ގުޅީފަޅު ހިއްކުމުގެ މަސައްކަތް ހުއްޓުމަކަށް ގެނެސްފައިވާ ހައިކޯޓުގެ އަމުރަށް ޢަމަލުކުރުން ފަސްކުރުމަށް ސުޕްރީމްކޯޓުން ވަގުތީ އަމުރެއް ނެރެފިއެވެ.
ތިމާވެށި ހިމާޔަތްކުރުމަށް އަޑުއުފުލާ ފަރާތެއް ކަމުގައިވާ ހުމައިދާ އަބްދުލްޤަފޫރު, ގުޅީފަޅު ހިއްކުމުގެ މަސައްކަތުގެ ސަބަބުން ތިމާވެއްޓަށް ގެއްލުންވާ ކަމަށްބުނެ, ހައިކޯޓުގައި އިސްތިއުނާފްކުރި މައްސަލައިގައި ހައިކޯޓުން ވަނީ ގުޅީފަޅު ހިއްކުމުގެ މަސައްކަތް ހުއްޓާލުމުގެ ވަގުތީ އަމުރެއް ނެރެފައެވެ. ނަމަވެސް އެޓާނީ ޖެނެރަލްގެ އޮފީހުން ސުޕްރީމްކޯޓުގައި, ހައިކޯޓުގެ އަމުރު އިސްތިއުނާފް ކުރުމުން އެ ކޯޓުން ވަނީ ހައިކޯޓުގެ އަމުރު ތަންފީޒުކުރުން ފަސްކުރުމަށް އަމުރެއް ނެރެފައެވެ.
ސުޕްރީމް ކޯޓުގެ މި އަމުރުގެ ސަބަބުން ގުޅީފަޅު ހިއްކުމުގެ މަސައްކަތް ހުއްޓާނުލާ ކުރިއަށް ގެންދިޔުމަށް އެޅިފައި އޮތް ހުރަސްތައް މިހާރު އެވަނީ ނައްތާލެވިފައެވެ.
ސުޕްރީމްކޯޓުގެ އަމުރު; ހައިކޯޓުގެ އަމުރަށް ޢަމަލުކުރުން ނުހުއްޓުވައިފިނަމަ, އޭގެސަބަބުން ދައުލަތަށް ލިބޭނެ ގެއްލުން އިންތިހާއަށް ބޮޑުވުމުގެ އިމްތިމާލު ފެންނާތީ, މައްސަލައިގައި ސުޕްރީމްކޯޓުން ވަކިގޮތެއް ނިންމަންދެން ހައިކޯޓުގެ އަމުރަށް ޢަމަލުކުރުން އެއްވެސް ފިޔަވަޅެއް ނޭޅުމަށް ހައިކޯޓުގެ އަމުރު ރައްދުވާ ހުރިހާ ފަރާތްތަކަށް އަމުރުކުރާ ކަމަށެވެ.
ސުޕްރީމްކޯޓުން މައްސަލަ ބައްލަވާ ބެންޗުގައި ތިއްބަވަނީ ފަނޑިޔާރު އަލީ ރަޝީދު ހުސައިން އާއި ފަނޑިޔާރު ހުސްނުއްސުއޫދު އަދި ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރެވެ. މި މައްސަލައިގައި ކުރެއްވި ހުކުމަކީ ބެންޗުގެ 3 ފަނޑިޔާރުންގެ އިއްތިފާޤުން ކުރެއްވި ހުކުމެކެވެ.