ޚަބަރުސިޔާސީ

އުންމީދަކީ ރާއްޖެއަކީ އައިޓީ ބޮޑު ހަބަކަށް ވެގެންދިޔުން: ޔޫތު މިނިސްޓަރު

އުންމީދަކީ ރާއްޖެއަކީ މިސަރަހައްދުގައި އަދި ދުނިޔޭގައި ވެސް އައިޓީ ބޮޑު ހަބަކަށް ވެގެންދިޔުން ކަމަށް މިނިސްޓަރ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް އިބްރާހީމް ވަހީދު(އަސްވާޑް) ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިފަދައިން ވިދާޅުވީ، ހަފްތާ 14ގެ މަގުޗާޓުގައި ޔޫތު މިނިސްޓްރީއަށް މަތިކޮށްފައިވާ ތިން ސިޔާސަތުގެ ތެރެއިން ދެ ސިޔާސަތު ފެއްޓުމުގެ ގޮތުން ”ފަންނިއްޔާތު“ގެ ނަމުގައި މިރޭ ބޭއްވި ޚާއްޞަ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.

މިނިސްޓަރ ވިދާޅުވީ، މިމަސައްކަތަކީ ފަންނިއްޔާތުގެ ދާއިރާއިން ދިވެހި އަންހެނުން އަދި ކޯޑިންގ ގެ ދާއިރާއިން ދިވެހި ޒުވާނުން ކުރިއަށް ދިއުމުގައި ހުރި ދަތިތައް ހައްލުކުރުމަށް މަސައްކަތް ކުރުމަށްޓަކައި ފުރަތަމަ އެކްޝަން ޕްލޭންގެ މަސައްކަތް ކަމަށެވެ.

މިއީ މި ސިލްސިލާގެ އެންމެ ފުރަތަމަ ބިންގާކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ، އެއަށްފަހު މި މަސް ތެރޭގައި އަދި އަންނަ މަހުގައި ވެސް އިތުރު ހަރަކާތްތައް ކުރިއަށްގެންދަވާނެ ކަމަށެވެ.

”މިއީ ދިގު ދެމިގެންދާ 5 އަހަރުގެ ބޮޑު ޕްލޭނެއް، ފަންނިއްޔާތުގައި ދިވެހި އަންހެނުން އަދި ދިވެހި ޒުވާނުން ނެރުމުގައި މިކުރާ މަސައްކަތް ކާމިޔާބު ކުރުމަށްޓަކައި އަޅާ ފުރަތަމަ ބިންގާ މިއަޅަނީ“ ޔޫތު މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރ ވަނީ މި ޕްރޮގްރާމުގެ ދަށުން 5 އަހަރު ތެރޭގައި 500 ޒުވާނުން ތަމްރީނު ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.

”އަޅުގަނޑުގެ އުންމީދަކީ ރާއްޖެ މިސަރަހައްދުގައި ވެސް އަދި ދުނިޔޭގައި ވެސް އައިޓީ ބޮޑު ހަބަކަށް ވެގެންދިޔުން“ ޔޫތު މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، މި މަސައްކަތުގައި އެންމެ ފުރަތަމަ ފަށަނީ ސެޓްފިކެޓް ލެވަލް 3 އަކުން ކަމަށާއި އެއަށްފަހު އެޑްވާންސް ސެޓްފިކެޓް އަދި ޑިޕްލޮމާގެ އިތުރުން ބެޗްލާސް ޑިގްރީސްއާ ހަމައަށް މަސައްކަތް ކުރިއަށްގެންދަވާނެ ކަމަށެވެ. އަދި މި އެކްޝަން ޕްލޭންގެ ދަށުން ތަމްރީނުކުރެވިގެންދާ ޒުވާނުންނަކީ ވަޒީފާއެއްގެ ގޮތުގައި އޮފީހުގެ ޑެސްކު ކައިރީ މަސައްކަތްކުރަން ތިބެންނުޖެހި ގޭގައި ވެސް މަސައްކަތް ހޯދޭނެ ޒުވާނުންނަށް ވެގެންދާނެ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ސޯޝަލް ސެންޓަރުގައި މިރޭ އޮތް މި ބައްދަލުވުމުގައި ސަރުކާރުގެ އޮފީސްތަކުންނާއި ފަންނިއްޔާތުގެ ދާއިރާގައި ހަރަކާތްތެރިވާ ޒުވާނުންގެ އިތުރުން އަމިއްލަ އުފެއްދުންތެރިން އަދި އެންޖީއޯ ތަކުން ވަނީ ބައިވެރިވެފައެވެ.

ކޯޑިންގެ ދާއިރާއިން ދުނިޔޭގެ ބާޒާރުގައި ދިވެހި ޒުވާނުން ކުރިއަށް ދިޔުމަށް ބޭނުންވާ ހުނަރު ތަރައްޤީކޮށްދީ ފުރުސަތުތައް ތަނަވަސްކޮށްދިނުމަށް ޚާއްސަ ޕްލޭނެއް އެކުލަވާލުމާއި ފަންނިއްޔާތުގައި އަންހެނުންގެ ދައުރު ފުޅާކުރުމަށް ޤައުމީ ހަރަކާތެއް ހިންގަން ފެށުމަކީ ޔޫތު ނިސްޓްރީގެ މައްޗަށް މަތިކޮށްފައިވާ ދެ ސިޔާސަތެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button