ރިޕޯޓް

ރައީސް ޔާމީންގެ ޝަރީއަތް: ގާނޫނީ ނަޒަރަކުން!

އިދިކޮޅު ސިޔާސީ ލީޑަރު، ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މަނީ ލޯންޑާ ކުރިކަމަށް ކަނޑައަޅައި، 5 އަހަރު ދުވަހުގެ ޖަލު ހުކުމެއް ކުރީ ކްރިމިނަލް ކޯޓުގައި އޭރު އިސްކޮށް ހުންނެވި ފަނޑިޔާރު އަހުމަދު ހައިލަމް މަގާމުން އެކަހެރިކޮށްފައެވެ. އޭރު ރައީސް ޔާމީނަށް ހުކުމް ކުރުމަށް ބާކީ އޮތީ އެންމެ ފަސް ގަޑިއިރެވެ. އެމަނިކުފާނުގެ ޝަރީއަތުގެ ބޭރުފުށުން އެތައް ކަމެއް ހިނގާފައިވެއެވެ. އެހެން ނަމަވެސް އެކަން ކަމުގެ ތަފްސީލަށް ނުގޮސް ހުކުމުގެ ސަބަބުން އުފެދޭ ގާނޫނީ ބައެއް ކަންބޮޑުވުންތަކަށް ބަލާލާނަމެވެ.

އެންމެ ފުރަތަމަ ކަމަކަށް ރައީސް ޔާމީންގެ މައްޗަށް ކުރި ތަހުގީގާއި ދައުވާއަކާ ދިމައެއްނުވެއެވެ. ތަހުގީގުކުކުރީ ދައުލަތުގެ އިދާރާއަކަށް ދޮގު ހެކިދިން ކަމަށް ބުނެއެވެ. ނަމަވެސް ދައުވާ ކުރީ މަނީ ލޯންޑަރ ކުރިކަމަށް ބުނެއެވެ. ރައީސް ޔާމީންގެ މައްޗަށް ހިންގި ޝަރީއަތް ބިނާވަނީ، އެސްއޯއެފް ކިޔާ ކުންފުންޏަކުން ޖަމާކުރި ޗެކެއްގެ ކަންތަކުގައެވެ. އެކުންފުނީގެ އެއްވެސް މައްސަލައެއް ތަހުގީގެއް ނުކުރެއެވެ. އަދި އެ ކުންފުނީގެ މައްޗަށް ކޮރަޕްޝަނެއްވެސް ސާބިތުނުވެއެވެ. އެމްއެމްޕީއާރްސީއާއި އެސްއޯއެފް އާއި ދެމެދު ވިޔަފާރީގެ ސައްހަ މުއާމަލާތް ހިނގާފައިވާކަމަށް 2017 ވަނަ އަހަރު ސިވިލް ކޯޓުން ނިންމި ގަޒިއްޔާގައި ކަނޑައަޅާފައިވެއެވެ. ކޯޓުގެ ހުކުމުންވެސް އެމްއެމްޕީއާރްސީއާއި އެސްއޯއެފް އަކީ ދިހަ މިލިއަން ޑޮލަރުގެ މުއާމަލާތް ހިންގާފައިވާ ދެކުންފުނިކަމާއި، އެދުވަސްވަރު އެސްއޯއެފުން ރައީސް ޔާމީންއަށް ޗެކެއް ދީފައިވާކަން އެނގެއެވެ. އެސްއޯއެފްގެ އެއްވެސް ކުށެއް ނެތްއިރު އެކުންފުނިން ރައީސް ޔާމީނަށް ޗެކެއް ދިނުމުން ކުށަކަށްވީ އެއްވެސް ގޮތެއް ދައުލަތަށް ބަޔާންކޮށްދެވިފައިނުވެއެވެ.


އެމްއެމްޕީއާރްސީން އެސްއޯއެފަށް ދޫކުރި ޗެކަކީ އެކުންފުނީގެ އޭރުގެ މެނޭޖިން ޑިރެކްޓަރ އަބްދުﷲ ޒިޔާތު  ސޮއިކޮށް، ގާނޫނުގައިވާ ގޮތަށް އެންޑޯސްކޮށްފައި ފޮނުވި ޗެކަކަށްވާއިރު، އެކަން ބޭންކުން ގަބޫލުކޮށް ޗެކް ބަލައިގެންފައިވެއެވެ. އެހެން ކަމުން ދައުލަތަށް މުޅި މިމައްސަލައިގައި ހިންގި ކޮރަޕްޝަންގެ އަމަލަކީ ކޮބައިކަން އެއްވެސް މިންވަރަކަށް ސާބިތުކޮށް ނުދެވެއެވެ. ރައީސް ޔާމީންގެ މައްޗަށް ދައުވާކޮށްފައި ވަނީ ކޮރަޕްޝަންގެ އަމަލަކުން މަނީ ލޯންޑަރ ކުރުމުގެ ކުށުގެ ދައުވާ ކަމަށްވިޔަސް، މިއަދާ ހަމައަށްވެސް ގާނޫނީ، މި ރުކުން ގާއިމް ނުވެވުމުން، މުޅި މައްސަލަ ޝަރުއީ މިންގަނޑުން ސާބިތުނުވާކަން އެނގެން އޮތެވެ. އެހެން ނަމަވެސް އެމަނިކުފާނު ކުށްވެރިވީކަމަށް ހުކުމް ކުރުމުން އަދުލުގެ ނިޒާމަށް ދިވެހި ތާރީހު މަލާމާތް ކުރާ ކަހަލައެވެ.

ދެން އޮތީ ރައީސް ޔާމީނަށް ހައިކޯޓުން ކަފާލާތު ނުދިން މައްސަލައެވެ. އެމަނިކުފާނަށް ކަފާލާތު ނުދީ ހައި ކޯޓުން ހިފެހެއްޓީ، ކޯޓުގެ އަމިއްލަ ނިންމުންތަކާއި ގަވާއިދާއި ޖިނާއީ އިޖުރާތުގެ ގާނޫނާއި ހިލާފަށެވެ. ފަނޑިޔާރުން ތަފާތު ތިން ވާހަކައެއް ދައްކަވައި، މުޅި މައްސަލައިގައި ރައީސް ޔާމީނާ އެއްކޮޅަށް ހުކުމް އައުން ނަފީކުރިއެވެ.
އެ ގޮތުން މައްސަލަ ބެއްލެވި އެއް ފަނޑިޔާރު ވިދާޅުވަނީ ކަފާލާތު އެއީ ދެވޭނެ އެއްޗެއް ކަމަށާއި އަދި ހައި ކޯޓުން ކަފާލާތު ދީފައިވެސް އެބަހުރި ކަމަށެވެ. ނަމަވެސް ޖިނާއީ އިޖުރާތުގެ ގާނޫނުގެ ރޫހާއި ހިލާފް ކަމަށާއި، ހުކުމް ތަންފީޒުކުރުން ފަސްކުރަން ތާއިދު ކުރައްވާ ކަމަށެވެ. ދެވަނަ ފަނޑިޔާރު ވިދާޅުވަނީ ކަފާލާތު ދެވިދާނެ ކަމަށެވެ. އެހެން ނަމަވެސް 5 މިލިއަން ޑޮލަރު ބަހައްޓާ ގޮތަށެވެ. މި ދައުވާގައި ދަށު ކޯޓުގައި ކުރި ޖޫރިމަނާއާއިމެދު ހިތްހަމަ ނުޖެހިގެން އިސްތިއުނާފްކޮށްފައިވާ ނުކުތާގައިވާ އަދަދަކީ، ދުވަހަކުވެސް ކަފާލާތުގެ ގޮތުގައި އެއްވެސް ކޯޓަކުން ގެންގުޅުނު މިންގަނޑެއް ނޫނެވެ. ތިން ވަނަ ފަނޑިޔާރު ވަނީ އެއްކޮށް ކަފާލާތަކީ ރާއްޖޭގެ ގާނޫނީ ނިޒާމުގައި އޮތް އެއްޗެއް ކަމަށް ގަބޫލު ނުކުރައްވާ އަމިއްލަ ކޯޓުގައި ކުރިން ކޮށްފައިވާ ހުކުމްތައްވެސް ގޯސް ކަމަށް ބަޔާންކުރައްވާފައެވެ. ހުކުމުން ފެނިގެން ދިޔައީ ރައީސް ޔާމީނަށް ގާނޫނުން ކަށަވަރުކޮށްދީފައި އޮތް ކަފާލާތުގެ ހައްގު ހައި ކޯޓުން ނިގުޅައިގަތް މަންޒަރެވެ. ސަބަބަކީ، މީގެ ކުރިން، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް، ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު ފާރިސް މައުމޫން އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަށް ހައި ކޯޓުން ކަފާލާތު ދިނުމެވެ.

މަޖިލިސް ރައީސް، ރައީސް މުހައްމަދު ނަޝީދާއި އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ބާރުގެ ދަށަށް ޖުޑީޝަލް ސާރވިސް ކޮމިޝަން ގެނެވި، ކޯޓުތަކުގެ ހިންގުން ޖޭއެސްސީން ކޮންޓްރޯލް ކުރުމުން ރައީސް ޔާމީނަށް އިންސާފް ގެއްލި، އަދުލުގެ ނިޒާމް ފުނޑުފުނޑުވީއެވެ. މީގެ އިތުރުން ފާޅުގައި ގާނޫނުގައި ކޯޓުގެ ނިންމުންތަކުން ބިންވަޅު ނެގިފައި ހުރި ކަންތައްތަކުގައިވެސް ކޯޓުން އިންސާފު ނުލިބެން ފެށީއެވެ.

ރައީސް ޔާމީނަށް ކުރި ހުކުމުން އެނގުނީ އެމަނިކުފާނުގެ މައްޗަށް ހިންގުނު ޝަރީއަތަކީ އަސްލެއް ނެތް ސިޔާސީ ބަދަލު ހިފުމެއްކަމެވެ. އެމަނިކުފާނުގެ މައްޗަށް ތަހުގީގު ހިންގެވުމަށް ރައީސް ކަމުގެ މަގާމުގައި ހުންނަވައިގެން އެދިވަޑައިގެންނެވިއެވެ. އެއީ ދުނިޔޭގެ ނިސްބަތުންވެސް ރައީސުންގެ ކިބައިން ފެންނަ މަދު ސިފައެކެވެ. އެ ތަހުގީގު އެންޓި ކޮރަޕްޝަން ކޮމިޝަނުން ކުރުމަށްފަހު، އެމަނިކުފާނު ގާނޫނާއި ހިލާފް ކަމެއް ކުރެއްވި ކަމަކަށް ކަނޑައެއް ނޭޅެއެެވެ. އެކަމުގެ ހެއްކަކީ ޝަރީއަތުގެ މަޖިލީހުގައި އޭސީސީގެ ކުރީގެ ރައީސް މުއައްވިޒު ރަޝީދުގެ އަމިއްލަ އިއުތިރާފެވެ. 2018 ވަނަ އަހަރު ވެރިކަމުގައި ހުންނަވައި ރައީސް ޔާމީންގެ އަމިއްލަފުޅު އިސްނެންގެވުމުގެ މަތިން 1 މިލިއަން ޑޮލަރު އޭސީސީން އެދުނު ގޮތަށް ބެހެއްޓެވިއެވެ. އެހެން ނަމަވެސް ދައުލަތުގެ ބޮޑު ޒުވާބަކީ އެފައިސާ ބޭނުން ކުރިކަމަށްބުނެ ކުރާ ޒުވާބެވެ. އެކަމަކު މިއަދުވެސް އެ ފައިސާ ސަރުކާރުގައި އެބަހުއްޓެވެ. އެހެންވީއިރު ތަހުގީގު އިދާރާއަށް ކުށެއް ނުފެނުނު ކަމެއްގައި ސަރުކާރުން މިއަދު ދައުވާ ކުރާ ސަބަބެއް ނުވިސްނެއެވެ.

ދެން ފެނުނީ ދަށު ކޯޓުން ކުރި ހުކުމް ރައީސް ޔާމީންގެ ފަރާތްޕުޅުން ހައި ކޯޓުގައި އިސްތިއުނާފް ކުރި ތަނެވެ. އިސްތިއުނާފް ބަލައިގަތްތާ މާގިނަ ދުވަސްތަކެއް ނުވަނީސް ހައި ކޯޓުގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާން ނަގައި އެއްލާލީއެވެ. އެއަށްފަހު 3 ފަނޑިޔާރުންގެ ބެންޗަކުން ބެލި އިސްތިއުނާފުގެ މައްސަލަވެސް ރައީސް ޔާމީނަށް ނާކާމިޔާބު ވީއެވެ. އެއީ ދަށު ކޯޓުގެ ހުކުމް ދަަމަހައްޓަން ދެ ފަނޑިޔާރުން އިއްތިފާގު ވުމުންނެވެ. އެކަމަކު އެ ދެ ފަނޑިޔާރުންގެ ތެރެއިން އެއް ފަނޑިޔާރަކު ގަބޫލު ކުރައްވާގޮތުގައި، ރައީސް ޔާމީނާ ދެކޮޅަށް ހެކިބަސް ދިން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި، އެމްއެމްޕީއާރުސީގެ އެމްޑީއަކަށް އޭރު ހުންނެވި އަބްދުﷲ ޒިޔާތުގެ ހެކިބަސް ބަލައިގަނެވިގެން ނުވާނެއެވެ. އެކަމަކުވެސް ހުކުމް ދެމެހެއްޓެވީއެވެ. ތިންވަނަ ފަނޑިޔާރު ނިންމެވީ ދަށު ކޯޓުގެ ހުކުމް ދަމަހައްޓަންޖެހޭ ގާނޫނީ އަސާސެއް ނެތްކަމަށެވެ. އެ ފަނޑިޔާރުގެ ރައުޔުގައިވެސް ވަނީ އަދީބާއި ޒިޔާތުގެ ހެކިބަސް ބަލައިނުގަނެވޭނެކަމަށް ބަޔާންކުރައްވާފައެވެ. ސަބަބަކީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ އެންމެ ބޮޑު ތުހުމަތު ކުރެވޭ އެއް ފަރާތަކީ އަދީބަށްވެފައި، އޭނާ ކުށަށް އިއުތިރާފް ވުމެވެ. އަދި އެ ހިޔާނާތުގެ ކުށުގައި ޒިޔާތު ޖަލު ހުކުމެއް ތަންފީޒު ކުރުމެވެ. އެހެން ކަމުން އެ ދެމީހުންގެ ހެކިބަހަކީ ފާސިގު ހެކީގެ ގޮތުގައި ބެންޗަށް ފާހަގަވެފައިވެއެވެ.

މިހަމަތަކުން އެކަނި ބެލިޔަސް ޒާތީ ބަދަލު ހިފުމެއް އޮތްކަން އެބަ އެނގެއެވެ. އެއީ ކޯލިޝަން ސަރުކާރުގެ ލީޑަރުން ވެރިކަމުގެ ދަހިވެތިކަމުގައި ހިންގި އަމަލަކަށް ވުންވެސް އެކަށީގެންވެއެވެ. ނުވަތަ އިދިކޮޅު ފުނޑާލުމުގެ ބޭނުމުގައެވެ.

ކޮންމެއަކަސް ހައިކޯޓުގެ ނިންމުން ރައީސް ޔާމީންގެ ފަރާތްޕުޅުން މިހާރު ސުޕްރީމް ކޯޓުގައި ވަނީ އިސްތިއުނާފް ކޮށްފައެވެ. އެއީ ރާއީސް ޔާމީން އިންސާފު ހޯއްދެވުމަށް ގާނޫނީގޮތުން ޓަކި ޖައްސަވާނެ އެންމެ ފަހު ދޮރެވެ.

ސިޔާސީ މަސްރަހު އޮތް ގޮތަށް ބަލާއިރު، ރައީސް ޔާމީނަކީ އިދިކޮޅު ހަމައެކަނި ސިޔާސީ ލީޑަރެވެ. އެމަނިކުފާނަކީ 2023 ގެ އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ރިޔާސީ ކެނޑިޑޭޓެވެ. ރައީސް ޔާމީން މިނިވަންކުރުމަށް އެތައް ހާސް ބަޔަކު އަންނަނީ ގޮވާލަމުންނެވެ. އެ ފަރާތްތަކުން ބުނަނީ އެއީ ނުހައްގު އަނިޔާއެއް ކަމަށެވެ.

One Comment

  1. ޝަރީއަތްހިންގެވި އިސްޤާޒީއިންތަނުން ނަގާހޫރާލާފަ ކުއްޔަށްބަޔަކުގެނެސްގެން ހުކުމް އިއްވީމަ ވީގޮތް އިސްޤާޒީހުުކުމްކުރުމަށް ފުރުސަތު ދިންނަމަ އިންސާފުން ކަމެއްދިއަކަމަށް މޮޔައިންވެސްގަބޫލުކުރާެނެ .

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button