ޚަބަރުސިޔާސީ

އަޅުގަނޑުގެ ހިތުގައި ރައީސް ޔާމީނާ ދޭތެރޭގައި އޮންނާނީ އަން ޑިވައިޑެޑް ލޯޔަލްޓީއެއް: ޑރ. މުޢިއްޒު

އިދިކޮޅުގެ ރިޔާސީ ކެނޑިޑޭޓް ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމާއި މެދު ޑރ. މުޢިއްޒުގެ ހިތުގައި އޮންނާނީ އަން ޑިވައިޑެޑް ލޯޔަލްޓީއެއް ކަމުގައި އެމަނިކުފާނު ވިދާޅުވެއްޖެއެވެ.

ޕީޕީއެމްގެ ނައިބު ރައީސް އަދި މާލެސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު މިފަދައިން ވިދާޅުވީ ރޭ ޗެނަލް-13 މެދުވެރިކޮށް އެމަނިކުފާނު އަމިއްލަ ހައިސިއްޔަތުން ދެއްވި ޚާއްސަ މެސެޖެއްގައެވެ.

ޑރ. މުޢިއްޒު މިފަދަ މެސެޖެއް ދެއްވާފައިވަނީ ރައީސް ޔާމީންގެ ކެނޑިޑެސީއަށް އެމަނިކުފާނު ހުރަސް އަޅުއްވާކަމާއި، ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށް މަސައްކަތް ކުރައްވަމުންދާކަމަށް ތުހުމަތު ކޮށް ސޯޝަލް މީޑިއާގައި އެތެރޭންނާއި ބޭރުން އެމަނިކުފާނަށް ކުރިމަތިކުރުވާ ފުރައްސާރަތަކާއި ގުޅިގެންނެވެ.

ތުހުމަތުތައް ދޮގު ކުރައްވާ މުޢިއްޒު ވަނީ ރައީސް ޔާމީނަށްއޮތް ތާއީދާއި އިޚުލާޞްތެރިކަން ސާބިތުކޮށްދެއްވާފައެވެ.

ޑރ. މުޢިއްޒު ވިދާޅުވީ އެމަނިކުފާނު ރައީީސް ޔާމީނަށް ތާއީދު ކުރަން ފެއްޓީ އިއްޔެއަކު މިއަދަކު ނޫން ކަމަށާއި، ރައީީސް ޔާމީން އަކީ ކެރޭ ޑެލިވަރ ކޮށްދޭ ވަޒީރެއްގެ ގޮތުގައި ވަރަށް ކުރިންވެސް ފާހަގަކުރެއްވުނު ބޭފުޅެއްކަމަށެވެ. އަދި ރައީސް ޔާމީން އަށް ތާއީދު ކުރާ އެންމެން ޢަޒުމް އާ ކުރަންވީ މި ޤައުމު ހަޤީޤީ މިނިވަންކަމުގެ އިިިޙްސާސް ވާގޮތަށް މި ޤައުމު ބައްޓަން ކުރުމަށްޓަކާ ރައީސް ޔާމީން މިނިވަން ކުރުމަށްޓަކާ ކުރަމުންދާ މަސައްކަތުގައި އިތުރު ހިތްވަރެއްލައި، ހަރުފަތްތަކެއް ގިރާ ކުރަން ޢަޒުމް ކަނޑައަޅަން ކަމުގައި ވިދާޅުވިއެވެ.

މިއާއިއެކު މުޢިއްޒު ވިދާޅުވީ ރައީސް ޔާމީން ޖަލުގައި ހުންނެވި ނަމަވެސް ޕީޕީއެމްގެ ރިޔާސީ ޓިކެޓް އަރުވާފައިވާ ބޭފުޅަކީ ރައީސް ޔާމީން ކަމާއި އެ ކަމަށް ހުރަސް އެޅުމުގެ ބަދަލުގައި އެންމެންވެސް އެމަނިކުފާނަށް ފުރިހަމަ ސަޕޯޓު ދޭން ޖެހޭ ކަމަށެވެ.

”ރައީސް ޔާމީން ޖަލުގައި ހުންނެވި ނަމަވެސް ޕީޕީއެމްގެ ރިޔާސީ ޓިކެޓް އަރުވާފައިވާ ބޭފުޅަކީ ޔާމީން . އެ ކަމަށް ހުރަސް އެޅުމުގެ ބަދަލުގައި އެމަނިކުފާނަށް ފުރިހަމަ ސަޕޯޓު ދޭން ޖެހޭ“ ޑރ.މުޢިއްޒު

މުޢިއްޒު ވިދާޅުވީ ރައީސް ޔާމީން މިނިވަންވެވަޑައިގަތުމަކީ އަބަދުވެސް ކުރާ ދުޢާ ކަމަށާއި ، اللهގެ ރަޙްމަތްފުޅުން އެކަން ކާމިޔާބު ވާނެ ކަމަށެވެ. މީގެ ކުރިންވެސް ރައީސް ޔާމީންގެ މައުޞޫމްކަން ސާބިތު ކޮށްދެއްވި ފަދައިން މިފަހަރުވެސް އެ ފުރުޞަތު ލިބިވަޑައިގެންފިނަމަ އެމަނިކުފާނުގެ މަޢުޞޫމުކަން ސާބިތުކޮށްދެއްވާނެ ކަމަށް މުޢިއްޒު ވިދާޅުވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button