ރިޕޯޓް

އަލަމްގީރު މައްސަލައިގައި ހިމެނުނު ބައެއް މީހުންގެ ދަރިންނަށް ބުލީކޮށް، މަގުމަތިން ގަޔަށް އަތްލަނީ!

ގިނަ ދިވެހި ފިރިހެނުންތަކަކާއެކު އެއް ޖިންސުން ގުޅުން ހިންގި ބަންގްލަދޭޝްގެ ރައްޔިތެއްކަމުގައިވާ އެމްޑީ އަލަމްގީރުގެ މައްސަލައަށް 2 އަހަރު ފާއިތުވެގެން ހިނގައްޖެއެވެ.

އެމައްސަލައިގައި ހިމެނުނު 250 މީހުންގެ ތެރެއިން އާމުންނާއި ހަމައަށް ތިލަވީ އެންމެ 10 ވަރަކަށް މީހެއްގެ މައްސަލައެވެ. އޭގެތެރެއިންވެސް ޝަރީއަތުގައި ކުށް ސާބިތުވީ 3 މީހެއްގެ މައްޗަށެވެ. އެއީ އަމިއްލަ އިއުތިރާފުންނެވެ. އަނެއް 6 މީހުނާއި ދައުލަތުން ހެދީ ނަސޭހަތުގެ އެއްބަސްވުމެކެވެ. ޖަލުހުކުމަކައި ނުލައި އެ އެންމެންގެ މައްސަލަވެސް ނިމުނީއެވެ. ނުނިމި ޝަރީއަތުގައި މިއަދު ހިނގަނީ އެންމެ މައްސަލައެކެވެ. 

މިމައްސަލައިގައި ތަހުގީގު ކުރެވުނު ވީޑިއޯ ފުލުހުންނަށް ލިބުނު ގޮތުގެ ޗެއިން އޮފް ކަސްޓަޑީގައި ބޮޑެތި މައްސަލަތަކެއް ހުއްޓެވެ. އަދި މިމައްސަލަ ކުރިއަށްދިޔައީ ވަކިބަޔެއްގެ ސިޔާސީ ހަޔާތް ނިންމާލަން ހިންގުނު ޖަރީމާއެއްގެ ގޮތުގައެވެ.

މައްސަލައިގެ ތަހުގީގު ފެށުނީ ބުލެކްމެއިލް ކުރުމާއި ކިޑްނެޕްކުރުމުގެ މައްސަލައެއްގެ ގޮތުގައެވެ. ނަމަވެސް މިކަމުގެ ޝިކާރައަކަށްވީ ދެތިން މީހެއް ގުރުބާން ކަންބަޅިއެއްގެ ގޮތުގައި ކަތިލުމަށްފަހު މައްސަލަ އޮބިގެން ދިޔައީއެވެ. ނުވަތަ އޮއްބާލީއެވެ. ބުލެކްމެއިލްކޮށް، އެތައް މިލިއަން ރުފިޔާއެއް ފޭރި، އޮރިޔާންކާޑު ހަދައި، ފަތުރާ ހެދި މީހުން ދޫވީއެވެ. 

މައްސަލައިގައި ހައްޔަރުވި އަލަމްގީރު މިހާރުވަނީ ރާއްޖޭގައި ލިބެންހުރި އަދަބު ލިބިގެން ”ތައުބާ“ވެފައެވެ. އަދި އޭނާގެ ސަބަބުން ރާއްޖޭގެ އިޖުތިމާއީ ފޭރާމަށް ލިބުނު ގެއްލުމަށް މައާފަށްވެސް އެދިފައެވެ. ތެދެކެވެ. އޭނާ މިހާރުވެސް ދަނީ ޖަލު ހުކުމް ތަންފީޒު ކުރަމުންނެވެ. މިއަދު އޭނާގެ އަމަލުތައް ބޭނުން ކޮށްގެން އަޅުގަނޑުމެންގެ އިޖުތިމާއީ ފޭރާން ނަގާލަން މަސައްކަތްކުރަނީ ސޯޝަލް މީޑިއާގައި އުޅޭ ބައެއް އެކްޓިވިސްޓުންނެވެ. ކޮންމެ އިންތިހާބަކާ ގުޅުވައިގެން އެ ޖަރީމާ ހިންގި ކޮޓަރީގެ ފޮޓޮޔާއި، ވީޑިޔޯތަކުގެ މަންޒަރުތަކާއި، އަލްމްގީރުގެ ފޯސްޓުތައް ދައުރުކުރަނީ ހަމަ ދިވެހިންނެވެ. ވިސްނޭ ތައުލީމީ މީހުންނެވެ. ބޮޑު މަޖާގނޑަކަށް އެއެކަން ހަދައިގެންނެވެ.

މިކަމުގެ ސަބަބުން ދެކަމެއް އެބަވެއެވެ. އެއްކަމަކީ އެއްޖިންސުން ޖިންސީގުޅުން ހިންގުމަކީ އާދައިގެ ނޯމަލް ކަމެއްކަމަށް އިސްތިހާރުވަމުން ދިއުމެވެ. މިކަމަކީ މާބޮޑު ކަމެއް ނޫންކަމަށް ހީވާ މިންވަރަށް މިކަމާ ގުޅުވައިގެން ސިޔާސީ ބޮޑެތި ޕާޓީތަކުގެ ޕޭޖުތަކުގައި ވެސް ފޮޓޯ އާއި މީމްސް ފަތުރަމުން ގެންދިމުމުން މިކަމަކީ މާ ބޮޑު ކަމަކަށް ދުވަސްކޮޅަކުން ނުވާނެއެވެ. މިހާރުވެސް ނުވެއެވެ. މިއީ ހިތާމަ ހުރި ކަމެކެވެ. 

ދެވަނަ ކަމަކަށް މިހެން ދޫކޮށްލާ ކޮންމެ ޕޯސްޓެއް މިކަމުގެ ޝިކާރައަކަށް ވީ މީހުންގެ ދަރިންނާ ހަމައަށް، އެކުދިންގެ ކުލާސް މޭޓުންނާއި، ރަހުމަތްތެރިން ފޮނުވާ ދައުރުކޮށް އެބަހަދައެވެ.

”ބޮންތި“ އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިކަމުގައި ހިމެނުނު ބައެއް މީހުންގެ ދަރިންނަށް ސްކޫލުގައި ގަނާކުރުމާ އަދިވެސް ދަނީ ކުރިމަތިވަމުންވެ. އަދި އޭގެ ބައެއް ކުދިންނަށް މަގުމަތިން ޖިންސީ ފުރައްސާރަވެސް ވަނީ ކޮށްފައެވެ. މިކަންކަން ފުލުހާއި ޖެންޑާރގެ ސަމާލުކަމަށް ގެނައި ނަމަވެސް މިއަދާ ހަމައަށްވެސް އެއްވެސް އެހީތެރިކަމެއް ނުލިބޭކަމަށް އެފަރާތްތަކުން ބުނެއެވެ. މީގެތެރެއިން ބައެއް ކުދިންނަށް އެކުދިން އުޅުނު ސްކޫލްތަކުން ގަނާކުރާ މިންވަރަށް ކެތްނުވެގެން އަމިއްލައަށް މަރުވާން ވެސް މަސައްކަތްކުރިއެވެ. އަދި ބައެއް ކުދިން ސްކޫލް ބަދަލުކޮށްފައިވެސް އެބަހުއްޓެވެ. އަދި ބައެއް އައިލާތައް ރާއްޖެއިން ބޭރަށް ހިޖުރަކޮށްފައިވެސް އެބަހުއްޓެވެ.

މިމައްސަލައާއި ގުޅިގެން ގާނާކުރުމާ ކުރިމަތިވަމުންދާ ކުއްޖަކަށް ނަފްސާނީ ފަރުވާ ދެއްވާ ސައިކޭޓިސްޓަކު (ކުއްޖާގެ ރައްކާތެރިކަމަށް ޓަކައި ނަން ސިއްރުކުރެވިފައި) ވިދާޅުވީ އެކުއްޖާއަށް ކުލާސް ކުދިން ގަނާކުރުމުގެ ސަބަބުން ޑިޕްރެޝަނާ ކުރިމަތިވި ކަމަށާއި، އަމިއްލައަށް މަރުވާން 2 ފަހަރު މަސައްކަތް ކުރި ކަމުގައެވެ.

”ވަރަށް ގިނަ މަސައްކަތުން އެކުދިން މި ހަމަޖައްސާލެވެނީ. ހަމަ ހަމަ ޖައްސާލާއިރަށް ކޮންމެވެސް އެއްޗެކޭ ކިޔާފައި ސޯސަލް މީޑިޔާގައި ފޮޓޯތަކާ ވީޑިޔޯތަކާ މީމްސްތައް ދައުރުކުރުވާނެ. ދިވެހިން ތަހުޒީބު ވާން ވެސްޖެ. މިއީ ސިޔާސީ ފައިދާ ނަގަން ކުރާވަރަށް ވުރެ ނުރައްކާ ކަމެއް. މިކަމުގައި ހިމެނުނު ބޮޑެތި މީހުން ކެތްކުރިއަސް ކުށެއްނެތް އެތައް ކުޑަކުއްޖަކާވެސް ގުޅިފައިވާކަމެއް މިއީ“ އޭނާ ބުންޏެވެ. 

މިފަދަ ބޮޑުކަމެއްގެ އިޖްތިމާއީ ގެއްލުމާމެދު ފުލުހުންވެސް، ޕްރޮސެކިއުޓަރ ޖެނެރަލް( ޕީޖީ) އިންވެސް އަދި ޖެންޑަރ މިނިސްޓްރީއާއި އެޑިޔުކޭޝަން މިނިސްޓްރީން ވެސް އަޅާލާފައި ނެތްކަން ފާހަގަކުރެވެއެވެ. 

މިކަމުގެ ޝިކާރައަކަށްވީ މީހަކު ބުނީ، ޝަރީއަތް ނުނިންމަައި، މަސައްލަ ދިގުދަންމަައި، އިއުތިރާފްގެ އެއްބަސްވުން ހަދަން މަޖުބޫރު ކުރިއަސް، އޭނާ މި ޕްރޮސަސް މި ފުރިހަމަ ކުރަނީ ދަރިންނަށްޓަކައި ކަމަށާއި، މިކަމުން އިތުރަށް ލިބޭނެ އަނިޔާ އެއްވެސް އަދި ގެއްލުމެއްވެސް ނެތްކަމުގައެވެ.

”އަޅުގަނޑުގެ ދަރިންނަށް ދިމާވި އަދި ދިމާވަމުންދާ ކަންކަން ޖެންޑަރ އަދި ފުލުހަށް ތިން ހަތަރު ފަހަރު ހުށަހެޅިން. އަޅާވެސް ނުލާ. 3 މަހުގެ ޖަލުހުކުމެއް އަންނަ ކަމެއްމެއްގައި 2 އަހަރު މުޅި އާއިލާ ގަނަތަޅުވައިފި. އަދިވެސް ޝަރީއަތް ނުނިމޭ. އެންމެ ފަހުން އަޑުއެހުމެއް ބޭއްވީ 7 މަސް ކުރިން. ދެން ގޭންގުތަކުން މީހުން އެބަ އާދޭ ޝަރީއަތް އަވަސްކޮށްދޭނަމޭ ފައިސާ ދޭށޭ ކިޔާފައި. ގާޞީ ވިދާޅުވެގެނޭ ކިޔާފައިވެސް އެބައާދޭ. ހަގީގަތެއް ނޭނގޭ. މައްސަލަ ނަގައިދޭނަމޭ ޕީޖީ ވިދާޅުވެގެނޭ ކިޔާފައިވެސް އެބަ އާދޭ.އެންމެންވެސް ބޭނުންވަނީ ފައިސާ. އެމައްސަލަ ފުލުހަށް ހުށަހެޅީމާވެސް ނުބެލި. ސުޕްރީމްކޯޓުގެ ފަނޑިޔާރުންގެ ސަމާލުކަމަށްވެސް ގެނައިން. ވީކަމެއް ނެތް. އަނެއްކޮޅުން ދުނިޔޭގެ އެއްވެސް ޤައުމެއްގައި ކިޑްނެޕްކޮށް ބުލެކްމެއިލްކުރި މައްސަލަ ނުބަލާ މިމައްސަލަ ނުބަލާނެ.“ އޭނާ ބުންޏެވެ.

އޭނާ ބުނިގޮތުގައި ކުށް ކުރާ މީހުނާ އެއްވަރަށް އެކަމުގެ ޝިކާރައަކަށް މަގުފަހިވާ ވަރަށް ގިނަ ހާދިސާތކާއި ހާހާލަތްތައް މިހާރަކަށް އައިސް ވަރަށް ގިނައިން ކުރިމަތިވަމުންދާކަމުގައެވެ.

”މިއިން އެއްވެސް ކަމެއްގެ ފުލުހުން ތަހުގީގު ނުކުރޭ. އެމީހުން އަތުލައިގަންނަނީ އަނބު ކޮތަޅެއް ވަގަށް ނަގާ މީހާ. އެކަމަކު މިހިރީ މާބޮޑެތި ކުށްކުށެއް ނޫންތޯ؟ އަލަމްގީރުގެ މައްސަލަ ނިމުނު ގޮތުން މިހާރު މިހިނގާ ފޭރުމުގެ މައްސަލަ ފުލުހަށް ޖައްސާކަށްވެސް ނުކެރޭ. އަނެއްކޮޅުން އެއިން އެއްޗެއް ލީކުވެއްޖެޔާ މުޅި އުމުރު އުޅެންޖެހޭނީ ސޯސަލްމީޑިޔާ ބުލީގެ ޝިކާރައަކަށްވެގެން. މިރާއްޖޭގައި ކުށްވެރިވަނީ އަނިޔާ ލިބޭ މީހުން“ އޭނާބުންޏެވެ.

މީސްމީޑިއާގެ އެކި ވަސީލަތްތައް ބޭނުންކޮށްގެން ކިޑްމެޕްކުރުމާއި، ފޭރުމުގެ އަމަލުތައް އިންތިހާއަށް ގޮސްފައިވާއިރު، ޓެލެގުރާމް އަދި ވަޓްސްއެޕް ބޭނުން ކޮށްގެން ނުވަތަ ޑޭޓިން އެޕުތައް ބޭނުންކޮށްގެން ގެސްޓު ހައުސްތަކާއި، ފަޅު އެޕާޓްމަންޓުތަކަށް މީހުން ގެންގޮސް ބަރަހަނާކޮށް، ވީޑިއޯނަގައި، އެ ބޭޒާރު ކޮށްލާނެ ކަމަށާއި، ބުލެކްމެއިލްކޮށް، ކަރުގައި ވަޅިޖައްސައި، މަޖުބޫރުކުރުވައިގެން ބޭންކް އޮފް މޯލްޑިވްސްގެ އެޕް ހުޅުވައި، އެ އެޕް މެދުވެރިކޮށް ގިނައަދަދެއްގެ ފައިސާ ފޭރުން މިހާރުވަނީ އާންމު ވެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button