ޚަބަރުސިޔާސީ

މާލެ ސިޓީގެ މޭޔަރާއި ތިން ކައުންސިލަރުން، މަޤާމުގެ ހުވާކުރައްވައިފި

މާލެ ސިޓީގެ މޭޔަރުކަމަށް އިންތިޚާބުވެ ވަޑައިގެންނެވި އާދަމް އާޒިމާއި ސިޓީ ކައުންސިލުން ހުސްވެފައިވާ ގޮނޑިތަކަށް އިންތިޚާބުވެ ވަޑައިގެންނެވި ކައުންސިލަރުން، މަޤާމުގެ ހުވާކުރައްވައިފިއެވެ.

މާލެ ސިޓީގެ މޭޔަރުގެ މަޤާމުގައި ހުންނެވި ރައީސް ޑރ.މުޙައްމަދު މުޢިއްޒު ރައީސުލްޖުމްހޫރިއްޔާގެ މަޤާމަށް އިންތިޚާބުވެވަޑައިގަތުމާ ގުޅިގެން މޭޔަރުގެ މަޤާމު ހުސްވުމާއި، ސިޓީ ކައުންސިލުގެ މެންބަރުންގެ ގޮތުގައި ތިއްބެވި ބައެއް ބޭފުޅުން ސަރުކާރުގެ މަޤާމުތަކަށް ވަޑައިގަތުމަށް ކައުންސިލުން އިސްތިއުފާދެއްވުމާ ގުޅިގެން ހުސްވެފައިވާ ކައުންސިލުގެ ގޮނޑިތަކަށް މެންބަރުން އިންތިޚާބުކުރަން ބައި-އިލެކްޝަން ވަނީ ބާއްވާފައެވެ.

ބައި-އިލެކްޝަނުގައި އެމްޑީޕީ ޓިކެޓުގައި މާލޭ މޭޔަރުކަމަށް ވާދަކުރައްވައި އެ އިންތިޚާބުގައި މޭޔަރުގެ މަޤާމު ކާމިޔާބުކުރެއްވި އާދަމް އާޒިމަކީ ފާއިތުވި އެމްޑީޕީ ސަރުކާރުގައި އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރުގެ މަޤާމުގައި ހުންނެވި ބޭފުޅާއެވެ. އޭގެ ކުރިން އޭނާވަނީ ރައީސް ޢަބްދުﷲ ޔާމީނުގެ ވެރިކަމުގައި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރުކަމާއި ނިމުނު ސަރުކާރުގައި އެމްޑަބްލިއުއެސްސީގެ އެމްޑީކަން އަދާކުރައްވާފައެވެ.

މޭޔަރުގެ އިތުރަށް ސިޓީ ކައުންސިލުން ހުސްވެފައިވާ 3 ގޮނޑިއަށް ކައުންސިލަރުން އިންތިޚާބުކުރުމުގެ ވޯޓު ވެސް ނަގާފައިވެއެވެ. އެ ވޯޓުން 2 ގޮނޑި ކާމިޔާބުކުރީ ސަރުކާރު ހިންގާ ކޮންގުރެސް ޕާޓީންނެވެ. އެމްޑީޕީން ކާމިޔާބުކުރީ އެއް ގޮނޑިއެވެ. އެމްޑީޕީގެ ފަރާތުން ވާދަކުރައްވައި މެދުހެންވޭރު ދާއިރާގެ ކައުންސިލަރުކަން ކާމިޔާބުކުރެއްވި ކެންޑިޑޭޓުވަނީ  ކޮންގުރެސް ޕާޓީއަށް ސޮއިކުރައްވާފައެވެ.

މޭޔަރުގެ ގޮނޑި އާޒިމަށް ލިބިވަޑައިގެންނެވި ނަމަވެސް މާލެ ސިޓީ ކައުންސިލުގައި އޮންނާނީ ސަރުކާރު ހިންގާ ކޮންގުރެސް ޕާޓީގެ އަޣުލަބިއްޔަތެވެ. މިހާރު ކައުންސިލުގައި ތިއްބެވި ބޭފުޅުންގެ ތެރެއިން އެމްޑީޕީ ޓިކެޓުގައި ހޮވިވަޑައިގެންނެވި ބައެއް ބޭފުޅުންވެސްވަނީ ކޮންގުރެސް ޕާޓީއަށް ސޮއިކުރައްވާފައެވެ.

މާލެ ސިޓީގެ އައު މޭޔަރާއި ކައުންސިލުގެ މެންބަރުކަމަށް އަލަށް އިންތިޚާބުވެވަޑައިގެންނެވި 3 ކައުންސިލަރުންނަށް މަޤާމުގެ ހުވާލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒު އަލީ ޒާހިރެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button