ޚަބަރު

މިދިޔަ އަހަރުގެ ފުރަތަމަ 19 ދުވަހުގެ ދަރަންޏަށްވުރެ މިއަހަރުގެ ދަރަނި 470 މިލިއަން ރުފިޔާ އިތުރުކަން ހާމަވެއްޖެ

މިދިޔަ އަހަރުގެ ފުރަތަމަ 19 ދުވަހުގެ ދަރަންޏަށްވުރެ މިއަހަރުގެ ދަރަނި 470 މިލިއަން ރުފިޔާ އިތުރުކަން ހަފްތާއަކު އެއްފަހަރު، ފިނޭންސް މިނިސްޓްރީއިން އާންމުކުރާ ރިޕޯޓުން ހާމަވެއްޖެއެވެ.

ދައުލަތުގެ އާމްދަނީއާއި ހަރަދުތައް އާންމުކުރާ ރިޕޯޓުން ދައްކާ ގޮތުގައި މިއަހަރުގެ ފުރަތަމަ 19 ދުވަހު ސަރުކާރުންވަނީ 580.6 މިލިއަން ރުފިޔާ ޚަރަދުކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ ހިސާބުތަކަށް ބަލާއިރު 470 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ.

2022 ވަނަ އަހަރުގެ ފުރަތަމަ 19 ދުވަހު ސަރުކާރުގެ ދަރަނި އަރާފައިވަނީ 110.4 މިލިއަން ރުފިޔާއަށެވެ. އަދި ދައުލަތަށް ލިބުނު އާމްދަނީއަށް ބަލާއިރު، 2022 ވަނަ އަހަރުގެ ފުރަތަމަ 19 ދުވަހު ދައުލަތަށްވަނީ 810.8 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައެވެ. ނަމަވެސް މިއަހަރުގެ ފުރަތަމަ 19 ދުވަހު ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 736.8 މިލިއަން ރުފިޔާކަމަށް އެ ރިޕޯޓުން ހާމަވެއެވެ.

މިއަހަރުގެ ފުރަތަމަ 19 ދުވަހުގައި ދައުލަތުގެ ހަރަދު 1317.4 މިލިއަން ރުފިޔާއަށް އަރައެވެ. އަދި މިދިޔަ އަހަރު މި މުއްދަތުގެ ތެރޭގައި ހަރަދުކޮށްފައިވަނީ 700.4 މިލިއަން ރުފިޔާއެވެ. މި ހިސާބުތަކަށް ބަލާއިރު، މި އަހަރުގައި ސަރުކާރުން ކުރި ހަރަދުތައް މިވަނީ މިދިޔަ އަހަރަށްވުރެ 617 މިލިއަން ރުފިޔާ އިތުރުވެފައެވެ.

ދުވަހުން ދުވަހަށް ކުރަންޖެހޭ ހޭދަތަކަށް މިއަހަރުގެ މިހާތަނަށް ބޮޑު ހޭދައެއްކޮށްފައިވެއެވެ. އެއީ އިދާރީ ކަންކަމަށާއި ހިންގުމަށް ހޭދަކޮށްފައިވާ 890.7 މިލިއަން ރުފިޔާއެވެ. 2022 ވަނަ އަހަރަށްވުރެ، މިއަހަރު ދައުލަތުގެ ހަރަދުތައް ބޮޑުތަނުން އިތުރުވެފައިވާއިރު، ދުވަހުން ދުވަހަށް ހޭދަކުރާ އަދަދު މިވަނީ 896 މިލިއަން ރުފިޔާއަށް އަރާފައެވެ.

މިއަހަރުގެ ފުރަތަމަ 19 ދުވަހު ދައުލަތުން ކުރި ހަރަދުތައް ލިބުނު އާމްދަނީއަށްވުރެ އިތުރުވެފައިވާއިރު، މިއަހަރު ފެށުމާއެކު، ދައުލަތުގެ ހަރަދުތައް ހަމަޖެއްސުމަށް ކުރިމަތިވާ ހުރަސްތަކަށް ހައްލު ހޯދުމަށް ކަމަށްބުނެ މާލީ އިދާރާތަކުން، އާންމުންގެ އަތުން ނަގާ ޓެކްސް އާއި ފަތުރުވެރިންގެ އަތުން ނަގާ ޓީޖީއެސްޓިގެ ރޭޓްތައްވެސް ވަނީ ބޮޑުކޮށްފައެވެ. ނަމަވެސް ސަރުކާރުގެ ހަރަދުތައް ކުޑަނުކޮށް، މާލީ ގޮތުން ކުރިމަތިވާ ހުރަސްތަކަށް އެދެވޭ ގޮތެއްގައި ހައްލެއް ނުލިބޭނެކަމަށް ބައިނަލްއަގްވާމީ މާލީ އިދާރާތަކުން ބުނެފައިވެއެވެ.

ދައުލަތުން ކުރާ ހަރަދުތައް ވަކި މިންގަނޑެއްގައި ހިފެހެއްޓުމަށްޓަކައި ސަރުކާރުން ފޯރުކޮށްދޭ ސަބްސިޑީތަކަށާއި، އިޖުތިމާއީ ރައްކާތެރިކަމުގެ ނިޒާމަށް ބަދަލުގެންނަން، މިއަހަރުގެ ބަޖެޓުގައި ހިމަނާފައިވީނަމަވެސް، އަދިވެސް އެކަން ތަންފީޒުކުރަން ސަރުކާރުން އެއްވެސް މަސައްކަތެއް ކޮށްފައިވާކަން އެނގޭކަށްނެތެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button