ޚަބަރު

ޓީބީ ބައްޔާ ގުޅޭގޮތުން އެޑިއުކޭޝަނުން ދައްކާ ވާހަކަ ދެކޮޅެއް ނުޖެހޭ

ޓީބީ ނުވަތަ ކެއްސާ ބައްޔާ ގުޅޭގޮތުން އެޑިއުކޭޝަން މިނިސްޓްރީ އިން ދައްކާ ވާހަކަ ދެކޮޅު ނުޖެހޭކަން ހާމަވެއްޖެއެވެ.

އެޑިއުކޭޝަނުން ނެރުނު ބަޔާނެއްގައި ބުނީ ރާއްޖޭގެ ސްކޫލުތަކުގައި މި ބަލި ފެތުރެމުންދާ ކަމަށް ބުނެ ބައެއް މީޑިއާތަކުން ރިޕޯޓު ކުރުމަކީ ދޮގު ހަބަރެއް ކަމުގައެވެ. އެކަމަކު އެ ބަޔާނުގައި އެކި އުމުރު ފުރައިގެ ދަރިވަރުން މަދުން ނަމަވެސް އެ ބައްޔަށް ފައްސިވެފައިވާ ކަމަށް ބުނެފައިވެއެވެ.

ޓީބީ އަކީ އެ ބަލި ޖެހިފައިވާ މީހަކު ކެއްސައިގެން ނުވަތަ ކިނބިހި އަޅައިގެން އަނެކާއަށް ވާސިލުވާ ބެކްޓީރިއަލް އިންފެކްޝަނަކަށް ވާއިރު، މަދުން ނަމަވެސް ދަރިވަރުންތަކެއް އެ ބައްޔަށް ފައްސިވެފައިވާ ކަމަށް އެޑިއުކޭޝަނުން ބުނުމަކީ ސްކޫލުތަކުގައިވެސް އަދި އެ ނޫން ތަނެއްގައިވެސް އެ ބަލި ފެތުރުމަށް މަގުފަހި ވެގެންދާނެ ކަމެކެވެ.

އެކަމަކު ހެލްތު މިނިސްޓްރީ އިން ބުނީ އައުޓް ބްރޭކެއް ނުވަތަ ބަލި ފެތުރުމުގެ އެއްވެސް ހާލަތެއް ނެތް ކަމުގައެވެ.

މާލޭގެ މަތީ ތައުލީމްދޭ ސުކޫލެއް ކަމަށްވާ ސެންޓާރ ފޯ ހަޔާރ ސެކަންޑަރީ އެޑިޔުކޭޝަން (ސީއެޗްއެސްއީ)ގެ ދަރިވަރަކަށް ކެއްސުން ބަލި ޖެހިގެން އެ ސުކޫލުގެ އިތުރު ދަރުވަރުންނާއި ޓީޗަރުން އެ ބައްޔަށް ޓެސްޓު ކުރަމުންދާ ކަމަށް ”ވޮއިސް“ ނޫހުން ވަނީ ރިޕޯޓު ކޮށްފައެވެ.

މާލޭގެ އިތުރު ދެ ސުކޫލަކުންވެސް ޓީބީ ބަލީގެ ކޭސް ފެނިފައިވާ ކަމަށާއި، މާލޭގެ ޕްރައިވެޓް ސުކޫލެއްގެ ޓީޗަރަކާއި އަދި ސަރުކާރުގެ ސުކޫލެއްގައި ކިޔަވާ ދަރިވަރަކަށް ވެސް މި ބަލީގެ އަލާމާތްތައް ފެނި ޓެސްޓުކޮށްފައިވާކަން ”ވޮއިސް“ އަށް ކަށަވަރުވެފައިވާކަމަށް އެ ނޫހުން ވަނީ ބުނެފައެވެ. އެކަމަކު އެޑިއުކޭޝަނުން އެކަން ދޮގު ކުރެއެވެ.

މިމަހުގެ 22 ވަނަ ދުވަހު އިންޑިއާ އިން ރާއްޖެއަށް 27،000 ޓީބީ ބޭސް ގުޅަ ވަނީ ހަދިޔާކޮށްފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button