ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި، ސިޔާސީ ގުޅުންތަކާއި ގުޅޭގޮތުން ހެދި 100 އަށްވުރެ ގިނަ އެއްބަސްވުމުގެ ތެރޭގައި ހުރި، ރާއްޖެއަށް ގެއްލުންވާ ނުކުތާތައް އުވައިލައްވަން މިހާރުގެ ސަރުކާރުން ނިންމި ނިންމުން ތަންފީޒު ކުރަނީ ކޮންއިރަކުތޯ އިންޑިއާގައި ހުންނަ ރާއްޖޭގެ ކޮންސިއުލޭޓުގެ ކޮންސުލް އަލީ އާދަމް ސުވާލު އުފައްދަވައިފިއެވެ.
ސިޔާދަތަށް އުނިކަން އަންނަގޮތަށް ހުރި އެއްބަސްވުންތަކުގެ ނުކުތާތައް އުވާލުމުގެ މަސައްކަތް ވަނީ ފެށިފައިވާކަމަށް މިދިޔަ އަހަރުގެ ނޮވެމްބަރ މަހުގެ 19 ވަނަ ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ އޮފީހުގެ އަންޑަރ ސެކެޓްރީ މުހައްމަދު ފިރުޒުލް ވަނީ ވިދާޅުވެފައެވެ.
މިކަމަށް އަލިއަޅުއްވައި ”ބޮންތި“ އަށް މައުލޫމާތު ދެއްވަމުން އަލީ ވިދާޅުވީ، އެ ފަހުން މިއަދާ ހަމައަށްވެސް އެކަމަކު އެއްވެސް މައުލޫމާތެއް ސަރުކާރުގެ ތެރެއިން ލިބިފައިނުވާކަމުގައެވެ.
”ސަރުކާރުގަވެސް ދަންނަ ބައިވަރު މީހުން އެބަތިބި. ހަމަ އަހާއިރަށް އެބަބުނޭ އެކަން ކުރިއަށް ދަނީއޭ. ދަނީ ކޮން ދިމާލަކަށް ކަމެއް ނޭނގެ. ގޮސް އޮބާލީ ތޯއްޗެއް.“ އަލީ ވިދާޅުވިއެވެ.
މިކަމާ ގުޅޭގޮތުން އަލީ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ 100 އަށް ވުރެގިނަ ޢައިރުގާނޫނީ އެގުރިމެންޓުތައް ހެދި މީހުންނަށް ގާނޫނީ ފިޔަވަޅު އެޅުމުގެ މަރުހަލާ އޮތީ ކިހާ ހިސާބެއްގައިތޯ ސުވާލު ކުރައްވާފައެވެ. ބެލެވޭގޮތުގައި އޭނާ އިޝާރާތް ކުރެއްވީ އެމްޑީޕީއަށެވެ.
ދެން އަލީ ފާހަގަކުރެއްވީ އިންޑިއާ ސިފައިން ރާއްޖޭގައި ތިބި މައްސައިގައި މުޒާހަރާ ކުރި ގިނަ ބަޔަކު ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވިއިރު، އެގައުމުގެ ސިފައިން އަނބުރާ ފޮނުވާލުމުގެ މައްސަލައިގައި ކުރިން އެބޭފުޅުން ނެންގެވި ފޯރި މިހާރު ނުނަންގަވާ މައްސަލައެވެ. އަދި ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޮނުވާލަން އެގައުމުގެ ސިވިލިއަނުން ނުވަތަ އާންމު ރައްޔިތުންގެ ދަރަޖައިގައި ހިމެނޭ ކަމަށް ބުނާ ބަޔަކު ގެންނަން ސަރުކާރާއި އިންޑިއާއިން ކޮށްފައިވާ މަޝްވަރާތަކަށްވެސް އޭނާ ވަނީ އަލިއަޅުއްވާފައެވެ.
”މިބުނީ އިންޑިއާ ސިފައިން ރާއްޖޭގަ ތިބެގެން ވަރަށް ކަންބޮޑުވެގެން އުޅުނީމެންނު؟ އެމީހުންގެ ޔުނިފޯމު ބޭލުވީމަ އެބުނާ 100 އަށް ވުރެ ގިނަ އެގުރިމަންޓުތައް އޯކޭވީތަ؟ އެކަން ވާގޮތެއް އެނގޭ މީހަކު އެބައުޅޭތަ؟ ވާނުވާގަ އެކަމުގަ ދިވެހިންގެ ބަޔަކު ތިބީމަ އަހާލީ.“ އަލީ ވިދާޅުވިއެވެ.
ކަމާ ގުޅޭ އިތުރު ތަފްސީލު ”ބޮންތި“ އަށް ހިއްސާކުރައްވަމުން އަލީ ވިދާޅުވީ މީގެ ދުވަސްކޮޅެއް ކުރިން އިޒްރެއިލުގެ ޔަހޫދީންނަށް ގަތަރުގައި ވަގަށް ޖާސޫސުކޮށްދޭން އުޅުނު އިންޑިއާގެ 8 ޖާސޫސަކަށް މަރުގެ ހުކުމް ކުރުމުން އެއީ އެގައުމުގެ ކުންފުންޏެއްގައި މަސައްކަތް ކުރަން ތިބި އިންޑިއާގެ އާންމުންގެ ބައެއް ކަމަށް އިންޑިއާ ސަރުކާރުގެ ބައެއް އިސް އޮފިޝަލުން ވަނީ ބުނެފައެވެ.
”ގައުމުގެ މިނިވަންކަމާ ސިޔާދަތާ ގުޅޭ ކަންކަމުގައި ހައްގު ބަސްބުނުމަކީ ގައުމާ އެއްކޮޅުވުން.“ އަލީ ވިދާޅުވިއެވެ.
އެހެން ކަމުން މިފަދަ ކަންކަމަށް ސަމާލުވެގެން ދިވެހިން ތިބުމަށާއި، އެއްބަސްވުންތަކުގެ އޮޅުން ބޮޅުން ރައްޔިތުންނަށް ތަފްސީލުކޮށްދިނުމަށް އަލީ ވަނީ ސަރުކާރަށް އިލްތިމާސް ކުރައްވާފައެވެ.
އަލީ މިފަދައިން ވިދާޅުވިއިރު، ރައީސް ޑރ.މުހައްމަދު މުއިއްޒުގެ އެދިވަޑައިގަތުމަށް އިންޑިއާ ސިފައިން އަނބުރާ ގެންދިއުމަށް އެގައުމުގެ ސަރުކާރުން ވަނީ ނިންމާފަައެވެ.