ޚަބަރުސިޔާސީ

ދައުލަތް ފެންނަނީ އިންޑިއާ ސަރުކާރުގެ ބައެއްގެ ގޮތުގައި: ޝާހިދު

ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ކޯލިޝަން ސަރުކާރު ފެންނަނީ އިންޑިއާ ސަރުކާރުގެ ބައެއްގެ ގޮތުގައި ކަމަށް ހުޅުދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ޝާހިދު ވިދާޅުވެއްޖެއެވެ.

ޝާހިދު ކުރެެއްވި ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވީ ރައީސް ސޯލިހުގެ ސަރުކާރުން އިންޑިއާ ސަރުކާރުން ބޭނުންވާ ކަންކަން ފުއްދައިދޭ ކަމަށެވެ. ރާއްޖޭގެ ބޯޑަރު ހުޅުވުމާ ބަންދު ކުރުމުގެ ކަންކަން ކުރިޔަށް ދަނީ އިންޑިއާ ސަރުކާރުން ބޭނުންވާ ގޮތަށް ކަމަށް ޝާހިދު ތުހުމަތު ކުރެއްވިއެވެ.

”މިސަރުކާރު މިވަނީ އިންޑިއާގެ ސެންޓްރަލް ގަވަރމެންޓްގެ ބަޔަކަށް ވެފައި. އެމީހުން ބޭނުން ބިމެއް، ރަށެއް ނަގާފައި، ވަންނާނެ ގަޑިއަކު ސަރުކާރު އޮފީސްތަކަށް ވަދެ އަމުރު ކޮށްފައި، އެމީހުން ބޭނުން ވިޔަފާރިއެއް ކޮށްފައި، އެމީހުން ބޭނުން ބައެއްގެ ބޮލުގައި ތުހުމަތުތައް އަޅުވާ ޖަލަށް ހުކުމް ކުރުވަނީ.“ ޝާހިދު ވިދާޅުވިއެވެ.

އިންޑިއާގެ މަސްބޯޓުތަކުން ދިވެހި މަސްކަނޑުތަކުން މަސް ބާނަމުންދާކަމަށް ޝާހިދު ތުހުމަތު ކުރެއްވިއެވެ. އަދި އެގައުމުގެ ސަރުކާރުން ބޭނުންވާ ބަޔަކަށް ރާއްޖޭގައި ވަޒީފާ ދިނުމާއި، އެގައުމުން ބޭނުންވާ މުސާރައެއް ކަނޑައަޅާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

”އެމީހުން ބޭނުންވާ މުސާރައެއްދީ ހަދާއިރު ދިވެހިން ތިބީ އަނގަޔާއި އަތާ ދިމާނުވެ.“ މިއީ އަޅުވެތިކަން ނޫނީ އަޅުވެތިކަމުގެ ފެށުން.“ ޝާހިދު ވިދާޅުވިއެވެ.

ރައީސް ސޯލިހުގެ ސަރުކާރުން އަންނަނީ އިންޑިއާގެ ބީޖޭޕީ ސަރުކާރާއި ގާތް ގުޅުމެއް ބާއްވަމުންނެވެ. އެ ގުޅުމަށް ގިނަ ބަޔަކު އަންނަނީ ފާޑުކިޔަމުންނެވެ. އިންޑިއާގެ ސަރުކާރުން ރާއްޖެ އަޅުވެތި ކުރުމަށް މަސައްކަތް ކުރާކަމަށް އާންމުން ދަނީ ބުނަމުންނެވެ. އެކަމަކު ސަރުކާރުން މިކަން ދޮގުކުރެއެވެ. އެގޮތުން އިންޑިއާއަށްވު ބޮޑަށް ދިވެހީންނަށް ހެޔޮ އެދޭނެ އިތުރު ގައުމެއް ނޯންނާނެކަމަށް ސަރުކާރުގެ އިސްވެެރިން އަންނަނީ ވިދާޅުވަމުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button