ޚަބަރުސިޔާސީ

އިމާމުންނަށް ބޭރުގެ އެކި ގައުމުތަކުން ސްކޮލަޝިޕްގެ ރަނުގެ ފުރުސަތުތަކެއް ހުޅުވައިލަނީ

ދިވެހި އިމާމުންނަށް ހާއްސަކޮށްގެން ބޭރުގެއެކި ގައުމުތަކުން ތައުލީމު ހާސިލްކުރުމުގެ ސްކޮލަޝިޕްގެ ފުރުސަތުތައް ހުޅުވާލަން ނިންމާފައިވާކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

އިމާމުން ތާޒާކުރުމުގެ ގައުމީ މަޝްރޫއު އިފްތިތާހުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، އެ ޕްރޮގުރާމުގެ ބޭނުމަކީ ދިވެހި އިމާމުންނަކީ އިލްމީ ގޮތުން ފުދުންތެރި މީހުންނަށް ހެދުން ކަމުގައެވެ.

ޖުމްލަ ނުވަ މާއްދާއެއް ހިމެނޭގޮތަށް  އެ ޕްރޮގުރާމުގައި އިމާމުންނަށް ޑިޕްލޮމާ ލެވެލްގައި ލިބޭ ތައުލީމަށްވުރެ މާ ފުރިހަމަކޮށް އެ ޕްރޮގްރާމް ކުރިއަށް ގެންދަވަން ނިންމާފައިވާކަންވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، މިނިސްޓަރު ވިދާޅުވީ ދިވެހި އިމާމުންނަށް ބޭރު ގައުމުތަކުން ތައުލީމުގެ ފުރުސަތު ފަހިކޮށްދިނުމަކީ ރައީސް ޑރ.މުހައްމަދު މުއިއްޒުގެ އަމާޒެއް ކަމުގައެވެ.
”ކޯހެއް ހަދާއިރު، އިމާމު ޑިގްރީ ކޯހަކަށް ވާކަށް ލާޒިމެއް ނޫން. އިސްލާމީ ދާއިރާގެ ކޯހަކަށް ވުމުން ފުދޭ.“ މިނިސްޓަރު ވިދާޅުވި އެވެ.
އެ ސްކޮލަޝިޕްތަކަށް ހުޅުވާލާނެ ސީދާ ދުވަހެއް ވިދާޅުނުވިޔަސް މާސްޓާސް ޕްރޮގުރާމަށް ފުރުސަތު ލިބޭނީ މީގެ ކުރިން މާސްޓާސް ހާސިލްކޮށްފައިނުވާ ފަރާތްތަކަށްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
”އެކަން އިސްލާމިކް މިނިސްޓްރީގެ މި އަހަރުގެ ސްޓްރެޓެޖިކް ޕްލޭނުގައި ހިމަނާފައިވާނެ.“ މިނިސްޓަރ ވިދާޅުވިއެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ސަރުކާރުގައި މިނިސްޓަރ ޝަހީމް އިސްލާމިކް މިނިސްޓަރުކަމުގައި ހުންނެވިއިރު، އެމަނިކުފާނު ވަނީ ދިވެހި އިމާމުންނަށް ތައުލީމުގެ އެކި ފުރުސަތުތައް ރާއްޖެއިން ބޭރުން ހޯއްދަވައިދެއްވާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button