ޚަބަރު

ނިޤާބުވެގެން ތަޢުލީމު ހާސިލު ކުރާ ކުދީންނަށް ސަރުކާރުން ފުރައްސާރަ ކުރާތީ އާޒިމާގެ ސިޓީއެއް ޖެންޑާ މިނިސްޓަރަށް

ޢަރަބިއްޔާ ސްކޫލުގައި ނިޤާބު އަޅައިން ތަޢުލީމު ހާސިލު ކުރާ ކުދީންގެ ތަޢުލީމީ ޙައްޤު ގެއްލޭތީ އާއި އެކުދިންނަށް ސަރުކާރުން ކުރަމުންދާ ފުރައްސާރައާއި ގުޅިގެން ކުރީގެ ބަންޑާރަ ނާއިބު އައިޝަތު އާޒިމާ ޝަކޫރު މިނިސްޓަރ އޮފް ޖެންޑާ ފެމިލީ އެންޑް ސޯޝަލް ސާވިސަސް އައިޝަތު މުޙައްމަދު ދީދީއަށް ސިޓީއެއް ފޮނުއްވައިފިއެވެ.

ނިޤާބުވެގެން ޢަރަބިއްޔާ ސްކޫލުގައި ތައުލީމު ހާސިލު ކުރަމުންދާ އަންހެން ކުދިންނަށް ދިމާވެފައިވާ ގޮންޖެހުމާއި ގުޅިގެން އާޒިމާ ޝަކޫރު ޖެންޑަރ މިނިސްޓަރަށް ސިޓީ ފޮނުއްވާފައިވަނީ އެކުދިންގެ ތެރެއިން، މޫނު ކަޝްފުކޮށްގެން މުޖުތަމަޢުގެ ތެރެއަށް ނިކުތުމަށް ޢުޒުރުވެރިވާ ކުދިންގެ ތަޢުލީމުގެ ޙައްޤު ގެއްލޭގޮތަށް ސަރުކާރުން ޤަވާއިދުތަކާއި ސިޔާސަތުތައް އެކުލަވާލައްވައި ތަންފީޛުކުރައްވަމުން ގެންދަވާތީ އާއި ސްކޫލު ތެރޭގައި އެކުދިންނާ ދޭތެރޭ ތަފާތުކޮށް ކަންކުރެވެމުންދާތީ، މިކަންކަމުގެ ސަބަބުން އެކުދިންގެ ތަޢުލީމަށް އަދި ނަފްސާނީ ދުޅެހެޔޮކަމަށް ބޮޑެތި ގެއްލުންތަކެއްވެ، އެކުދިންގެ މުސްތަޤްބަލަށް ފޫނުބެއްދޭނޭ ވަރުގެ ގެއްލުންތަކެއް ވަމުންދާ ކަމަށް ފެންނާތީ ކަމަށް އާޒިމާ ވިދާޅުވެފައިވެއެވެ.

މީގެއިތުރުން އާޒިމާ ވިދާޅުވީ މި ސިޓީ ފޮނުވި އަނެއް ބޭނުމަކީ ކުޑަކުދިންނާއި އަދި އަންހެނުންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ އެންމެ އިސް ޒިންމާ ޤާނޫނުން މަތިކޮށްފައިވާ ފަރާތަކީ ޖެންޑަރ މިނިސްޓަރުކަމަށް ވާތީ ކަމަށާއި، މިކަން މިނިސްޓަރުގެ ސަމާލުކަމަށް ގެނައުމަކީ ޤާނޫނީ ގޮތުން ކުރަންޖެހޭނޭ ކަމެއް ކަމަށްވާތީއާއި، ކުދިންގެ މިފަދަ ކަމެއްގައި، އެއްވެސް ކަމެއްނުކޮށް ހަނުހުރުމަކީ އަމިއްލަ ޒަމީރު ތަންދޭ ކަމަކަށްނުވާތީ ކަމަށެވެ. އަދި މިއީ މުޅި ދިވެހިރާއްޖޭގެ އަންހެނުންނާއި އަންހެން ކުދިންގެ ތަޢުލީމާއި މުސްތަޤުބަލާއި، އަދި މުޅި ދިވެހި މުޖުތަމަޢުގެ ދުޅަހެޔޮކަމާއި ގުޅިފައިވާ މައްސަލައެއްކަމަށް ދެކޭ ކަމަށާއި އެކަމުގައި އެދެވޭ ފިޔަވަޅުތަކެއް އަޅުއްވައިދެއްވައި، ޢަރަބިއްޔާގައި ނިޤާބުވެގެން ކިޔަވާ ކުދިންނަށް ތަޢުލީމު ލިބިގަތުމުގެ ޙައްޤު ކަށަވަރުކޮށް ދެއްވުން އެދޭކަމަށް އާޒިމާ ބަޔާންކުރައްވާފައިވެއެވެ.

އަޅުގަނޑުމެންގެ އަންހެން ދަރިންގެ ތެރެއިން، ވަކި ގޮތަކަށް ހެދުން އަޅާ ކުދިބަޔަކު އެކުދިންގެ ތަޢުލީމުގެ ޙައްޤު ހޯދުމަށް ކޯޓަށް ދާންޖެހޭ ހިސާބަށް ރާއްޖޭގެ ކަންކަން ދިޔުމުން އަޅުގަނޑުމެން އެދުވަހު ދެއްކި ވާހަކަތަކުގެ އަގަކީ ކޮބައިތޯ“

އާޒިމާގެ ސިޓީގައި ވިދާޅުވިއެވެ.

އާޒިމާގެ ސިޓީގައި ޢަރަބިއްޔާ ސްކޫލުގައި ތަޢުލީމު ހާސިލުކުރާ އަންހެން ކުދިންގެ ތެރެއިން މޫނު ކަޝްފުކޮށްގެން މުޖުތަމައަށް ނިކުންނަން ބޭނުން ނުވާ ކުދިން ކޮވިޑްގެ ހާލަތު ބަދަލުވެ މާސްކު އަޅަން ނުޖެހޭ ގޮތަށް ހަމަޖެއްސުމުން ވެސް މާސްކު ނުނަގާ ސްކޫލަށް ހާޒިރުވަމުން ގެންގޮސްފައިވާ ކަމަށާ ސްކޫލުން ވަނީ އެފަދަ ކުދިންނަށް މޫނުބުރުގާ އަޅައިގެން ސްކޫލަށް ހާޒިރުވުމުގެ ހުއްދަ ދީފައި ކަމަށެވެ. އަދި ނިގާބު އަޅައިގެން ސްކޫލަށް ހާޒިރުވާ ކުދިން ސްކޫލަށް ހާޒިރުވެ ކުލާސްތަކުގައި ބައިވެރިވަމުން ގެންގޮސްފައި ވަނީ މި ހުއްދައިގެ ދަށުން ކަމަށެވެ. އެހެންނަމަވެސް މޫނުބުރުގާ އަޅައިގެން ސްކޫލަށް އަންނަ ކުދިންނާއި ސްކޫލުގެ ޑެޕިއުޓީ ޕްރިންސިޕަލް ވަކިވަކިން ބައްދަލުކޮށް އެ ކުދިންނަށް މޫނުބުރުގާ އަޅައިގެން ސްކޫލަށް ނާދެވޭނެ ކަމުގައި އަނގަބަހުން އަންގާފައިވާ ކަމަށާ މޫނު ބުރުގާ އަޅައިގެން ސްކޫލަށް އަންނަ ކުދިންގެ ބެލެނިވެރިން ހާޒިރުކޮށް ކުދިންނަށް މޫނު އަޅައިގެން ސްކޫލަށް ހާޒިރު ނުވެވޭނޭ ކަމަށްވެސް ވަނީ އަންގާފައެވެ. މީގެ އިތުރުން އެކިކަހަލަ ފުރައްސާރަކޮށް އެކުދިން ސްކޫލްގެ މާހައުލަށް އައުމަށް އުޒުރުވެރިވާ ވަރަށް ސްކޫލްގެ މެނޭޖްމެންޓްގެ ފަރާތުން އަދި ޓީޗަރުންގެ ފަރާތުން މަސައްކަތް ކޮށްފައިވާކަމުގެ ކަންބޮޑުވުން އާޒިމާގެ ސިޓީގައި ފާހަގަކޮށްފައިވެއެވެ.

މޫނުބުރުގާ އަޅައިގެން ސްކޫލަށް ހާޒިރުވުމަކީ ޔުނިފޯމް ކޯޑާއި ޚިލާފުކަމެއްކަން ތަކުރާރުކޮށް އަންގަން ފެށުމުން ކުދިން ސްކޫލަށް ހާޒިރުވެ ތައުލީމު ހާސިލުކުރުމުގެ ހައްގު ލިބިގަންނަން ޖެހެނީ ”ގަވާއިދާ ހިލާފަށް“ ކަމުގައި އާޒިމާގެ ސިޓީގައި ވިދާޅުވެފައިވެއެވެ.

އަދި ކޮންމެ ދުވަހަކުމެ ގަވާއިދާ ހިލާފުވުމާއި ކިޔެވުން ހުއްޓާލުމާ ދޭތެރެއިން ގޮތެއް ހިޔާރުކުރަން ކުދިންނަށް ވަނީ ޖެހިފައެވެ. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މިއީ އެއްވެސް ފަރާތަކުން އެއްވެސް ކުއްޖަކަށް ކުރިމަތި ކުރުވައިގެން ވާނޭ ހާލަތެއް ނޫނެވެ. އަދި މިކަމުގެ ސަބަބުން ނިގާބު އަޅައިގެން މެނުވީ މުޖުތަމައަށް ނިކުންނަން ބޭނުންނުވާ ކުދިންގެ ތެރެއިން ބައެއް ކުދިން ވަނީ ސްކޫލަށް ދިޔުމުން އެކަހެރިވާން ފަށާފައެވެ. އަދި ބަލިވުމާއި ސްކޫލަށް ހާޒިރުނުވާ ދުވަސްތައް ގިނަ ވާން ފަށާފައެވެ. އަދި ސްކޫލްގެ ޕާފޮމަންސްއާއި ނަތީޖާއަށް އަސަރު ކުރަން ފަށާފައެވެ.

މާލޭގައި، ނިޤާބު އަޅައިގެން ކިޔަވަން ދެވޭނޭ އެއްވެސް ސްކޫލެއް ދައުލަތުން  ޤާއިމުކޮށްފައި ނުވާއިރު، މޫނު ކަޝްފުކޮށްގެން މުޖުތަމަޢަށް ނިކުންނަން ބޭނުންނުވާ ކުދިންނަށް ފުރުޞަތެއް ނެތް ގޮތަށް ސްކޫލްގެ ދޮރުތައް ބަންދުކުރަން ފަށައިފިނަމަ،  މިފަދަ ކުދިން ތަޢުލީމީ ފުރުޞަތުން މަޙުރޫމްވާނޭ ކަމާއި، އަދި އެއީ ކުދިންނަށް ކިޔެވުން ހުއްޓާލައި ގެއަށް ވަންނަން މަޖުބޫރު ކުރެވޭނޭ ކަމަކަށް ވާނޭކަން އާޒިމާ ފާހަގަ ކުރައްވާފައިވެއެވެ.

ރާއްޖޭގައި ޢަރަބި އިސްލާމީ ތައުލީމަށް ޚާއްސަކޮށްފައިވާ އަލްމަދަރަސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާގެ ދަރިވަރުންގެ ތެރެއިން މޫނުބުރުގާ އަޅާ ދަރިވަރުން މޫނު ނެގުމަށް އެޑިއުކޭޝަނުން އެންގި އެންގުން އެެ ސުކޫލުން ތަންފީޒު ކުރަން ފެށުމުން އެ މިނިސްޓްރީއާ ދެކޮޅަށް މިހާރުވަނީ އެ މައްސަލަ ކޯޓަށް ހުށައަޅާފައެވެ. މި މައްސަލަ ޢަރަބިއްޔާ ބެލެނިވެރީންގެ ފަރާތުން ކޯޓަށް ހުށައެޅީ އާޒިމާގެ ލޯފާމް ރެހެންދި ޗެމްބާސް އިންނެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button