
މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް، ގުޅިފަޅަކީ ބޯހިޔާވަހިކަމަށް ހާއްސަ ކުރާ ރަށަކަށް ހެދުމުގެ ގޮތުން، ގުޅިފަޅުގެ މައްސަލަ ކޯޓަށް ހުށަހެޅުމަށް މާލެ ސިޓީ ކައުންސިލުން ނިންމައިފި އެވެ.
މި މިމައްސަލައިގައި ކޯޓަށް ދިއުމަށް ސިޓީ ކައުންސިލުން ނިންމާފައިވަނީ މާލޭގެ ރައްޔިތުންގެ ގެދޮރުގެ މައްސަލާގައި ސަރުކާރުން ގެންގުޅުއްވާ ސިޔާސަތަށް މާލެ ސިޓީ ކައުންސިލުން ތާއީދު ނުކުރައްވާތީއެވެ.
ސަރުކާރުން ނިންމާފައިވަނީ މާލޭގެ ވިޔަފާރި ބަނދަރު ގުޅިފަޅަށް ބަދަލުކުރުމަށެވެ. އަދި، އެތަނުގައި ބައިނަލްއަގުވާމީ ޕޯޓަކާއި އިންޑަސްޓްރިއަލް ވިލެޖެއް ތަރައްގީކުރުމަށެވެ.
މާލެ ސިޓީ ކައުންސިލްގެ މިއަދު ބައްދަލުވުމުގައި ގުޅިފަޅުގެ މައްސަލަ ކޯޓަށް ހުށަހެޅުމަށް ހުށަހެޅުއްވީ ހުޅުމާލެ ދާއިރާގެ ކައުންސިލަރު އިބްރާހީމް ޝުޖާއު އެވެ. އެ ހުށަހެޅުމަށް ތާއީދު ކުރެއްވީ މާލޭގެ ޑެޕިއުޓީ މޭޔަރު އަހްމަދު ނަރީޝް އެވެ.