ޚަބަރު

އަދުހަމް ހުރީ ޖާނުން ފިދާވެގެން ވެސް ހަމަލާދޭން ތައްޔާރަށް: ފުލުހުން

މެއި 6 ވަނަ ދުވަހު ރައީސް މުހައްމަދު ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާއާއި ގުޅިގެން ހައްޔަރުކުރި، ވ.ތިނަދޫ، ހިޔާ، އަދުހަމް ރަޝީދު ހުރީ ޖާނުން ފިދާވެގެންވެސް ހަމަލާދޭން ތައްޔާރަށް ކަމަށް ފުލުހުންގެ ތަހުގީގަށް އެނގިފައިވާކަން ހާމަކޮށްފިއެވެ.

ފުލުހުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، މިހަމަލާއާއި ގުޅިގެން ހައްޔަރުކުރި މީހުންނަކީ ހަރުކަށި ފިކުރަށް ތާއީދުކުރާ ބައެއް ކަމަށް ވަނީ ހާމަކޮށްފައެވެ. އެގޮތުން އެމީހުންނަކީ ޓެރޮރިސްޓް ޖަމާއަތެއް ކަމަށްވާ އައިސިސް އަށް ތާއީދުކުރާ ބައެއް ކަމަށާއި، ގިނަ އަދަދެއްގެ ބަޔަކަށް ގެއްލުން ވާފަދަ ހަމަލާއެއް ދޭން ޖެހިލުން ނުވާނެ ބައެއް ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ. އަދި އޭގެ ތެރެއިން ގިނަ މީހުންނަކީ ރާއްޖޭގެ ބިމަކީ ކުފުރު ބިމެއް ކަމަށް ދެކޭ މީހުންކަމަށާއި، ރާއްޖޭގެ ދައުލަތާއި ގާނޫނު އަސާސީ އެމީހުން ގަބޫލު ނުކުރާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

މިމައްސަލައާއި ގުޅިގެން 4 މީހަކަށް ދައުވާކުރުމަށް މިހާތަނަށް ވަނީ ފޮނުވާފައެވެ. އެއީ ވ.ތިނަދޫ/ ހިޔާ، އަދުހަމް ރަޝީދާއި، މއ.ފޭރުގޭ މުޖާޒް އަހްމަދާއި، ލ.ގަން/ ދުންފިނިއުފާ އަހްމަދު ފާތިހް އަދި ގއ.ކޮނޑޭ/ ފޮޅޭމާ، ތަހުމީމް އަހުމަދެވެ. މިމީހުންނަކީ މިމައްސަލާގައި އަމަލީގޮތުން ބައިވެރިކަމަށް ޔަގީންވާ ދަރަޖައަށް ހެކި ލިިބިގެން ހައްޔަރުކުރެވިފައިވާ މީހުންނެވެ.

މީގެ އިތުރުން ވެސް މިހަމަލާ ރޭވުމުގަޔާއި ހަމަލާގެ އެކިއެކި ކަންކަމުގައި ހަރަކާތްތެރިވީ ކަމަށް ޝައްކުކުރެވޭ 6 މީހަކު ފުލުހުންވަނީ ހައްޔަރު ކޮށްފައެވެ. އެއީ :

  1. އިސްހާގް   (ކ.މާލެ/ކުދެހިމާގެ)
  2. ފަހްމީ އަލީ    (ހުދުހުދާގެ/ގއ.ވިލިނގިލި)
  3. އަލީ ހައިޝަމް  (ނޫރީގެ/ނ.މަނަދޫ)
  4. މުހައްމަދު ނާޒިމް  (އަސަރީގެ/އއ.މާޅޮސް)
  5. މުހައްމަދު ތަސްނީމް  (އަލަނާސިގެ/ހއ.ހޯރަފުށި)
  6. ޢަބްދުﷲ އަލިމަނިކު  (ބަހާރުގެ/ހއ.މޮޅަދޫ)
ހަމަލާއާއި ގުޅިގެން ކުރެވޭ ތުހުމަތުތަކުގައި ހައްޔަރުކުރި މީހުން | ފޮޓޯ:ޕޮލިސް މީޑިއާ

މިމީހުންނަކީ ހަމަލާ ރޭވުމުގައި އެކިގޮތްގޮތުން ބައިވެރިވީ މީހުން ކަމަށް ފުލުހުންވަނީ ބުނެފައެވެ.

މިމައްސަލައާއި ގުޅިގެން ފުލުހުންވަނީ ގިނަ ބެލުންތަކެއް ބަލާފައެވެ. އެގޮތުން 228 މީހަކާއި ސުވާލުކޮށް، 109 އަމިއްލަ ތަނެއްގެ ސީސީޓީވީ ފޫޓޭޖް ބަލާ، 5000 ގަޑިއިރަށް ވުރެން ގިނަ އިރުގެ ފޫޓޭޖްތައް މޮނިޓަށް ކުރެވިފައިވާ ކަމަށް ފުލުހުން ބުނެފައި ވެއެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button