަރާމާތުކުރުމަށްފަހު އެވޯޑަށް ބޭނުންވާ ވަސީލަތްތަކާއެކު ހަވާލުކޮށްފިއެވެ.

ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ބުރާސްފަތި ދުވަހު ކުރިއަށް ދިޔަ ރަސްމިއްޔާތުގައި ޖަޕާން ސަރުކާރުގެ ފަރާތުން އެހީ ހަވާލުކޮށްދެއްވީ ޖަޕާނުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވައިފައި ހުންނަވާ ސަފީރު، ހަރ އެކްސެލެންސީ މިސިޒް ޓަކެއޫޗީ މިދޯރީއެވެ.

މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ ފަރާތުން ހަވާލުވެވަޑައިގެންނެވީ މިނިސްޓަރ ޢާއިޝަތު މުޙައްމަދު ދީދީއެވެ.

ޖެންޑަރ މިނިސްޓަރު އާއިޝަތު މުޙައްމަދު ދީދީ

ގުރައިދޫގައި ގާއިމުކުރެވިފައިވާ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ މެޑިކަލް ވޯޑު މަރާމާތްކުރުމަށާއި މެޑިކަލް ވޯޑަށް ބޭނުންވާ ވަސީލަތްތަކަށްޖަޕާން ސަރުކާރުން 86,961 އެމެރިކާ ޑޮލަރު (1.3 މިލިއަން ދިވެހި ރުފިޔާ) ވަނީ ހޭދަކޮށްފައެވެ.

މި އެހީ ދިނުމުގެ އެއްބަސްވުމުގައި 9 ޖަނަވަރީ 2020 ގައި ސޮއިކުރެވިފައިވީ ނަމަވެސް، ކޮވިޑް19ގެ ފުރަބަންދުގެ ސަބަބުން މި މަސައްކަތްކުރުމުގައިދަތިތަކެއް ދިމާވެފައެވެ.

މި މަޝްރޫޢުގެ ސަބަބުން މި މަރުކަޒުގައި ބަލަހައްޓަމުންދާ ފަރާތްތަކަށް ދެވޭ ޚިދުމަތުގެ ފެންވަރު ރަނގަޅުވެގެން ދާނެކަމަށް ޖެންޑަރ މިނިސްޓަރު ވިދާޅުވިއެވެ.

ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ކުރިއަށް ދިޔަ ރަސްމިއްޔާތުގެ ތެރެއިން

މިގޮތުން، މި މަރުކަޒުގެ މެޑިކަލް ވޯޑު މަރާމާތު ކުރުމުން ޖާގައިގެ ތަނަވަސްކަން އިތުރުވެ، އިމަޖަންސީ ނުވަތަ ކުއްލި ޙާލަތްތަކުގައި މަރުކަޒުގައި ދިރިއުޅޭފަރާތްތަކަށް އަވަސް ފަރުވާދެވޭނެ އިންތިޒާމު ފަހިވެގެން ދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ގުރައިދޫ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި މި ވަގުތު ހާއްސަ ރައްކާތެރިކަމާއި އަޅައިލުން ބޭނުންވާ 191 މީހުން ބަލަހައްޓަމުންދެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button