ޚަބަރުސިޔާސީ

ޝާހީ ރޭޕު ކިޔާ އެއްޗެއް އަޑުއެހީ މި ސަރުކާރު އައި ފަހުން: ވައްޑެ

ރޯޔަލް ރޭޕުގެ ނަމުން މަޝްހޫރުކަން ހޯދާފައިވާ ހުޅުމާލެ ސަފާރީ ރޭޕު ކޭސްގެ މައްސަލަ ބެލުން ލަސްވަމުންދާތީ ތުލުސްދޫ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ވަހީދު އިބްރާހީމް (ލޯޔަރު ވައްޑެ) ފާޑުވިދާޅުވެއްޖެއެވެ.

މައްދެވިންގެ ނަމުގައި ޗެނަލް 13 އިން ގެނެސްދޭ ކަވަރޭޖެއްގައި ވާހަކަ ދައްކަވަމުން ވައްޑެ ވިދާޅުވީ ރޭޕުގެ ބޮޑެތި ތުހުމަތު ތަކަކީ އަޅާނުލާ ދޫކޮށްލަން ހެޔޮވާވަރުގެ ކަމެއް ނޫން ކަމުގައެވެ، އެކަމަކު ހުޅުމާލެ ފަޅުގައި އަޅާފައި އޮތް ސަފާރީއެއްގެ ތެރޭގައި ކެންޔާ އަންހެނަކު ރޭޕު ކުރިކަމަށް ބުނާ މައްސަލަ ނުބެލިގެން އުޅެނީ އެކަން ޝާހީ ރޭޕަކަށް ވާތީ ތޯ އޭނާ ސުވާލު ކުރެއްވިއެވެ.

”އަޅުގަނޑު އަދި އަލަށް މި އަޑުއެހީ ޝާހީ ރޭޕު ކިޔާ އެއްޗެއް މި ސަރުކާރު އައި ފަހުން. ބައްލަވާ އެ މައްސަލައިގެ ތުހުމަތު ކުރެވޭ އެކެއްގެ އަނބިކަނބަލުން މިހާރު ހުންނެވީ ބޭރުގެ މަގާމެއްގަ. އެއޮތީ އެކަމަށް އިންސާފު ލިބިފަ.“ ވައްޑެ ވިދާޅުވިއެވެ.

ހުޅުމާލެ ފަޅުގައި އަޅާފައި އޮތް ސަފާރީއެއްގެ ތެރޭގައި ކެންޔާ އަންހެނަކު ރޭޕް ކުރިކަމަށް ބުނާ މައްސަލައެއް ހިނގީ 2020 ވަނަ އަހަރުގެ ޖޫން މަހުގެ 26 ވަނަ ދުވަހުގެ ދަންވަރުގެ ވަގުތެއްގައެވެ. އެ ހާދިސާ ހިނގިތާ 6 މަސް ދުވަސް ފަހުން އެ މައްސަލައިގައި ދައުވާ ކޮށްފައިވަނީ ލ.ގަން ތުނޑި، ނޫރަންގެ އަބްދުﷲ ޝާންގެ މައްޗަށެވެ. ޝާން އަކީ ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެމްބަރު އަދި ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމެޓީގެ މުގައްރިރު ޖީހާން މަހުމޫދުގެ ފިރިމީހާ އެވެ. މެންބަރު ޖީހާނަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ އާއިލީ ބޭފުޅެކެވެ.

ޝާންގެ މައްޗަށް ޖުމްލަ 3 ދައުވާއެއް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ކޮށްފައިވެއެވެ. އެއީ ޖިންސީ ގޯނާކުރުމުގެ ކުށުގެ ދައުވާ އާއި، އަނިޔާއެއް ދީފާނެކަމުގެ ބިރުދެއްކުމުގެ ކުށުގެ ދައުވާގެ އިތުރުން، ގައިގާ އަތްލުމުގެ ކުށުގެ ދައުވާ އެވެ. ޕީޖީ އޮފީހުން ވަނީ އިތުރު 2 މީހަކަށްވެސް ދައުވާ ކޮށްފައެވެ.
އެކަމަކު އެކަށީގެންވާ ހެކި ނެތްކަމަށް ބުނެ އެ ދެމީހުންގެ މައްޗަށް ދައުވާ ނުކުރުމަށް ވަނީ ނިންމާފައި

ސަފާރީ ރޭޕްގެ މައްސަލައިގައި ފުލުހުން ވަނީ ކުށުގެ ވެށިން 39 އަހަރުގެ ދިވެހި ދެ ފިރިހެނުން ހައްޔަރު ކުރުމަށްފަހު ހައްޔަރުގައި ބަހައްޓަން ޖެހޭ ސަބަބެއް ނެތް ކަމަށް ބުނެ ދޫކޮށްލާފައެވެ. އޭގެ ތެރޭގައި މެމްބަރު ޖީހާން މަހުމޫދުގެ ފިރިމީހާވެސް ހިމެނެއެވެ. ކެންޔާ އަންހެން މީހާއާއި ހަވާލާދީ ބައެއް މީޑިއާތަކުގައި ރިޕޯޓް ކޮށްފައިވާ ގޮތުގައި އެކަން އޮއްބާލުމަށާއި ފުލުހުންނަށް ބަޔާން ނުދިނުމަށް ބަޔަކު މީހުން އޭނާއަށް ފައިސާގެ އިނާމް ހުށައަޅައި އިންޒާރު ދީ ބިރު ދައްކާފައިވެއެވެ. އަދި އެ މީހުންނަކީ ރޯޔަލް ނުވަތަ ޝާހީ ބައެއް ކަމަށާއި، އެމީހުންނާއި ނުކުޅެވޭނެކަމަށް ބުނި ކަމަށްވެސް އަޑުތައް ފެތުރިފައިވެއެވެ.

 

 

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button