ފުށިދިއްގަރުފަޅުގައި ތަރައްޤީކުރާ ރަސްމާލެ ސިޓީއާއި މާލެ ގުޅުވައިލާނީ ކަނޑުގެ އަޑީގައި އަޅާ ޓަނަލަކުންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މާލޭގެ އައު މޭޔަރާއި، މާލޭ ކައުންސިލަށް އަލަށް އިންތިޚާބުވެ ވަޑައިގެންނެވި ކައުންސިލަރުން ހުވާ ކުރެއްވުމަށް ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވެފައިވަނީ ރަސްމާލެއާއި މާލެ ގުޅައިލުމަށް ތަރައްޤީކުރާ ކަނޑުގެ އަޑީގެ ޓަނަލްވާނީ ދުނިޔޭގައި ވެސް ތަރައްޤީކުރާ މިބާވަތުގެ ފުރަތަމަ ޓަނަލަށް ކަމަށެވެ.
ރައީސް ވިދާޅުވީ ރަސްމާލެ މަޝްރޫޢަކީ މާލެ ސަރަހައްދުގެ ގެދޮރުގެ މައްސަލަ ހައްލުކުރުމަށް ބޭނުންވާ ފޭރާންހެޔޮ ސިޔާސަތު ކަމަށެވެ. ގެދޮރުގެ މައްސަލަ ހައްލުކުރުމަށް ބޭނުންވަނީ ބިން ބޮޑު ރަށްތައް ތަރައްޤީކުރުން ކަމަށާއި، މާލެ ސަރަހައްދުގައި އޮތް ބޯހިޔާވަހިކަމުގެ ދަތިކަމުގެ މައްސަލައަކީ މި ސަރަހައްދުން ބިން ނުއުފައްދައި ކުރެވޭނެ ކަމެއް ނޫންކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ރަސްމާލެއާއި މާލެ ގުޅުވައިލުމަށްޓަކައި ފަންނީ އީޖާދީ މަސައްކަތްތަކެއް ފަށާފައިވާކަމަށާއި، އެކަމުގައި ޤާބިލު ކުންފުނިތަކާއެކު އެ މަޝްވަރާތައް ފަށާފައިވާކަމަށާއި އެގޮތުން މުޅި ދުނިޔޭގައި ވެސް އަޅާ ފުރަތަމަ ކަނޑު އަޑީ ޓަނަލުން މާލެއާއި ރަސްމާލެ ގުޅުވައިލުމުގެ މަޝްވަރާތައް ފެށިފައިވާކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވި ގޮތުގައި އެ ޓަނަލުގައި ދަތުރުކުރާނީ ރޭލުގައެވެ. އެ ރޭލުގައި ދަތުރުކުރާއިރު ކަނޑު އަޑީގެ ރީތި މަންޒަރުތައްވެސް ފެންނާނެ ކަމަށެވެ. އެމަސައްކަތްކުރުމަށް އެކަމުގެ ޤާބިލުކަން ހުރި ކުންފުނިތަކާއެކު މަޝްވަރާ ކުރައްވަމުން ގެންދަވާކަމަށާއި، އެ މަޝްރޫޢަކީ ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އެތައް ގުނައަކަށް އިތުރުވާނެ ފަތުރުވެރިކަމުގެ ސިނާއަތުގެ ބޮޑު މަޝްރޫޢެއް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.