ޚަބަރު

ރައީސްގެ އިގްތިސާދީ ސިޔާސަތުތަކަށް ބައިނަލްއަގުވާމީ މަނިޓަރީ ފަންޑުން ތައުރީފުކޮށްފި

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ އިޤުތިޞާދީ ސިޔާސަތުތަކަށް ބައިނަލްއަގުވާމީ މަނިޓަރީ ފަންޑުން ތައުރީފު ކޮށްފިއެވެ.

ދުބާއީގައި ކުރިއަށްދާ އިންޓަނޭޝަނަލް ގަވަމެންޓު ސަމިޓުގައި ބައިވެރިވެ ވަޑައިގަތުމަށް ރައީސް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެމަނިކުފާނުގެ އަރިހަށް އައިއެމްއެފްގެ ޑިރެކްޓަރ ޖެނެރަލް ކްރިސްޓަލީނާ ގޯޖީވާ އިހުތިރާމުގެ ޒިޔާރަތެއް ކުރައްވާ ރައީސާ ބައްދަލު ކުރެއްވިއެވެ.

މި ބައްދަލުވުމުގައި ރައީސްގެ އަރިހުގައި ޚާރިޖީވަޒީރު މޫސާ ޒަމީރާއި، މާލީ ވަޒީރު ޑރ.ޢަބްދުﷲ ޝަފީޤާއި އިޤުތިޞާދީ ތަރައްޤީއާ ބެހޭ ވަޒީރު މުޙައްމަދު ސައީދު ބައިވެރިވެ ވަޑައިގެންނެވިއެވެ.

މި ބައްދަލުވުމުގައި ޖޯޖީނާ ދެއްކެވި ވާހަކަފުޅުގައި ރާއްޖޭގެ އިޤުތިޞާދުގެ އަސާސްތައް ހަރުދަނާ ކުރެއްވުމަށް ރައީސް ތަންފީޒު ކުރައްވަމުން ގެންދަވާ ސިޔާސަތުތަކަށް ތައުރީފު ކުރައްވައި، އެމަނިކުފާނުގެ ލީޑާޝިޕުގައި ރާއްޖެ އައު އުސްމިން ތަކަކަށް އުފުލިގެން ދާނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ވިދާޅުވިއެވެ.

މާލީ ވަޒީރު ޑރ.މުހައްމަދު ޝަފީޤު ވިދާޅުވީ އައިއެމްއެފްގެ ޗާޓަރުގެ 4 ވަނަ މާއްދާގެ ދަށުން އައިއެމްއެފްގެ އޮފިޝަލުން ރާއްޖެއަށް ކުރެއްވި ޒިޔާރަތުގައި ރާއްޖޭގެ އިޤުތިޞާދަށް ކުރިމަތިވެފައިވާ ހިރާސްތައް ހިއްސާކުރެއްވި ކަމަށެވެ.

ރާއްޖޭގެ އިޤުތިޞާދު ހަމަމަގަށް އެޅުވުމަށް ރައީސް ޑރ.މުޙައްމަދު މުޢިއްޒު ތަންފީޒު ކުރައްވަމުންދާ ސިޔާސަތުތަކަށް ތައުރީފު ކުރައްވާ، އެ ސިޔާސަތުތަކަކީ ހިތްވަރުގަދަ ސިޔާސަތުތަކެއް ކަމުގައި އައިއެމްފުން ފާހަގަކުރިއެވެ.

އޭގެ އިތުރުން ވަޒީރު ވިދާޅުވީ މިހާރު ސަރުކާރުން ތަންފީޒު ކުރަން ފަށާފައިވާ މާލީ އިސްލާހުތައް ތަންފީޒު ކުރެވުމުން މިހާރު ރާއްޖެއަށް ކުރިމަތިވެފައިވާ އިޤުތިޞާދީ ދަތިތަކުން އަރައިގަނެވި ރާއްޖެއަށް އިޤުތިޞާދީ އިތުރު ތަރައްޤީގެ މިސްރާބަށް ދަތުރުކުރަން ފެށޭނެކަމަށް އައިއެމްއެފުން ބުނެފައިވާ ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button