ޚަބަރުސިޔާސީ

މިއުޅެނީ އާޓިސްޓުންނަށް ހުރަސްއަޅާކަށް ނޫން، ބޭނުމަކީ އާޓިސްޓުންނަށް ފުރުޞަތު ދިނުން: މޭޔަރު

މާލޭ ސިޓީ ކައުންސިލުން އާޓިސްޓުންނަށް ހުޅުވިފައި ހުރި މަގުތައް ބަންދުކުރަން ނޫޅޭ ކަަމަށާއި ސިޓީ ކައުންސިލުން މަސައްކަތް ކުރަނީ ވީހާވެސް ތަނަވަސްކޮށް އާޓިސްޓުންނަށް ފުރުޞަތު ދިނުމަށް ކަމަށް މާލޭ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މޭޔަރު މިހެން ވިދާޅުވީ މާލޭގެ އެކި ހިސާބުތަކުގެ ފާރުތަކުގައި ހުރި ނޭދެވޭ ގްރެފިޓީތައް ފިލުވައި ސާފުކުރިތާ ތިން ދުވަސް ނުވަނީސް އަނެއްކާވެސް އެތަންތަނުގައި އެފަދަ ގްރެފިޓީތައް ކުރެހުމާ ގުޅިގެން “މޭޔަރ މުޢިއްޒު” ވެބްސައިޓަށް ދެއްވި ބަސްދީގަތުމެއްގައެވެ.

މޭޔަރު ވިދާޅުވީ މާލެއަކީ ޗާލު ސިޓީއަކަށް ވުމަށް މާލޭގެ ރައްޔިތުން ބޭނުންވާ ކަމަށާއި މާލޭގެ ރައްޔިތުން ބޭނުންވާ ކަމެއްނަމަ އެކަމެއް ޙާޞިލުކުރުމަށް ސިޓީ ކައުންސިލުން މަސައްކަތް ކުރާނެ ކަމަށެވެ. މާލޭގެ އެކި ސަރަޙައްދުތަކުގައި ކުރަހާފައިވާ ނޭދެވޭ ގްރެފިޓީތައް ފުހެ ސާފުކުރީ ވެސް އެގޮތުގެ މަތިން ކަމަށް މޭޔަރު ވިދާޅުވިއެވެ.

މޭޔަރު ވިދާޅުވީ ގްރެފިޓީއަކީ ބޭރުގެ ސިޓީތަކުގައި ވެސް އެކަމަށް ޚާއްޞަކުރެވިފައި ހުންނަ ތަންތަނުގައި ވަކި މިންގަނޑުތަކެއްގެ ތެރެއިން ހުއްދަ ދޭ ކަމެއް ކަމަށެވެ. ނަމަވެސް މާލޭ ސިޓީގައި އެކަން ހިނގަމުން އައީ އެހެން ނޫން ކަމަށެވެ. އެހެންކަމުން ސިޓީ ކައުންސިލުގެ މަޤްޞަދަކީ އެކަން ވަކި ހަމަޔަކަށް ފެއްތުން ކަމަށް މޭޔަރު ވިދާޅުވިއެވެ.

”ހަމަ ބޭނުން ތަނެއްގައި ކުރަހަންވީ، ބޭނުން އެއްޗެއް ވެސް ލިޔަންވީ. އެކަމަކު އެގޮތަކަށް ނޫން އެކަން އޮންނަނީ ތަހުޒީބީ މުޖުތަމަޢުތަކުގައި ވެސް. އާޓިސްޓުންނަށް ވެސް އަދި ޒުވާނުންނަށް ވެސް ފުރުޞަތު ދޭ ވަކި ތަންތަނުގައި ގްރެފިޓީ ކުރަހަން. އެހެންވީމަ މާލޭ ސިޓީ ކައުންސިލުގެ ވިސްނުމަކީ އެ ފުރުޞަތު އެގޮތަށް ދޭން. އަޅުގަނޑުމެންގެ ބޭނުމަކީ އާޓިސްޓުންނަށް މަގު ބަންދުކުރުމެއް ނޫން. އާޓިސްޓުންގެ ޝުޢޫރުތައް ފާޅުކުރަން ފުރުޞަތު ދޭން ވާނެ.“ މުއިއްޒު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ އިޖުތިމާޢީގޮތުން ރަގަޅު ނޫން ކަންކަމަށް މަގުފަހިވާ ގްރެފިޓީއަކީ އެއްގޮތަކަށް ވެސް ގްރެފިޓީގެ ގޮތުގައި ތަހުޒީބީ މުޖުތަމަޢުގައި ބަލައިގަންނަ އެއްޗެއް ނޫން ކަމަށެވެ. އެެހެންކަމުން އެފަދަ ކަންކަން ސިޓީ ކައުންސިލުން ވެސް ބަލައިނުގަންނާނެ ކަމަށާއި ނަމަވެސް ރަގަޅު ގޮތުގައި އެކަން ކުރަން ބޭނުންވާ ޒުވާނުންނާއި އާޓިސްޓުންނަށް ފުރުޞަތު ތަނަވަސްކޮށްދޭނެ ކަމަށް ވިދާޅުވިއެވެ.

ގްރެފިޓީތައް ސާފުކުރި ފަހުން އަލުން ކުރަހާފައި

މާލޭގެ އެކި ސަރަޙައްދުތަކުގެ ފާރުތަކުގައި ކުރަހާފައިވާ ގްރެފިޓީތައް ފުލުހުންނާ ގުޅިގެން ސިޓީ ކައުންސިލުން ފުހެ ސާފުކުރަން ފެށީ މިދިޔަ ހުކުރު ދުވަހުއެވެ. މިގޮތުން މާލޭގެ 30 އަކަށް ތަނުން ގްރެފިޓީ ފިލުވައި ސާފުކޮށްފައި ވަނިކޮށް އެ ތަންތަނުގައި އަލުން ގްރެފިޓީ ކުރަހައި ބައެއް ގޭންގުތަކުގެ ނަންތަކާއި ފުލުހުންނަށް ނިސްބަތްވާ ގޮތަށް ހުތުރު ބަސްތައް ވަނީ ލިޔެފައެވެ. ސިޓީ ކައުންސިލުން ވަނީ އަނެއްކާވެސް އެތަންތަން ސާފުކުރުމުގެ މަސައްކަތް ފަށާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button