ބިން ހިއްކުމުގައި ހުރިހާ ރަށަކީ އެއް ލެވެލެއްގައި އިސްކަން ދީގެން ހިންގޭނެ މަޝްރޫއެއް ނޫން ކަމުގައި ޕްލޭނިން މިނިސްޓަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އުނގޫފާރު ދާއިރާގެ އެމްޑީޕީގެ މެންބަރު މުހައްމަދު ވަހީދު (ވައްޑޭ) ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން އަސްލަމް ވިދާޅުވީ މަޝްރޫއުތައް ނުވަތަ މަސައްކަތުގައި އިސްކަން ދިނުމުގައި ތަރުތީބު ކުރަނިީ އޭރެެއްގައި މަސައްކަތް ކުރުމަށް އޮންނަ ހާލަތަށް ބަލައިގެން ކަމުގައެވެ.
ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ކޯލިޝަން ސަރުކާރުން 21 ރަށެއްގެ ބިން ހިއްކުމުގެ މަޝްރޫއު ލިސްޓު ކުރެވި ކޮންޓްރެކްޓް ކުރެވިފައިވާކަން ފާހަގަކުރައްވައި އަސްލަމް ވިދާޅުވީ ބިން ހިއްކުމުގައި ހުރިހާ ރަށަކަށް އެއްފަހަރާ އިސްކަން ނުދެވޭނެ ކަމުގައެވެ.
”ބިން ހިއްކުމުގައި ހުރިހާ ރަށަކީ އެއް ލެވެލް އޮފް ޕްރިއޯރިޓީ ގެ ރަށް ރަށެއް ނޫން.“ އަސްލަމް ވިދާޅުވިއެވެ.
ހަތަރު ޑްރެޖަރު އޮންނައިރު އޭގެ ތެރެއިން ބައެއް ޑްރެޖަރަށް ބައެއް ޒާތުގައި މަސައްކަތް ކުރެވިފައި، އެހެން ޑްރެޖަރުތަކަށް އެ މަސައްކަތް ނުކުރެވޭތީ ލިސްޓެއް ތަރުތީބު ކުރަންޖެހޭ ކަން އަސްލަމް ފާހަގަކުރެއްވިއެވެ. އެބޭފުޅާ ވިދާޅުވިގޮތުގައި އެކަން ކުރަނީ އެވަގުތަކަށް ބިމުގެ ބޭނުންތެރިކަން އެންމެ ބޮޑަށް ހުންނަ ރަށަކަށް ބަލާފައެވެ.
”އެހެން އެކަން ކުރަނީ. ބަޖެޓުގަ ތަރުތީބު ކޮށްފައެއް ނުހުރޭ އަހަރުގަ މަސައްކަތް ފަށަން ޖެހޭނީ މިވެނި ހިސާބެއްގަ ކަމަށް.“ އަސްލަމް ވިދާޅުވިއެވެ.
އަސްލަމް ވިދާޅުވީ ބިން ހިއްކުމުގައި މިވަގުތު ރާއްޖޭގައި އޮތް އެންމެ ރަނގަޅު ކުންފުންޏަކީ އެމްޓީސީސީ ކަމުގައެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ވެރިކަމުގައި އެ ކުންފުންޏަށް ގެނައި މަހާ ޖައްރާފަކީ ބިން ހިއްކުމުގައި ފާހަގަކޮށްލެވޭ ޑްރެޖަރެކެވެ. އަދި އެއީ އޭޝިއާ ރީޖަންގައި މިވަގުތު އޮތް އެންމެ ރަނގަޅު ޑްރެޖަރުކަންވެސް ފާހަގަކޮށްލެވެއެވެ.