ޚަބަރުސިޔާސީ

ހިޔާނާތުގެ އަހުލުވެރިން ހިފާ ހައްޔަރު ކުރުމަށްވުރެ ގެއްލުނު ފައިސާ ހޯދުމެއް ނޫންތޯ މުހިންމީ؟

ހިޔާނާތުގެ އަހުލުވެރިން ހިފާ ހައްޔަރު ކުރުމަށްވުރެ ގެއްލުނު ފައިސާ ހޯދުން މުހިންމު ކަމުގައި އިދިކޮޅު ރިޔާސީ ކެނޑިޑޭޓް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

މިހާރު ކުރިޔަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ޔާމީން ވިދާޅުވީ އެމްއެމްޕީއާރުސީގެ ފައިސާ އެމަނިކުފާނުގެ ވެރިކަމެއްގައި ހޯދުމަކީ އެންމެ މުހިންމު ކަން ކަމުގައެވެ.

”މީހުން ޖަލަށް ލުމަކުންނެއް އެކަމެއް ނުވާނެ ނޫންތޯ؟ އެމްއެމްޕީއާރުސީގެ މައްސަލައިގައި ނުބަލާ އެތައް ކަމެއް އެހެރީ. އެކަން ބަލަން މި ސަރުކާރަކުން ނޫޅޭ.“ ރައީސް ޔާމީން ވިދާޅުވިއެވެ.

ޔާމީން ފާހަގަކުރެއްވިގޮތުގައި އަދިވެސް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަތުން އެމްއެމްޕީއާރުސީގެ ފައިސާ ރިކަވާ ކުރެވޭނެއެވެ.

”އޭރުގެ ރައީސް ލުތުފީ (އޭސީސީގެ ރައީސް) ވަޑައިގެންފައި ވިދާޅުވި ލޮލުގެ ރެޓީނާ ޖައްސައިގެން ހުޅުވޭ ގޮތަށް ހުރި ތަނެއްގައި އެ ފައިސާ އެބަހުއްޓޭ. އަދީބަކީ ކުށްވެރިއެއް ކަމަށް ވީމާ ނުފޮނުވީ. އޭރުވެސް ދެންނެވިން ފައިސާ ރިކަވާ ކުރެވޭނޭ ގޮތްތައް އެބަހުއްޓޭ. ސިންގަޕޫރުގައި އަމުރެއް ވެސް ނެރެވިދާނޭ. އެއީ ކުރެވޭނޭ ކަމެއް.“ ޔާމީން ވިދާޅުވިއެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ކޯލިޝަން ސަރުކާރަށް މިހާތަނަށް އެމްއެމްޕީއާރުސީގެ ހިޔާނާތުގެ އެންމެ ލޯލާރިއެއްވެސް ހޯދިފައިނުވާއިރު، ރައީސް ޔާމީންގެ ވެރިކަމުގައި އެ މައްސަލައިގެ ޝަރީއަތްތައް ކުރިޔަށް ދިޔައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button