ޚަބަރުސިޔާސީ

އެލަވަންސް ލިބުނު އެންމެންގެ ޒާތީ މައުލޫމާތު އާންމު ކުރުމަށްފަހު ފައްޔާޒު މާފަށް އެދިވަޑައިގެންފި!

އިންކަމް ސަޕޯޓު އެލަވަންސް ލިބުނު މީހުންގެ ޒާތީ މައުލޫމާތު އާންމު ކުރެއްވުމަށްފަހު އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއީލް މާފަށް އެދިވަޑައިގެންފިއެވެ.

ފައްޔާޒުގެ ޓުވިޓަރ މެދުވެރިކޮށް އާންމު ކުރެއްވީ މިދިޔަ އަހަރުގެ ޖުލައި މަހުން ފެށިގެން އެ މިނިސްޓްރީގެ ޖޮބް ސެންޓަރުން އާންމު ކުރަމުން އަންނަ ލިސްޓެކެވެ. އެ ލިސްޓުގައި މީސް މީހުންގެ އައިޑީ ކާޑު ނަންބަރާއި، ވަޒީފާ އަދާ ކުރާ ތަން ނުވަތަ ކުރާ މަސައްކަތުގެ އިތުރުން އެލަވަންސަށް އެދޭ ސަބަބުވެސް ބަޔާންކޮށްފައި އޮވެއެވެ.

މިނިސްޓަރ ފައްޔާޒު މާފަށް އެދިވަޑައިގަތީ ލިސްޓު އާންމު ކުރުމަށްފަހު އާންމުންގެ ފާޑުކިޔުންތައް އަމާޒުވުމުންނެވެ. އޭގެ ކުރިން އޭނާ ވަނީ އެއީ ގޯހެއް ނޫންކަމަށް ދޭހަވާ ފަދަ މޭރުމަކުން ޓުވީޓެއް ކުރައްވާފައެވެ. އެހެން ނަމަވެސް ބައެއް މީހުން އޭނާއަށް ރައްދު ދިނުމުގެ ގޮތުން ބުނެފައިވަނީ، އެއީ ދުނިޔޭގެ ތަހުޒީބު ގައުމުތަކުން ކުރާ ޒާތުގެ ކަމެއް ނޫންކަމަށެވެ.

އިންތިހާބުތަކާ ދިމާކޮށް އިލެކްޝަންސް ކޮމިޝަނުން އާންމު ކުރާ، ވޯޓު ފޮށިތަކަށް ރަޖިސްޓަރ ކޮށްފައި ތިބޭ މީހުންގެ ލިސްޓުގައިވެސް އައިޑީ ކާޑު ނަންބަރުތައް ހުންނަނީ ޖަހާފައެވެ. އެކަމަކު ފައްޔާޒު އާންމު ކުރި ލިސްޓުގައި މީހުން ދިރިއުޅޭ ގެއާއި، ކުރާ މަސައްކަތާއި އަދާކުރާ ވަޒީފާގެ އިތުރުން ލިބޭ މުސާރަ ނުވަތަ މުސާރައިން އުނިކޮށްފައިވާ އަދަދުވެސް ހިމެނެއެވެ.

އިންކަމް ސަޕޯޓް އެލަވަންސް ދެނީ ވަޒީފާ ނެތް ކޮންމެ މީހަކަށް މަހަކު 5،000ރ. އެވެ. އަދި ވަޒީފާތަކުގައި އުޅޭ މީހުންގެ ތެރެއިން އެ އަދަދު ނުލިބޭ މީހުންނަށް، އެލަވެންސް ދެނީ މުސާރައިން އުނިކުރާ ބައި ހަމަޖައްސައިދޭ ގޮތަށެވެ. މިސާލަކަށް 3،000ރ ލިބޭ މީހަކަށް މިނިސްޓްރީއިން ދޭނީ 2،000ރ އެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button