ހިޔާނާތުގެ ލިސްޓުގައި ނަން އޮތުމުން އޮޑިޓަރ ޖެނެރަލް އިސްތިއުފާ ދެއްވައިފި!

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ލިސްޓުގައި އޮތުމުން އޮޑިޓަރ ޖެނެރަލް ހަސަން ޒިޔަތު އިސްތިއުފާ ދެއްވައިފިއެވެ.
ޒިޔަތު ސޮއިކުރައްވާ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ފޮނުއްވި ސިޓީގައި ވާގޮތުން އޭނާ އިސްތިއުފާ ދެއްވީ، އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލާއި ގުޅިގެން އެސެޓް ރިކަވަރީ ކޮމިޝަނުން މަޖިލީހަށް ހުށަހަޅާފައިވާ ލިސްޓުގައި އޭނާގެ ނަން އޮތުމުންނެވެ. ޒިޔަތު ވިދާޅުވިގޮތުގައި އޭނާ މިވަގުތު މަގާމުގައިި ދެމިހުރުމަކީ ދައުލަތާއި، އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ކަރާމާތާއި ގަދަރަށް އަންނާނެ ކަމެކެވެ.
ޒިޔަތު ވިދާޅުވީ މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި އެއްވެސް ހިޔާނާތެއް ނުވަތަ ރިޝްވަތުގެ އަމަލެއްގައި ބައިވެރިވެފައިނުވާ ކަމަށެވެ. މި ހިޔާނާތުގެ ލިސްޓުގައި ހިމެނޭ ފަރާތްތަކުގެ ތެރެއިން ދައުލަތުގެ މަގާމެއްގައި ހުރި މީހެއް ނަމަ، އެމީހަކު މަގާމުން ވަކި ކުރުމަށް ރައްޔިތުންގެ މަޖިލީހުން ވަނީ ފާސްކޮށްފައެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ބައިވެރިވެފައިވާ ފަރާތްތައް ކަމަށް ބުނާ ލިސްޓު މަޖިލީހުން ހާމަކުރިއިރު، އޭގެ ތެރޭގައި ސިޔާސީ މައި ދެ ޕާޓީ ކަމަށްވާ ޕީޕީއެމާއި އެމްޑީޕީގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން ކޮށްފައިވާ، އަދި މިހާރުވެއް ކުރައްވާ ބޭފުޅުންގެ އިތުރުން ވަޒީރު ފެންވަރުގެ ބޭފުޅުން ހިމެނެއެވެ.