ޚަބަރުސިޔާސީ

ރާއްޖޭގެ އިޤުތިޞާދު ވެއްޓިފައި އޮތް އަނދަވަޅުން ސަލާމަތްރުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުން: މިނިސްޓަރ ސައީދު

ރާއްޖޭގެ އިޤުތިޞާދު ވެއްޓިފައި އޮތް ފުން އަނދަވަޅުން ސަލާމަތްކޮށް ދައުލަތުގެ ދަރަނި އަދާކުރުމުގެ މަސައްކަތް މި ސަރުކާރުން ކުރަމުންދާ ކަމަށް އިޤުތިޞާދީ ތަރައްޤީއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

ސަޢީދު މިފަދައިން ވިދާޅުވީ ދިވެހި ރުފިޔާ އެކައުންޓުތަކަށް ބޭންކް އޮފް މޯލްޑިވްސްއިން ދޫކޮށްފައިވާ ޑެބިޓު އަދި ކުރެޑިޓު ކާޑުތައް ބޭނުންކޮށްގެން ބޭރުފައިސާގެ މުއާމަލާތްތައް ކުރެވޭ މިންވަރު މަދުކުރުމަށް ނިންމާފައިވާ ކަމަށް ބުނެ ބައެއް މީޑިއާތަކުން ފަތުރާފައިވާ ޚަބަރުތަކާ ގުޅިގެން މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

ބޭންކް އޮފް މޯލްޑިވްސްއިން ބުނެފައިވަނީ ޑޮލަރު ލިބުމުގައި ކުރިމަތިވެފައިވާ ދަތިތަކާ ގުޅިގެން، ކާޑުތަކުގެ ލިމިޓު މުރާޖައާކުރުމުގެ މަސައްކަތް ކުރި ނަމަވެސް ލިމިޓު އިތުރަށް ކުޑަކުރުމަށް ނިންމާފައި ނުވާ ކަމަށެވެ. އަދި އައު ލިމިޓެއް ތަންފީޒު ކުރާނެ ތާރީޚެއް ވެސް ކަނޑައަޅާފައި ނުވާ ކަމަށެވެ.

މާލީ ވުޒާރާއިން އެކަމުގައި ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކާޑު ބޭނުން ކޮށްގެން ބޭރުފައިސާގެ މުއާމަލާތްކުރެވޭ މިންވަރު މަދުކުރުމަށް ނިންމާފައި ނުވާކަމުގެ ޔަގީންކަން ބީއެމްއެލްއިން އެވުޒާރާއަށް ދީފައިވާ ކަމަށެވެ.

މާލީ ވުޒާރާގެ ބަޔާނާ ގުޅިގެން އެކްސްގައި ޝާއިއުކުރެއްވި ޕޯސްޓުގައި ސައީދު ވިދާޅުވީ ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެ ވަޑައިގެންނެވިއިރު، ކުރީގެ ވެރިކަމުގައި ރާއްޖެ ވައްޓާލާފައި އޮތް މާލީ އަދި އިޤުތިޞާދީ އަނދަވަޅުން ސަލާމަތްކޮށް، ދައުލަތުގެ ދަރަންޏާއި ނުދައްކާ ހުރި ބިލުތައް ސަރުކާރުން ދައްކަމުންދާ ކަމަށެވެ.

ސައީދު ފާހަގަ ކުރެއްވި އަނެއް ކަމަކީ ދައުލަތުގެ ދަރަނި އަދާކުރުމުގެ ބުރަ ކުޑަކުރުމަށް ޤާއިމު ކޮށްފައިވާ ސޮވެރިން ޑިވެލޮޕްމެންޓު ފަންޑަށް ޑޮލަރުން ފައިސާ ޖަމާކުރަން މި ސަރުކާރުން އަލުން ފަށާފައިވާކަމެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button