ޚަބަރުމުނިފޫހިފިލުވުން

ޝާފީ އާއި ރިފްލެކްޝަން އޮފިޝަލްގެ ބޮޑު ޢީދު ހަދިޔާ ރަޤުސުލް ޢީދު

ޢީދަށް ޚާއްޞަ ކޮށްގެން ”ޢީދު ލަވަ“ ނެރުމަކީ މިހާރަކަށް އައިސް ވަރަށް ފޯރީގައި ކުރަމުން އަންނަ ކަމެކެވެ.

މިފަހަރުގެ އަޟްހާ ޢީދަށް ޚާއްޞަކޮށްގެން އޭދަފުށީގެ މަޝްހޫރް ލަވަކިޔުންތެރިޔާ ޔޫސުފް ޝާފީ ސަޢީދު އާއި ރިފްލެކްޝަން އޮފިޝަލް ގުޅިގެން މިވަނީ ހިތްގައިމު ރީތި ލަވައެއް ބެލުންތެރިންނާއި ހަމައަށް ދޫކޮށްލާފައެވެ.

”ރަޤުސުލް ޢީދު“ ނަމަކަށް ކިޔާ މި ލަވަ ކިޔާފައިވަނީ ޝާފީ އެވެ.

ޝާފީ ”ބޮންތި“ އަށް މައުލޫމާތު ދިންގޮތުގައި މިލަވައަކީ އޭނާގެ އަމިއްލަ ލަވައެކެވެ، މެލޮޑީ އަދި ލިރިކްސް ވެސް ހަދާފައި ވަނީ ޝާފީ އަމިއްލައަށެވެ. އަދި މިކްސިން ހަދާފައި ވަނީ ހުސެން ތައުފީގް ކަމަށާއި، މިލަވައިގައި ބޮޑަށް ފެނިގެން ދާނީ ޘަޤާފީ ނެށުންތައް ކަމުގައި އޭނާ ބުންޏެވެ. ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ގެންގުޅޭ ވަރަށް ގިނަ ނެށުންތައް މިލަވައިން ފެނިގެންދާނެއެވެ. އަދި މި ލަވައިގެ އަސްލު ބޭނުމަކީ ރާއްޖެއިން އުވެމުންދާ ޘަޤާފީ ނެށުންތައް އަލުން ވުޖޫދަށް ގެނައުމެވެ.

ރަޤުސުލް ޢީދު ލަވައިގެ މޭސްތިރިން

ހިތްގައިމު މަންޒަރުތަކާއެކު މި ލަވަ ބެލުންތެރިންނާ ހިސާބަށް ގެނެސް ދިނުމުގައި މުޙައްމަދު އަޙުމަދު ނާހިލްގެ ކެމެރާ ކުރުމުގެ ހުނަރު މިލަވައިގައި ވަނީ ވަރަށް ފުރިހަމައަށް ދަކުވައިދީފައެވެ. ނާހިލް ބުނިގޮތުގައި މިލަވައިގެ ސަބަބުން ވަރަށް ގިނަ ކަންކަން ދަސްވިއެވެ.

ޑައިރެކްޝަންގެ ހުރިހާ ކަމެއް ކުރި ހައިޝަމް ބުނިގޮތުގައި މިލަވައިގައި ބޮޑަށް ބެލީ ގިނަ ރަށްރަށަށް ފުރުޞަތުދީގެން އެރަށް ތަކުގައި ހުރި ތަފާތު ކަންކަން ގެނެސް ދެވޭތޯއެވެ. އެގޮތުން ބ އަތޮޅުގެ ހަތަރު ރަށަކާއި، އަތޮޅުން ބޭރުން އެއްރަށަށް ފުރުޞަތު ދިނެވެ. މިލަވަ ނަގަން ދިޔަ ރަށްތަކުގެ ތެރޭގައި ބ.އޭދަފުށި، ބ.މާޅޮސް، ބ.ތުޅާދޫ، ބ.ފުޅަދޫ އަދި ރ.ދުވާފަރު ހިމެނެއެވެ. މިހުރިހާ ރަށެއްގެ އަންހެން ފިރިހެން ދެ ޖިންސުގެ ޒުވާނުންގެ ޡަޤާފީ ފޯރިއާއިއެކު ނަށަމުންދާ މަންޒަރުތައް ފެންނިގެން ދާނެ ކަމުގައި ހައިޝަމް ބުންޔެވެ.

ޕްރޮޑަކްޝަންގެ ހުރިހާކަމެއް ކުރި އަޙުމަދު އާލިފް ބުނިގޮތުގައި އެކި ރަށްތަކުގެ އެކި ކަހަލަ ތަފާތު މަންޒަރުތައް ދައްކުވައިދޭ ލަވަ ނެރުމަކީ އޭނާގެ ވަރަށް ބޮޑު އުންމީދެކެވެ. މިކަމުގައި ވަރަށް ގިނަ ފަރާތްތަކެއްގެ އެއްބާރުލުމާއި، އެހީތެރިކަން ލިބުނު ކަމަށާއި އެހުރިހާ ފަރާއްތަކަށް އޭނާ ވަރަށް ބޮޑަށް ޝުކުރު އަދާކުރިއެވެ. އަދި ޚާއްޞަކޮށް ޝާފީ އާއި ރިފްލެކްޝަން އޮފިޝަލްގެ މެންބަރުންގެ ޢާއިލާތަކުން ދިން އެހީތެރިކަން އޭނާ ފާހަގަކުރިއެވެ.

ޝާފީ އާއި ރިފްލެކްޝަން އޮފިޝަލްގެ މެންބަރުންގެ ފަރާތުން މި ގެނެސްދިން އީދު ހަދިޔާ ހުރިހާ ފަރާތްތަކަށްވެސް ކަމުދާނެ ކަމަށް އުންމީދު ކުރެވެއެވެ.

One Comment

Leave a Reply

Your email address will not be published. Required fields are marked *

Back to top button