ޚަބަރުސިޔާސީ

އިންޑިއާ އަސްކަރިއްޔާއިން ދިވެހި ކަނޑަށް ވަން މައްސަލާގައި ސަރުކާރުން ފިޔަވަޅު އަޅާނެ: ޠާރިޤު

ދިވެހިރާއްޖޭގެ ހުއްދަ ނެތި، އިންޑިއާ އަސްކަރިއްޔާއިން ރާއްޖޭގެ އިޤުތިޞާދީ ޚާއްޞަ ސަރަހައްދަށް ވަދެ ދިވެހި މަސްދޯނިފަހަރަށް އެރި މައްސަލާގައި ބައިނަލްއަޤުވާމީ އުސޫލުތަކާ އެއްގޮތަށް ސަރުކާރުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެކަމަށް ވެރިކަންކުރާ ކޮންގުރެސް ކޯލިޝަނަށް ނިސްބަތްވެ ވަޑައިގަންނަވާ މަހިބަދޫ ދާއިރާގެ މަޖިލިސް މެންބަރު އަޙްމަދު ޠާރިޤު (ޓޮމް) ވިދާޅުވެއްޖެއެވެ.

ފާއިތުވި މަހުގެ 31 ވަނަ ދުވަހުގައި ރާއްޖޭގެ އިޤުތިޞާދީ ޚާއްޞަ ސަރަހައްދުގައި މަސްވެރިކަން ކުރަމުން ދިޔަ 3 ދޯންޏަކަށް އިންޑިއާ ސިފައިން އަރައި، އެދޯނިތަކުގެ ފަޅުވެރިންނަށް ވަނީ  ބިރުދައްކާ، ސުވާލުކޮށްފައެވެ. އެއިން އެއް ދޯންޏަކީ މަހިބަދޫއަށް ނިސްބަތްވާ އަސުރުމާ-3 އެވެ.

 

މި މަހުގެ 1 ވަނަ ދުވަހުގެ ރޭގަނޑު 12:00 ޖެހިފަހުން ދިވެހި ކަނޑުގެ ސަރަހައްދުގައިވާ ދޯންޏަކަށް ދެވަނަ ފަހަރަށް އިންޑިއާ ސިފައިން އެރިއެވެ. އެފަަހަރު އެ ދޯނީގެ ފަޅުވެރިންނަށް ބަޑިޖަހާފާނެކަމަށް ބުނެ ބިރުދައްކާ އިންޒާރުދިން ކަމަށް ފަޅުވެރިން ބުނެފައިވެއެވެ.

 

އެ މައްސަލާގައި ސަރުކާރަށް ފާޑުވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު މުޙައްމަދު ވަޙީދު (ވައްޑެ) މަޖިލީހަށް ހުށަހެޅުއްވި ކުއްލި މައްސަލައަށް ބަހުސްކުރައްވަމުން ޠާރިޤު ވިދާޅުވީ ރާއްޖޭގެ އަސްކަރިއްޔާގެ ޤާބިލުކަން ނެތުމުން ރާއްޖޭގެ ބިޔަ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް ދަތިތަކެއް ކުރިމަތިވާ ކަމަށާއި ދިވެހި އަސްކަރިއްޔާއަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމުގައި ދަތިތަކެއް ކުރިމަތިވުމަކީ ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް އެހެން ޤައުމެއްގެ ސިފައިން ވަދެ ރާއްޖޭގައި ބޭނުން ގޮތަކަށް ކަންކުރުމަށް ހުއްދަލިބޭ ސަބަބެއް ނޫން ކަމަށެވެ.

 

”އަޅުގަނޑުމެން ކުޑަ ގައުމަކުން ބައިނަލްއަގްވާމީ އުސޫލުތަކާ އެއްގޮތަށް އެ މައްސަލައަށް ޓެކުލް ކުރަމުން އެ ދަނީ. އެކަމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން ދާނީ،“

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އިއްވެވި ރިޔާސީ ބަޔާނުގައި އެމަނިކުފާނު ވަނީ ރާއްޖޭގެ އަސްކަރިއްޔާގެ ޤާބިލުކަން އިތުރުކޮށް، އެއްގަމުންނާއި ކަނޑުގެ މަގުންނާއި ވައިގެމަގުން ދިވެހިރާއްޖޭގެ ސަރަހައްދު ދިފާއުކުރުމުގެ ފުރިހަމަ ބާރުވެރިކަން ދިވެހި އަސްކަރިއްޔާގައި ހުންނަންޖެހޭނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ވިދާޅުވެފައެވެ.

 

”ރާއްޖޭގެ 900،000 އަކަކިލޯ މީޓަރުގެ ބޮޑު އެކްސްކްލޫސިވް އިކޮނޮމިކް ޒޯން 24 ގަޑިއިރު ހުއްޓުމެއް ނެތި ބެލެހެއްޓޭނެ ގާބިލްކަން އިރާދަކުރެއްވިއްޔާ ދާދި އަވަހަށް ދިވެހި އަސްކަރިއްޔާގައި ގާއިމް ކުރެވިގެންދާނެ،“ ރައީސް ވިދާޅުވިއެވެ.

 

އިންޑިއާ ސިފައިން ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަދެ ދިވެހި މަސްދޯނިފަހަރަށް އެރި މައްސަލާގައި ކަން ހިނގި ގޮތް އޮޅުންފިލުވުމަށް ރަސްމީކޮށް ޚާރިޖީވުޒާރާ މެދުވެރިކޮށް އިންޑިއާ ސަރުކާރުގައި އެދިފައިވާނެކަމަށް ދިފާއީ ވުޒާރާއިން ވަނީ ބުނެފައެވެ. ނަމަވެސް މިހާތަނަށް އިންޑިއާ ސަރުކާރުން ދިވެހި ސަރުކާރަށް އެއްވެސް ޖަވާބެއް ދީފައިނުވެއެވެ. އަދި އާންމުކޮށް އެ މައްސަލާގައި އެ ޤައުމުން ބަހެއްވެސް ބުނެފައިނުވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button