ފެނަކައިގެ ސީއެފްއޯ އަބްދުﷲ ވަހީދުގެ މައްޗަށް ކުރެވޭ ކޮރަޕްޝަންގެ ތުހުމަތު ދޮގުކޮށްފިއެވެ.
”ބޮންތި“ އަށް މައުލޫމާތު ދެއްވަމުން ފެނަކައިގެ ސީއެފްއޯ ވިދާޅުވީ އޭނާގެ ހިއްސާ އޮންނަ އެއްވެސް ކުންފުންޏަކަށް ފެނަކައިން 6 މިލިއަން ރުފިޔާގެ ޕަޗޭޒް އޯޑަރު ދޫކޮށްފައި ނުވާނެކަމުގައެވެ.
އަބްދުﷲ ވިދާޅުވިގޮތުގައި ދުވަހަކުވެސް ކޮރަޕްޝަނާއިި ފަސާދައިގެ އަމަލެއް އޭނާ ހިންގާފައި ނުވާނެއެވެ. އަދި، ސީއެފްއޯގެ މަގާމުގައި އިހުލާސްތެރި މަސައްކަތްތަކެއް ކުުރުމުގެ އަޒުމުގައި އަބަދުވެސް ދެމި ހުންނާނެކަމަށް އަބްދުﷲ ވިދާޅުވިއެވެ.
”ފެނަކައަށް އަޅުގަނޑު ހިއްސާވާ ކުންފުންޏަކުން ދުވަހަކުވެސް ވިޔަފާރިއެއް ކޮށްފައި ނުވާނޭ ކަމުގެ ޔަގީންކަން އަރުވަން. މިކަން ކަމާއިގުޅުންހުރި މުވައްސަސާތަކުން ޔަގީންކުރެއްވުން އެދެން.“ އަބްދުﷲ ވިދާޅުވިއެވެ.
“ބޮންތި” އަށް އެނގިފައިވާގޮތުގައި ފެނަކައިން ޕީއޯތައް ދޫކޮށްފައިވަނީ ވެނޭޑިއަމް އިންވެސްޓްމެންޓް ޕްރައިވްޓް ލިމިޓެޑަށެވެ. އެ ކުންފުންޏަކީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 7 ވަނަ ދުވަހު އުފެއްދި ކުންފުންޏެކެވެ. އަދި ކުންފުނި އުފެއްދިތާ ދެމަސް ދުވަސްވެސް ނުވަނީސް ބޯޑަށް ބަދަލުތަކެއް ގެނައުމަށްފަހު ފެނަކައިގެ ސީއެފްއޯ އަބްދުﷲ ވަހީދު އެކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ގެނެސްފައިވެއެވެ. އަދި ޕީއޯތައް ފެނަކައިން ނެރުނީ އެ މުއްދަތުގެ ތެރޭގައެވެ. އެކަމަކު އިކޮނޮމިކް މިނިސްޓްރީގެ ބިޒްނަސް ޕޯޓަލުން އަދިވެސް ދައްކަނީ ވެނޭޑިއަމްގެ ކުރީގެ ބޯޑު ޑިރެކްޓަރުންނާއި ހިއްސާދާރުންގެ މައުލޫމާތެވެ. އަދި މިހާރުގެ ބޯޑު މެންބަރުންގެ މައުލޫމާތު އޮތީ އަދާހަމަ ނުކޮށެވެ.
މިހުރިހާ ކަމެއް ސީއެފްއޯ އަބްދުﷲ ދޮގުކޮށްފައިވާއިރު، ”ބޮންތި“ އޮންލައިން ނޫހަށް ލިބިފައިވާ ޕީއޯތަކާއި އަބްދުﷲ އާއި ގުޅުވައިގެން ބަޔަކުދީފައިވާ މައުލޫމާތަކީ ކަނޑައެޅިގެން ދޮގު މައުލޫމާތެއްކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި އެއީ އެއްވެސް އަސާސެއްނެތް މައުލޫމާތެއް ކަމަށާއި އަދިވެސް ދެމި ހުންނާނީ ޕްރޮފެޝަަނަލް މުވައްޒަފެއްގެ ގޮތުގައި ކަމަށް އަބްދުﷲ ވިދާޅުވިއެވެ.
އަބްދުﷲ އަކީ 2014 ސެޕްޓެމްބަރު މަހުން ފެށިގެން 7 އަހަރަށްވުރެ ގިނަަ ދުވަހު ފެނަކައިގެ އެކައުންޓްސް އަދި ފައިިނޭންސް ޑިޕާޓްމަންޓުގައިި އިސް މަގާމުތަކެއް އަދާކުރައްވާފައިވާ ބޭފުޅެކެވެ.