ރައީސް އަޒުލުކުރުމުގެ މައްސަލައިގެ ފުރަތަމަ އަޑުއެހުން މި މަހު 25ވަނަ ދުވަހަށް ތާވަލުކޮށްފި

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު މަގާމުން އަޒުލުކުރުމުގެ މައްސަލަ ކުރިއަށް ގެންދިއުމާ ބެހޭގޮތުން ހިމަނާފައިވާ މާއްދާތައް ބަދަލު ކުރުމުން، ބަންޑާރަ ނައިބުގެ އޮފީހުން ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލައިގެ ފުރަތަމަ އަޑުއެހުން މި މަހުގެ 25ވަނަ ދުވަހަށް ތާވަލުކޮށްފިއެވެ.
އެ މައްސަލަ މިމަހުގެ 5ވަނަ ދުވަހު ސުޕްރީމް ކޯޓަށް ބަލައިގަނެ ރަޖިސްޓަރީ ކޮށްފައިވާއިރު، މައުލޫމާތު ލިބިފައިވާ ގޮތުގައި މި މައްސަލައިގެ ފުރަތަމަ އަޑުއެހުން ތާވަލުކޮށްފައި ވަނީ މިމަހުގެ 25ވަނަ ދުވަހުގެ ހެނދުނު 10:45އަށެވެ.
މި މައްސަލައާއި ގުޅިގެން ސުޕްރީމް ކޯޓުން ނިންމި ނިންމުމުގައި އެ މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ވަނީ ވަގުތީ އަމުރު ނެރުމަށް ނިންމާފައެވެ. އެ އިސްލާހަކީ ޤާނޫނު އަސާސީއާ ޚިލާފު އިސްލާހެއް ކަމަށް ދައުލަތުން ތުހުމަތުކުރާ ހާލަތުގައި އެ އިސްލާހަށް އަމަލުކުރުން މަޑުޖައްސަންޖެހޭ ކަމަށް ފަނޑިޔާރުންގެ މަޖިލީހުގެ އަޣުލަބިއްޔަތު ރައުޔާގައި ވަނީ ބުނެފައެވެ.
ރައްޔިތުންގެ މަޖިލީހުން ވަނީ ރައީސް އަދި ނާއިބު ރައީސް މަގާމުން ވަކިކުރުމުގެ މަރުހަލާތައް ފަސޭހަކޮށް، މަޖިލީހުގެ މެންބަރުންގެ ޖުމުލަ އަދަދާ، އަގުލަބިއްޔަތު ގުނާ ގޮތަށް ބަދަލުގެނެސްފައެވެ.