ރިޕޯޓް

ހަޔާތެއް ކިއުގައި!

ގައުމެއް ގައުމަކަށް ހަދައިދެނީ އެގައުމެއްގައި އުޅޭ ރައްޔިތުންނެވެ. އެއީ ހަގީގީ ބާރެވެ. ސަރުކާރެއްގެ ބޭނުމަކީވެސް ރައްޔިތުންގެ ހާލަތު ބަދަލުކުރުމެވެ. ނަމަވެސް ދިވެހި ރާއްޖެއަށް ނަޒަރު ހިންގައިފި ނަމަ ފެނިގެން ދަނީ މުޅިން ތަފާތު މަންޒަރެކެވެ. ހުރިހާ ގޮތަކުން ވެސް ފަސޭހަތައް ލިބިދޭންޖެހޭ ރައްޔިތު މީހާގެ ކަންކަމަށް ދިގު އިންތިޒާރެއް ކުރަންޖެހުމެވެ.

ދިވެއްސެއްގެ ގާތުގައި ހިދުމަތެއްގެ ވާހަކަ ދައްކައިފިނަމަ އެންމެ ފުރަތަމަ ވެސް ސިކުނޑިއަށް އަންނާނީ ކިއުއެއްގައި ހުންނަން ޖެހޭ ޖެހުމެވެ. ކޮންމެ ހިދުމަތަކާއެކު ޔަގީންވާ އެއްކަމަކީ ކިއުއެއްގައި ހުންނަން ޖެހުމެވެ. އެގޮތުން އެންމެ ކައިރިން މިހާރު މުޅި ދުނިޔެ ”ޑޮމިނޭޓު“ ކުރަމުން މިދާ ކޯވިޑު-19 ގެ ބަލިމަޑުކަމުގެ ހާލަތަށް ނަޒަރު ހިންގާލުމުން އެކަން ސާބިތުކޮށްދެއެވެ. މިހާރުގެ ހާލަތަށް އެންމެ އެކަށީގެން ވަނީ ވެކްސިން ޖެހުން ކަމަށްވާއިރު، ވެކްސިން ޖެހުމުގެ ބޭނުމުގައި އެކި އިދާރާތަކަށް ދާ މީހުން ތިބެން ޖެހެނީ އެތައް ގަޑިއިރެއް ވަންދެން ދިގު ކިއުއެއްގައެވެ. އެކަމުގެ ސަބަބުން ބަލިން ރައްކާތެރިވުމަށްވުރެ ބައްޔަށް ހުށަހެޅޭ މިންވަރު އިތުރުވެގެން ހިނގައިދާނެއެވެ. ރައްޔިތުން ބެލުމުގެ ޒިންމާ ބޮލުގައި އަޅައިގެން ވެރިކަމުގައި ތިބި ފަރާތްތައް މިއަށްވުރެ ޒިންމާދާރު ވާން ޖެހޭ ކަމަށް ބުނެ އުފުލާ އަޑުތައް ވެސް ގަދަވަނީއެވެ. ރައްޔިތުންގެ ވެރިކަމެއް ކޮށްދޭން ތިބި ބަޔަކަށް ކަންކަން ކުރަން ނޭނގުމުގެ ސަބަބުން، މިއަދު ރައްޔިތު މީހާ ލެއްވިހާ ކިއުއެއްގައި ހަނާ ވާން ޖެހުމަކީ ރައްޔިތުންނަށް ހައްގުވާ މިންވަރު ހެއްޔެވެ؟

ދެން އޮތީ އަދި އެއަށްވުރެ އަޖައިބުވާ ވާހަކައެކެވެ. ކައިވެނި ކުރަން ބޭނުންވާ ފަރާތްތައް އެހެން ދެވަނަ ވިސްނުމަކަށް ދާން ބޭނުންވާ ކަމަށް ބުނެ ދެކެވޭ ވާހަކަތަކުގެ އަޑު ގަދަވާން ފަށައިފިއެވެ. ކައިވެނި ކުރާ ފޯމް ލަންވެސް ކިއުގައެވެ. މިދެކެވެނީ މީހަކާއި އިންނަން ގައުމެއްގެ ޒުވާން ފުރައިގެ ކުދިން އުޅެން ޖެހޭ ހާލުގެ ވާހަކައެވެ. ނަމަވެސް 2018 ވަނަ އަހަރުންސުރެ ކަންފަތުގައި އަބަދުމެ ހަރުލާފައި ހުންނަނީ މި ވެރިކަމަކީ ރައްޔިތުންގެ ވެރިކަމެކޭ ބުނާ އަޑެވެ. އަބަދުވެސް ރައްޔިތުންނަށް ”އަޅާލާނެ“ ކަމުގެ ފޮނި އުންމީދު ދިނެވެ. އެކަމަކު މިހާރު ”އަޅާލި“ ގޮތް އެނގިއްޖެ ނޫން ހެއްޔެވެ؟

ސަރުކާރުން މިއަށްވުރެ ރަނގަޅަށް ކަންކަން އިންތިޒާމް ކުރެވޭނެއެވެ. ކޯވިޑުން ދަސްވި އެއްޗަކީވެސް ޓެކްނޮލޮޖީގެެ ޒަރީއާއިން ހިދުމަތް ދިނުމާއި ލިބިގަތުމުގެ މުހިންމުކަމެވެ. އެކަމަކު އަދިވެސް ކިއުތަކުން ސަލާމަތްވާ ވަރެއް ނުވެއެވެ. ހޮސްޕިޓަލަށް ދިޔަޔަސް ކިއުއެކެވެ. ބޭންކަށް ވަނަސް ކިއުއެކެވެ. ސަރުކާރުގެ އިދާރާއަކަށް ވަނަސް ކިއުއެކެވެ. ހަޔާތެއް ކިއުއެއްގައި ނިމިދަނީއެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button