ޚަބަރު

ކުޑަފަރީގައި ޕޮލިސް ޕޯސްޓު ގާއިމުކޮށް ހިދުމަތްދޭން ފަށައިފި

މިނިސްޓަރ އޮފް ހޯމްއެފެއާޒް އިމްރާން އަބްދުﷲ އާއި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ނ. ކުޑަފަރި ޕޮލިސް ޕޯސްޓު ހުޅުވައި ދެއްވައިފިއެެވެ.

އެކަމަށްޓަކައި ކުޑަފަރީގައި މިއަދު ބެއްވި ރަސްމިއްޔާތުގައި، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުލް މަންނާން ޔޫސުފާއި ފުލުހުންގެ އެގްޒެކެޓިވް އޮފިސަރުންނާއި، ކޮމިޝަންޑް އޮފިސަރުންނާއި ނޯތު ޕޮލިސް ރީޖަން ކޮމާންޑަރާއި ނ. އަތޮޅު ކޮމާންޑަރުގެ އިތުރުން ކުޑަފަރި ކައުންސިލް އިދާރާގެ އިސްވެރިން ބައިވެރިވެލެއްވިއެވެ.

ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި މިނިސްޓަރ އިމްރާން ދެއްކެވި ވާހަކަފުޅުގައި، ކޮންމެ ރަށެއްގައި ހިނގަމުންދާ ކަންކަމާއި ވަގުތުން ވަގުތަށް ދިމާވާ މައްސަލަތައް ހައްލުކުރުމުގައި، ތަރުތީބުކުރެވިފައިވާ ފުލުހުންގެ ނިޒާމުގެ ތެރެއިން ލިބިދޭންޖެހޭ ހިދުމަތް ލިބިދިނުން އެއީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ކޮންމެހެން ބޭނުންވާކަމެއް ކަމުގައި ވިދާޅުވިއެވެ. އަދި ރަށެއްގައި އަމަންއަމާންކަން ގާއިމުކުރެވި ސުލްހަ މަސަލަސްކަމާއި ރައްކާތެރިކަން ދެމިއޮތުމުގައި ހަމައެކަނި ފުލުހުން ތިބުމަކީ ނަތީޖާއަކާ ހަމައަށް ވާސިލުވެވޭނެކަމެއް ނޫންކަމަށާ އަދި ފުލުހުންނަކީ ގާނޫނު ތަންފީޒުކުރުމުގައި ހަވާލުކުރެވިފައިވާ މުހިންމު ޒިންމާތަކާ ހަމައަށް ދިއުމަށްޓަކައި މުހިންމު މަރުހަލާތަކެއް ކަޑައްތުކުރަންޖެހޭ ބައެއްކަމުގައި ވިދާޅުވިއެވެ. އަދި ދިވެހިންނަކީ އެއް އާއިލާއަކަށް ނިސްބަތްވާ ބަޔަކަށްވާއިރު ދިވެހިންގެ ތެރޭގައި ފާހަގަކުރެވޭވަރުގެ ބޮޑެތި ކުށްތައް ހުުރުމަކީ އެންމެ އެކަށީގެންނުވާ ކަންތައްކަމުގައި ވިދާޅުވިއެވެ.

އޭގެ އިތުރުން، ސުލްހަވެރިކަމަށް ލޯބިކުރާ އަދި އެކުވެރިކަމުގައި އެންމެ މަތިވެރި ނަމޫނާއެއް ދައްކަންޖެހޭ ބަޔަކީ ފުލުހުންކަމާއި، އެކަމުގެ އެންމެކުރީގައި ފުލުުހުން ތިބެގެން ނަމޫނާ ދައްކާނަމަ ކޮންމެ ރަށެއްވެސް ދުވަހެއް ދުވަހަކަށްދާނީ ހިތްހަމަޖެހުމާއި އުފާވެރިކަމާއި ފާގަތިކަން ލިބެމުން ކަމުގައި ވިދާޅުވިއެވެ. އަދި މިހާރުވެސް ބައެއް ރަށްރަށުގައި ކަންބޮޑުވާންޖެހޭ ކުށްތައް ހިނގާކަމަށާއި، އެ ކުށްތަކަކީ މަސްތުވާތަކެއްޗާއި އެކަމާ ގުޅިފައިހުރި ކަންކަން ކަމުގައި ވިދާޅުވިއެވެ. އަދި ކޮންމެ ރަށެއްގައި ހިނގާ މިފަދަ ކޮންމެ ކުށަކަށް ބަލާއިރު އެ ކުށުގެ ފަހަތުގައި އޮތީ ކޮންކަމެއްކަން ހުރިހާ މީހުންނަށްވެސް އިހުސާސްކުރެވޭނެ ކަމުގައި ވިދާޅުވިއެވެ.

މަސްތުވާތަކެތީގެ ކުށްތަކަކީ ރާއްޖޭގައި ބައިގަރުނަށްވުރެ ގިނަ ދުވަސްވެފައިވާ ބޮޑު މައްސަލައެއް ކަމަށާއި، ރާއްޖޭގެ ހުރިހާ މުއައްސަސާތަކާއި އަފުރާދުން ގުޅިގެން މިކަމުން އަރައިގަންނަން މަސައްކަތްކުރަންޖެހޭ ކަމުގައި ސީޕީ ވިދާޅުވިއެވެ.

ރަސްމިއްޔާތުގައި ސީޕީ ޙަމީދު ދެއްކެވި ވާހަކަފުޅުގައި މިއަދަކީ، ރާއްޖޭގައި މީހުން އުޅޭ ހުރިހާ ރަށެއްގައި ފުލުުހުންގެ ހިދުމަތް ފޯރުކޮށްދެމުންދާ މަސައްކަތްތަކަށް އިތުރު ފުރިހަމަކަމެއް ލިބިގެންދާ ދުުވަހެއް ކަމުގައި ވިދާޅުވިއެވެ. އަދި ކުޑަފަރީގައި ފުލުހުންގެ ހިދުމަތެއް ފޯރުކޮށްދިނުމުގެ އެންމެ މުހިންމު ބޭނުމަކީ ރައްޔިތުންނަށް ސަލާމަތާއި ރައްކާތެރިކަން ފޯރުކޮށްދިނުން ކަމުގައިވިދާޅުވިއެވެ. އަދި އެކިގޮތްގޮތުން ދިވެހި މުޖުތަމައަށް އަންނަ ބަދަލާއެކު ކުޑަފަރި ފަދަ ކުށްތައް ފެތުރިފައިވާ މިންވަރު މަދު ރަށްތަކަށްވެސް ބޮޑެތި ކުށްތައް ފެތުރުމުގެ ފުރުސަތު ބޮޑުކަމަށާއި، އެ ކުށްތަކުން ރަށުގެ ރައްޔިތުން ސަލާމަތްކޮށް ރައްކާތެރި އަމާން ވެއްޓެއްގެ ގޮތުގައި ދެމެހެއްޓުމަށްޓަކައި ފުލުހުން ގާއިމުވެ ތިބުމަކީ މުހިންމު ކަމެއް ކަމުގައި ވިދާޅުވިއެވެ.

ރަސްމިއްޔާތު ނިންމަވާލެއްވުމަށްފަހު މިނިސްޓަރ އިމްރާން  އާއި ސީޕީ ހަމީދު ކުޑަފަރި ޕޮލިސް ޕޯސްޓު ބައްލަވައިލެއްވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button