ރިޕޯޓް

ގިރިއަކަށް އަރައި ޤައުމެއް ބީހި ދިޔަވަނީ

ރާއްޖެއިން ބޭރުން މުދާ ބަރުކޮށްގެން ރާއްޖެއަށް އަންނަ އާގު ބޯޓެއް ފަރަކަށް ނުވަތަ ގިރިއަކަށް އެރުމުން ގެއްލުމުގެ ބަދަލުދައުލަތަށް ނަގައި އެކަމުގައި ޒިންމާވާ ފަރާތްތައް ޖަވާބުދާރީ ކުރުވައެވެ.

ބަންގްލަދޭޝްއަށް ނިސްބަތްވާ ޒުވާން އަލަމްގީރާއެކު އެއްޖިންސުން ގުޅުން ހިންގި ކަމުގެ ދިޔަކަމުގެ ތުހުމަތު ކުރެވޭ އެތައްސަތޭކަ ދިވެހިންގެ ވާހަކަ ތިލަވިތާ އަދި ގިނަ ދުވަހެއް ނުވެއެވެ. ބަންގްލަދޭޝްގެ މި ގިރިއަށް އެރިކަމުގެ ތުހުމަތު ކުރެވޭ މީހުންގެ ތެރޭގައި ދައުލަތުގެ އެކި އިދާރާތަކާއި މުޢައްސަސާތަކުގެ އިސްވެރިންނާއި، ސަރުކާރުގެ އޮފީސްތަކުގެ އެކި ފަންތީގައި މަސައްކަތްކުރާ ސަރުކާރު މުވައްޒަފުންނާއި، ސްކޫލްތަކުގައި ކިޔަވައިދޭ ސްކޫލް ޓީޗަރުންނާއި، ރާއްޖޭގެ ސިޔާސީ ދާއިރާގައި ހަރަކާތްތެރިވާ ސިޔާސީ ބޮޑުންނާއި، ވިޔަފާރި ބައްދަލުވުންތަކަށް ދިޔަ ވިޔަފާރިވެރިންނާއި، މިސްކިތުގެ މުދިމުންނާއި، ޤުރުޢާނާބެހޭ މަރުކަޒާ ހަވާލުވެ ހުންނެވި އިއްޒަތްތެރި ބޭފުޅާއާއި، ސިޔާސީ އެކްޓިވިސްޓުންގެ އިތުރުން ރާއްޖޭގެ ސަލާމަތީ ބާރުތަކާއި ފުލުހުންނަށްވެސް މިފާހިޝް މުޑުދާރު އަދި ހުތުރު އަމަލުގެ ތުހުމަތުގެ އިނގިލި ދިއްކުރެވެއެވެ.

ގިރިއަށް އަރައި އެތައް ސަތޭކަ މީހުން ލިވާތު ކުރި ކަމުގެ ތުހުމަތުތަކާއެކު އެއް ޖިންސުން ގުޅުން ހިންގަމުން އަންނަ އިތުރު އެތައް ބައެއްގެ ޙަބަރުތައްވެސް ތިލަވާން ފެށިއެވެ. ހަމައެކަނި ގިރިއަށް އަރައިގެނެއް ނޫނެވެ. ފިލްމީ ދާއިރާގައި ހަރަކާތްތެރިވާ ފަންނާނުންނާއި އަތޮޅުތެރޭގެ ބައެއް ސްކޫލްތަކުގެ ޓީޗަރުންގެވެސް ހިމެނެއެވެ.

މާޒީއަށް ޖެހިލާއިރު ޤައުމު ސިޔާސީ ގޮތުން ހަލަބޮލިވާން ފެށި ހިސާބުން ޤައުމުގެ އިޖްތިމާއީ ފޭރާން ވީދި، އެކަކު އަނެކަކަށް އިޙްތިރާމް ކުރުމާއި، ޤައުމުގައި ކުރިން އޮތް އެއްބައިވަންތަކަން ނެތިގެން ގޮސްފައިވާ ވާހަކައަކީ ކޮފީ މޭޒުތަކާއި ހޮޅުއަށިތަކުގައި ދެކެވުނު ވާހަކައެކެވެ. އޭރު އެކަމަކީ ބޮޑު ކަމަކަށްވެސް ވިއެވެ. ޙަބަރުތަކުގެ ފަލަ ސުރުޙީންވެސް ޖާގަ ލިބެމުން ދިޔަ ކަމެކެވެ. ނަމަވެސް މިހާރު އެވާހަކަ ދައްކާނެ މީހެއް ނެތެވެ. ޒުވާނުންނާ ހަރު މީހުންވެސް ހިމެނޭ ގޮތަށް ޕާޓީ ކުރުމާއި، މަސްތުވުމާއި، ބަދުއަޙްލާޤީ އަމަލު ހިންގުން ފަދަ ކަންކަން ޤައުމުގައި މިހާރު ޢާއްމުވެފައިވާ މިންވަރުން މިފަދަ ޙަބަރެއް ނޫހެއްގައި ޖަހާލިޔަސް އެއީ އެވަރުގެ މުހިއްމުކަމެއް ދޭ ޚަބަރަކަށް ނުވެއެވެ. މިފަދަ ކަމަކަށް ނޫހެއްގެ ފަލަ ސުރުޙީއަކުން ޖާގައެއް ނެތެވެ.

ތައިލެންޑުން އަންހެން ކުދިން ގެނެސްގެން މަސާޖް ޕާލާ އަދި ސްޕާ ތަކުގެ ނަމުގައި ހިންގަމުންދާ ތަންތަނުގެ ބިއްދަށުގައި ހިންގާކަމަށް ތުހުމަތު ކުރެވޭ ފާހިޝް ކަންކަމުގެ ވާހަކަ ދައްކަނީ ކާކު ތޯއެވެ؟ ޓިކްޓޮކް ފަދަ ސޯޝަލް މީޑިއާ އެޕްތައް ބޭނުންކޮށްގެން ތައިލެންޑުގެ ޒުވާން އަންހެންކުދިން ލައްވައި ކުޅުވާފައި ހުންނަ ވީޑިއޯތަކާއި ކުރާ އިޝްތިހާރު ތަކަކީ ހަމައެކަނި މަސާޖު ކުރުމަށްދެވޭ ދައުވަތެއް ތޯ ހިތާހިތުން ސުވާލުކޮށްލަނީ ކާކުތޯއެވެ. %100 އިސްލާމީ ޤައުމެއްގެ ގޮތުގައި ރާއްޖެ އޮވެ، ޤައުމު މިހާލަތަށް ވެއްޓިފައިވާ ދަނޑިވަޅެއްގައި އެއްޖިންސުން ގުޅުން ހިންގުމާއި ލިވާތުގެ ފާހިޝް ހަޑިމުޑުދާރު ހުތުރު ޢަމަލު ޤައުމުގައި ޢާއްމުވެފައިވާ މިންވަރު ފެނިފައި ކޮންމެ މީހަކުވެސް ބުނަނީ ”ކަމަކުވާ އަލަމްގިރި ކަލޭ ކުޅަދާނަ!“ މިހެންނެވެ. މައްސަލައަކީ ހަމަ އަލަމްގީރްތޯއެވެ؟ ނޫނީ ދިވެހިން އަހްލާޤީ ގޮތުން ވެއްޓިފައިވާ ދަށު ދަރަޖަ ތޯއެވެ؟

އިސްލާމް ދީނުގައި ހަރާމް ކުރައްވާފައިވާ ބޮޑެތި ފާފަތައް ކުރަމުންދާ މުޖުތަމައުއެއް މި ޤައުމުގައި ޤާއިމް ވުމުން އަދިވެސް ކުށްވެރި ކުރަނީ އަލަމްގީރްތޯއެވެ؟ މާތް ރަސްކަލާނގެ ގަދަފަދަ ވެގެންވާ އަޒާބަށް އެއްވެސް ވަރަކަށް ބިރުވެތިވުމެއްނެތި ސަދޫމްގެ ދަރަޖައަށް މި ޤައުމު ވެއްޓިފައިވާކަމަށް ޤަބޫލުކުރާކަށް އަދިވެސް ނުވޭތޯއެވެ؟ ގިރިއަކަށް އަރައި ދިޔަވަމުންދާ މި ޤައުމު ފެތެމުންދާ ތަން ނުފެނޭ ތޯއެވެ؟ އަދިވެސް ވަގުތު އެބައޮތެވެ. ކުށްވެރިންނަށް ހައްޤު އަދަބު ދޭށެވެ. ހަމަހަމަ ކަމާއެކު ޤާނޫނު ތަންފީޒު ކުރާށެވެ. އަޅުގަނޑުމެންގެ މި ޤައުމު ސަދޫމަށް ވެގެން ދިޔަ ގޮތް ވިޔަ ނުދޭށެވެ. ރަނގަޅު ގިރިއަކަށް އަރައި ދިޔަވަމުންދާ މި އޮޑި ސަލާމަތް ކުރާށެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button