
މާލޭގެ ޕާކިން މައްސަލަ އަކީ މާލެ ސިޓީ ކައުންސިލުންވެސް ވަރަށްބޮޑު އިސްކަމެއް ދޭކަމެއް ކަމަށް މާލެ ސިޓީގެ މޭޔަރ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
”ޖަޒީރާ“ ނޫހަށް ދެއްވި އިންޓަވިއުގައި މޭޔަރ ވިދާޅުވީ މާލޭގެ ޕާކިން މައްސަލައަކީ ހަމައެކަނި ކައުންސިލްގެ މެންޑޭޓްގެ ތެރެއިން ހައްލުވާނެ ކަމެއްނޫން ކަމަށާއި، އެކަން ހައްލު ކުރެވޭނީ ސަރުކާރުގެ ސިޔާސަތުތައްވެސް އެއާއި އެކުވެގެން ކަމަށެވެ.
”ކޮންމެގޮތެއްވިޔަސް އެންމެންގެވެސް ބޭނުންތަކަށް ގެނެސްފައިހުރި ވަރަށްގިނަ ވެހިކަލްތައް މާލޭގަ އެބަހުރި. އެހެން ނަމަވެސް ޕާކުކުރާނެ ޖާގަ ދެވިފައެއް ނުވޭ. ޖާގަ އުފެއްދިފައެއް ނުވޭ. ވެހިކަލްތައް ޕާކު ކުރާނެ ޖާގަ ނެތްނަމަވެސް ޖޫރިމަނާކުރުންވެސް ހަމަ ކުރިއަށް ގެންދޭ. މިކަހަލަ ހާލަތެއްގަ މާލެ ޕާކިންގް މައްސަލަ މިއޮތީ.“ މުއިއްޒު ވިދާޅުވިއެވެ.
މީގެ އިތުރުން މޭޔަރ ވިދާޅުވީ މާލެ ސިޓީ ކައުންސިލް މިދައުރަށް ހޮވިގެން ފެށި މަސައްކަތުގެ ތެރޭގައި ސްޓްރެޓެޖިކް އެކްޝަން ޕްލޭނެއް ފާސްކޮށްގެން ކުރިއަށްގެންދާ މަސައްކަތްތަކުގެ މައިގަނޑު އެއް އަމާޒެއްގެ ގޮތުން ކަނޑައަޅާފައި ވަނީ މާލޭގެ މަގުމަތި ހިތްފަސޭހަ ތަނަކަށް ހެދުން ކަމަށާއި، އޭގެތެރޭގައި ހިމެނޭ އެންމެ ބޮޑު ކަމަކީ ޕާކިން އަށް އެދެވޭ ހައްލުތަކެއް ހޯދައިދިނުން ކަމަށެވެ.
މިއާއި އެކު މޭޔަރ ވިދާޅުވީ ސަރުކާރަށް ހުށަހަޅާފައިވާ މާލެ ސިޓީ ކައުންސިލްގެ ލޭންޑް ޔޫސް ޕްލޭންގައި މަލްޓީ ސްޓޯރީ ޕާކިން ބިލްޑިންގ ތަކެއް އެޅުމަށް ޖާގަތަކެއްވެސް ފާހަގަ ކޮށްފައި ވާނެ ކަމަށެވެ. އަދި މި ލޭންޑް ޔޫސް ޕްލޭން ސަރުކާރުން ފާސްކޮށްދެއްވައިފި ނަމަ މި ޕާކިން ބިލްޑިންގ ތައް އަޅަން ފުރުޞަތު ހުޅުވާލުމަށް ފަސޭހަވެގެން ދާނެ ކަމަށްވެސް މޭޔަރ ވަނީ ވިދާޅުވެފައެވެ.
”ސަރުކާރަށް ހުށަހަޅާފައިވާ ލޭންޑް ޔޫސް ޕްލޭންގައިވެސް މަލްޓީ ސްޓޯރީ ޕާކިން ބިލްޑިންގ ތަކެއް އެޅުމަށް ޖާގަތަކެއްވެސް ފާހަގަ ކޮށްފައި ވާނެ. ލޭންޑް ޔޫސް ޕްލޭން ސަރުކާރުން ފާސްކޮށްދެއްވައިފި ނަމަ މި ޕާކިން ބިލްޑިންގ ތައް އަޅަން ފުރުޞަތު ހުޅުވާލުމަށް ފަސޭހަވެގެން ދާނެ.“ މުއިއްޒު ވިދާޅުވިއެވެ.
މޭޔަރ ވިދާޅުވީ މާލެ ސިޓީކައުންސިލުން މިކަމަށްޓަކައި އިންވެސްޓަރުންނާއި ޑިވެލޮޕަރުންނަށް ފުރުޞަތު ހުޅުވާލުމަށް ތައްޔާރުކުރަންޖެހޭ ލިޔެކިޔުންތައް ތައްޔާރު ކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާކަމަށެވެ. އަދި ސިޓީ ކައުންސިލްގެ އަމާޒަކީ ސަރުކާރުގެ އެއްބާރުލުމާއި އެކު މި އަހަރުގެ ފުރަތަމަ 3 މަސް ތެރޭގައި މިކަމަށް ފުރުޞަތު ހުޅުވައިލުމާއި އެކު އަހަރު މެދުތެރޭގައި މި އިމާރާތްތައް އެޅުމުގެ މަސައްކަތް ހަވާލުކުރުން ކަމަށްވެސް މޭޔަރ ވިދާޅުވިއެވެ.