ޖިންސީ ފުރައްސާރައިގެ ތުހުމަތު ކުރެވިފައި ވަނިކޮށް އިކްރާމަށް ވެމްކޯގެ ވަޒީފާ
މޯލްޑިވް ގޭސް ގެ ކުރީގެ ޑެޕިޓީ މެނޭޖަރު އަދި އެކްޓިންގް މެނޭޖަރުގެ މަގާމުގައި ހުންނެވި ޢަލީ އިކުރާމަށް ކޮރަޕްޝަނާއި ޖިންސީ ފުރައްސާރައިގެ ތުހުމަތު ކުރެވިފައި ވަނިކޮށް, ވެމްކޯއިން ވަޒީފާ ދިނުމަށް ނިންމައިފިއެވެ.
އެގޮތުން ”ދިޔަރެސް“ ނޫސް މަޖައްލާ ރިޕޯޓުކޮށްފައިވާ ގޮތުގައި އިކްރާމަށް ދީފައިވަނީ ވެމްކޯގެ ސީއޯއޯގެ މަގާމެވެ. އަދި މިއަދުގެ ވަގުތެއްގައި ވެމްކޯގެ ވަޒީފާއަށް އިކްރާމް ނިކުންނާނެ ކަމަށް އެ މަޖައްލާއިން ރިޕޯޓުކޮށްފައިވެއެވެ.
އިކްރާމަށް އެންމެ ފުރަތަމަ ޖިންސީ ފުރައްސާރައިގެ ތުހުމަތު ކުރެވުނީ މޯލްޑިވް ގޭހުގައި މަސައްކަތް ކުރި އިރު, އެކުންފުނީގެ އަންހެން މުވައްޒަފުން ތަކަކަށް މަގާމުގެ ބާރު ބޭނުކޮށް, ޖިންސީ ފުރައްސާރަ ކުރި ކަމުގެ ތުހުމަތެވެ. މި މައްސަލައިގައި އޭނާ ސަސްޕެންޑު ކުރުމާއެކު ވަނީ އަމިއްލައަށް އިސްތިއުފާ ދީފައެވެ.
ޖިންސީ ފުރައްސާރައިގެ އިތުރުން އިކްރާމަށް ވަނީ ކޮވިޑު-19ގެ ތެރޭގައި ރާއްޖެއަށް ބޭނުންވާ އޮކްސިޖަން ސިލިންޑަރުތައް ގެނައުމުގައި ކޮރަޕްޝަނުގެ އަމަލުތަކެއް ހިންގި ކަމުގެ ތުހުމަތުވެސް އަމާޒުވެފައެވެ. އަދި މި މައްސަލައިގައި މަޖްލީހުގެ އެސްއޯއީ ކޮމިޓީއަށް އިކްރާމް ހާޒިރުކުރުމުން ބުނެފައިވަނީ, އެއީ އޭނާ ފްރޭމްކުރުމަށް ކޮށްފައިވާ ކަމެއް ކަމަށެވެ.
މީގެ އިތުރުންވެސް އިކްރާމް މޯލްޑިވް ގޭސް ގައި މަސައްކަތްކުރިއިރު މަގާމުގެ ބޭނުންކޮށް މުވައްޒަފުންނަށް ބިރު ދައްކައި, މުވައްޒަފުން ލައްވައި ވަޒީފާގެ ބޭރުން އެހެނިހެން ކަންކަން ކުރުވާކަމުގެ އަޑުތައްވެސް ވަނީ ފެތުރިފައެވެ. އިކްރާމަކީ ރައީސް ސާލިޙުގެ އަނބިކަނބަލުން ފަޒްނާ އަހްމަދާއި ގާތް ގުޅުމެއް އޮންނަ މީހެކެވެ. އަދި އޭނާ މީގެ ކުރިން ވަނީ އޭނާއާއިމެދު ކުރެވޭ އެއްވެސް ތުހުމަތަކަށް ފިޔަވަޅެއް ނޭޅޭކަމަށް ބުނެފައެވެ.
ކަން މިހެން އޮތް އިރު އިކްރާމްގެ މައްޗަށް ކުރެވޭ ބޮޑެތި ތުހުމަތު ތަކުގެ ތަހުގީގުގެ ފަހު މަރުހަލާއަށް ދެވިފައި ނުވާކަން ފާހަގަކޮށްލެވެއެވެ. އޭނާގެ މައްޗަށް ކުރެވުނު ޖިންސީ ފުރައްސާރައާއި ކޮރަޕްޝަނުގެ ތުހުމަތު މަޖްލީހުގެ އެސްއޯއީ ކޮމިޓީއިން ބަލަން ފެށިނަމަވެސް, އޭގެން އެއްވެސް މައްސަލައެއް ކޮޅެއްގައި ޖެހިފައެއް ނުވެއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ރައީސް ސާލިޙްގެ ސަރުކާރުގެ އިސްފަޑިން, ޖިންސީ ފުރައްސާރައާއި ކޮރަޕްޝަންގެ ތުހުމަތުކުރެވޭ ގިނަ ބޭފުޅުންތަކަކަށް ގެންދަވަނީ ޖާގަދެއްވަމުންނެވެ. ބައެއް ބޭފުޅުންނަށް މަގާމުގައި ތިއްބަވަނިކޮށް ބޮޑެތި ތުހުމަތުތައް ކުރެވިފައިވާއިރު, އެކަންކަމަށް އެއްވެސް ފިޔަވަޅެއް އެޅިގެންދާތަނެއް ނުފެނެއެވެ. މީގެ އިތުރުން ހުދު ރައީސް ސާލިޙަށްވެސް ވަނީ ޒިނޭކުރުމާއި ބަނގުރާ ބުއިމުގެ ތުހުމަތުތައް އަމާޒުވެފައެވެ.