ޚަބަރު

އާދޭސް ކުރުމުން ވެސް އެމްޑީޕީ ސަރުކާރުން މަރާމާތުކޮށް ނުދިން ސްޓޭޑިއަމް މި ސަރުކާރުން މަރާމާތު ކޮށްދީފި: ނިޒާރު

އައްޑޫ ފުޓުބޯޅަ ސްޓޭޑިއަމް މަރާމާތު ކޮށްދޭން ނިމުނު އެމްޑީޕީގެ ސަރުކާރުގައި އެތައް ފަހަރަކު އާދޭސް ކުރުމުން ވެސް މަރާމާތުކޮށް ނުދީ އޮއްވައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އެ ސްޓޭޑިއަމް މަރާމާތު ކޮށްދީފިކަން އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ހާމަކުރައްވައިފިއެވެ.

އައްޑޫ ސިޓީގައި އޮތް ކުޅިވަރު މުބާރާތެއް އިފުތިތާހުކުރުމުގެ ހަފުލާގައި ވާހަކަ ދައްކަވަމުން ނިޒާރު ވިދާޅުވީ އައްޑޫގެ އެ ސްޓޭޑިއަމަކީ އެއްވެސް މިންވަރަކަށް މަރާމާތު ނުކުރާތާ 10 ވަރަކަށް އަހަރުވެފައިވާ ސްޓޭޑިއަމެއް ކަމަށެވެ.

”މި ސްޓޭޑިއަމަކީ ގާތްގަނޑަކަށް 10 އަހަރުވަންދެން އެއްވެސް މަރާމާތެއް ނުކުރެވި، ދަވާދުކޮޅެއްވެސް ކާއްތައިނުލެވި އޮތް ތަނެއް،“ ނިޒާރު ވިދާޅުވިއެވެ.

އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ އައްޑޫ ސިޓީގެ މޭޔަރު ނިޒާރު ވިދާޅުވީ ނިމުނު ސަރުކާރުގައި މި ސްޓޭޑިއަމަކީ އައްޑޫގެ އަގުބޮޑު މުދަލެއްކަމަށްވާތީ އެ ސްޓޭޑިއަމް ވީރާނާވުމަށް ދޫކޮށްނުލާ، މަރާމާތު ކޮށްދިނުމަށް އާދޭސްކުރި ނަމަވެސް އެ ސަރުކާރުގެ ދައުރު ނިމިގެން ދިޔައީ އެ ސްޓޭޑިއަމް މަރާމާތުކުރުމަށް އެއްވެސް މަސައްކަތެއް ނުކުރެވިކަމަށް އޭނާ ވިދާޅުވިއެވެ.

”މިދިޔަ ސަރުކާރުގައި އަޅުގަނޑުމެން ތަކުރާރުކޮށް އެދުނިން، މިސްޓޭޑިއަމް މިއީ އައްޑޫއަށް ލިބިފައިވާ އަގުބޮޑު މުދަލަކަށްވާއިރު މިތަން ވީރާނާވާން ދޫކޮށް ނުލުމަށް. ނަމަވެސް އެއްވެސް ކަމެއް ނުކޮށް މިދިޔަ ސަރުކާރުގެ ދައުރު ނިމިގެން ދިޔަކަން އަޅުގަނޑުމެން ހިތާމައާއެކު ފާހަގަކުރަން،“

މިހާރު އެ ސްޓޭޑިއަމުގައި ބާއްވަމުންދާ މުބާރާތަށް ތައްޔާރުވާން ފެށުމާއެކު މިހާރުގެ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއްދީގެން އަވަހަށް އެ މަސައްކަތް ނިންމަން ބަޔަކާ ހަވާލުކޮށް މަރާމާތުކޮށްފައިވާ ކަމަށް ނިޒާރު ވިދާޅުވިއެވެ.

ނިޒާރުވަނީ އެ ސްޓޭޑިއަމުގެ މަރާމާތުގެ މަސައްކަތް އިސްކަމެއް ދީގެން ސަރުކާރުން ކުރީތީ، ރައީސް ޑރ. މުޢިއްޒަށާއި އެމަނިކުފާނުގެ ސްޕޯޓްސް މިނިސްޓަރު ޢަބްދުﷲ ރަފީޢުއަށް ޝުކުރު ދަންނަވާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button