ޚަބަރުސިޔާސީ

ކުރީ ސަރުކާރުން ކޮމަންޑޫ ދާއިރާއަށް އެއްވެސް ކަމެއް ނުކޮށްދޭކަމަށް ވިދާޅުވެ މަޖިލިސް ބަހުސްގައި ރާޝިދު ދޮގުހަދައިފި

ކުރީ ސަރުކާރުން ކޮމަންޑޫ ދާއިރާއަށް އެއްވެސް ކަމެއް ނުކޮށްދޭކަމަށް ވިދާޅުވެ އެ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރައްވާ އެމްޑީޕީގެ ކެނޑިޑޭޓު މުހައްމަދު ރާޝިދު މަޖިލިސް ބަހުސްގައި ދޮގުހަދައިފިއެވެ.

މިހާރު ކުރިޔަށްދާ ޕީއެސްއެމްގެ މަޖިލިސް ބަހުސްގައި ވާހަކަ ދައްކަވަމުން ރާޝިދު ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ސަރުކާރުން ކޮމަންޑޫ ދާއިރާއަށް ވަރަށް ބޮޑަށް އިހުމާލުވެފައިވާ ކަމުގައެވެ.

ރާޝިދު މިވަރުގެ ބޮޑު ދޮގެއް ހެދިއިރު ކޮމަންޑޫގެ ދެ ރަށްވަރުގެ ބޮޑު ބިމެއް ހިއްކައި ވަށާ ބޮޑު ހިލަ ޖެހީ ރައީސް ޔާމީންގެ ވެރިކަމުގައެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ވެރިކަމަކުގައި ހެދި ސިއްހީ މަރުކަޒު އިތުރަށް ތަރައްގީކޮށް ފުޅާކުރުމާއި، އަތޮޅު ތައުލީމީ މަރުކަޒު މަރާމާތުކޮށް 2 ބުރީގެ އިމާރާތެއް އެޅުމާއި، ރަށްވެހިގެ ނުވަތަ އަތޮޅު އޮފީހުގެ އާބާތުރަ ފިލުވައި މަރާމާތުކުރުމާއި، ދެބުރީގެ މިސްކިތުގެ ފުރާޅު ރަނގަޅުކޮށް މިސްކިތް މަރާމާތުކޮށް ރީތި ކުރުމުގެ މަސައްކަތްވެސް ކުރީ ރައީސް ޔާމީންގެ ވެރިކަމުގައެވެ.

ކޮމަންޑޫ މަސްވެރިން މަހަށްގޮސްގެން ފައިސާ ހޯދައިގެން ރަށު ޖަމްއިއްޔާއިން އެޅި ރައްޔިތުންގެ އިންޖީނުގެ އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި ސަރުކާރަށް ނެގުމަށްފަހު އޮތީ ބަދަލު ނުދީއެވެ. އަދި އިހަކަށް ދުވަހު ހުޅުވި އިންޖީނުގެއަކީ ޔާމީންގެ ވެރިކަމުގައި ހިއްކި ބިމުގައި ޓެންޑަރ ކޮށްގެން ފެށުނު މަޝްރޫއެކެވެ. އަދި އެތަނުގައި ހުރި ޖަނަރޭޓަރުތަކަކީ ކޮމަންޑޫ ރައްޔިތުން ކުރިން އަމިއްލައަށް ހޯދާފަ ހުރި ޖަނަރޭޓުތަކެކެވެ. ކަރަންޓުގެ ވިއުގަ ގުޅާފައި އޮތީ ކޮމަންޑޫ ރައްޔިތުންގެ ކޭބަލް ބޭނުން ކޮށްގެންނެވެ.

ކޮމަންޑޫ ފެނުގެ ނިޒާމަކީ ސިޔާސީ ޕާޓީތައް އުފެދުމުގެ މާކުރިން އަދ މާލެއަށް ފެނުގެ ހިދުމަތް ދިނުމުގެވެސް ކުރިން ފެންހޮޅި ގުޅައިގެން އިސްކުރާއި މީޓަރު ހަރުކޮށްގެން ބޭނުންކުރަންފެށި ހިދުމަތެކެވެ.

ރައީސް މައުމޫނުގެ ވެރިކަމުގައި ކޮމަންޑޫގައި އެޅި ނަރުދަމާގެ ނިޒާމު 2004 ވަނަ އަހަރުގެ ސުނާމީގަ ހަލާކުވުމާގުޅިގެން ރައީސް ޔާމީންގެ ވެރިކަމުގައި އެ ނިޒާމް ބަޔަކާ ހަވާލުކޮށް ސާވޭކޮށް ނިންމިއެވެ. ޔާމީންގެ ވެރިކަން ނިމި ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމަށް 3 އަހަރު ފުރުނުއިރުވެސް އެ މަސައްކަތް އަދިވެސް އޮތީ ނުނިމިއެވެ.

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނުގައި ވާދަކުރާ އެމްޑީޕީގެ ކެނޑިޑޭޓުގެ ކެމްޕެއިން ލޯންޗު ކުރުމުގެ ޖަލްސާއަށް ރައީސް ސޯލިހު ވަޑައިގަތުމުން އެމަނިކުފާނަށް ވަކި ފެން ލައިނެއް ގާއިމްކޮށްދިނުމަށްފަހު ރަށްޔިތުންނަށް ސާފު ފެނުގެ ދަތިކަން ކުރިމަތިވެފައިވާކަމަށްވެސް “ބޮންތި” އަށް ވަނީ އެނގިފައެވެ. އެގޮތުން ވަޒީފާގެ ބިރަށްޓަކައި ނަން ނުޖެހުމަށް ޝަރުތުކޮށް އެރަށުން ވާހަކަ ދެއްކި މީހަކު ބުނިގޮތުގައި ރަށަށް 3 ގަޑިއެއްހާއިރު ފެން ނުލިބި ދިޔައެވެ.

“އަޅުގަނޑުމެން ގައިން ތާހިރުނުވެ ތިއްބާ ފެން ލައިނެއް ނަގައިގެން ރައީސް ސޯލިހު އަށް ފެން ދިނީ. ރަށު ރައްޔިތުންނަށް 3 ގަޑިއިރު ފެން ނުލިބި ދިޔަ. މިދެން ކިހާބޮޑު މުސީބާތެއް” އޭނާ ބުންޏެވެ.

އެމްޑީޕީ ފިޔަވައި ކޮމަންޑޫއަށް ކަމެއް ކޮށްދިން ބަޔަކު ނޫޅޭކަމަށް ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ޝިފާޒު ވެސް ވަނީ މީގެ ކުރިން ވިދާޅުވެފައެވެ. އޭނާ މިހެން ވިދާޅުވިއިރު، އެރަށުގެ ބިން ހިއްކައި ތޮށި ލައިދޭނެކަމަށް އެމްޑީޕީ އިން 2009 ގައި ވައުދު ވިއެވެ. އަދި 300 ހައުސިންގް ޔުނިޓް އަޅައިދޭނެކަމަށް އެ ޕާޓީއިން ވަނީ 2010 ވަނަ އަހަރު ވައުދުވެފައެވެ. އެކަމަކު އެއިން އެއްވެސް ކަމެއް ނުކުރެވެއެވެ.

2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ރައީސް ސޯލިހު ވަނީ ކޮމަންޑޫ ކައިރީގަ އޮންނަ މަތިކޮމަންޑޫ އެއާޕޯޓަކަށް ހައްދަވައިދެއްވާނެ ކަމަށް ވައުދުވެވަޑައިގެންފައެވެ. އެކަމަކު އެމްޑީޕީގެ ކެނޑިޑޭޓުގެ ކެމްޕެއިން ލޯންޗު ކުރުމުގެ ޖަލްސާގައި ރައީސް ސޯލިހު ވިދާޅުވީ އެ ދެރަށް ކޯޒުވޭއަކުން ގުޅައިދެއްވާނެ ވާހަކައެވެ. އެމަނިކުފާނު އެހެން ވިދާޅުވިއިރު، އެއީ ބަޖެޓުގައި ނުހިމެނޭ ކަމެކެވެ. އަދި އެކަމަށް ހަދަންޖެހޭ އީއައިއޭވެސް އޮތީ ނަހަދައެވެ. އަދި އެއީ މިފަހަރުގެ ބައި އިލެކްޝަނަށް ރައީސް ވެވަޑައިގެންނެވި “އައު” ވައުދެކެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button