ޚަބަރުސިޔާސީ

ފަނޑިޔާރުންގެ ގާނުނަށް ގެންނަ ބަދަލުން އެމްޑީޕީއަށް އުންމީދު އާވާނެ: ޝަހީމް

13/2010 ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނަށް ގެންނަ ބަދަލުގެ ސަބަބުން އަދުލު އިންސާފުގެ މަގުގައި އެމްޑީޕީގެ މެންބަރުންގެ އުންމީދު އާވެގެން ދާނެ ކަމުގައި ސަރުކާރުގެ ފަރާތުން އެ ގާނޫނަށް އިސްލާހު ހުށަހެޅުއްވި ރައްޔިތުންގެ މަޖިލީހުގެ ކަނޑިތީމު ދާއިރާގެ އެމްޑީޕީގެ މެންބަރު އަބްދުﷲ ޝަހީމް އަބްދުލްހަކީމް ވިދާޅުވެއްޖެއެވެ.

ފަނޑިޔާރުންގެ ގާނޫނަށް އިސްލާހުގެ ގެނައުމުގެ ބިލުގެ އިބްތިދާއީ ބަހުސްގައި މިއަދު ވާހަކަ ދައްކަވަމުން މެންބަރު ޝަހީމް ވިދާޅުވީ އެ ބިލު ގާނޫނަކަށް ވެގެން އަންނަ އިރު ރާއްޖޭގެ ރައްޔިތުންނަށާއި، ރައްޔިތުންގެ މަޖިލީހުގެ އިތުރުން ހާއްސަކޮށް އެމްޑީޕީގެ މެންބަރުންގެ މެދުގައި އުންމީދު އާވެގެން ދާނެ ކަމުގައެވެ.

”ޖުޑިޝަރީ އަކީ މިނިވަންވެ، އަޅުގަނޑުމެން އެދޭގޮތަށް ހުކުމް ޖަހަން ތިބޭ ފަނޑިޔާރުން އުޅޭ ފަނޑިޔާރުގެތަކަށް ހަދައިދޭނަން.“ ޝަހީމް ވިދާޅުވިއެވެ.

ޝަހީމް ވިދާޅުވިގޮތުގައި އެ ބިލު ހުށަހެޅިގޮތަށް ފާޑު ކިޔުމުގެ ބަދަލުގައި ޖުޑިޝަރީ އިސްލާކު ކުރުން މާ މުހިންމެވެ. އަދި އަދުލަށް ހުކުމް ކުރުމުގައި ފަނޑިޔާރުންނަށް ހުރި ގޮންޖެހުންތަކާއި، ހުކުމެއް ކޮށްފައި ފަނޑިޔާރު ކުރިމަތިލާން ޖެހޭ ކަންކަމަށްވެސް ރިއާޔަތް ކުރަން ޖެހޭކަން އޭނާ ފާހަގަކުރެއްވިއެވެ.

”ފަނޑިޔާރު ހުކުމް ކޮށްފައި ނިކުމެ އޭނާ އަށްވެސް މިނިވަންކަމާއެކު އަނބިދަރިން ގޮވައިގެން އުޅެވޭނެ މިނިވަންކަން އަޅުގަނޑުމެންނަށް މި ބިލުން ހޯދައިދެވޭނެ.“ ޝަހީމް ވިދާޅުވިއެވެ.

ހަމަ އެ އުސޫލުން ބޭއިންސާފު ހުކުމެއް ކޮށްގެން މަގާމުގައި ފަނޑިޔާރު މަނިކުފާނަށް ނީނދެވޭނެކަން ދަންނަން ޖެހޭ ކަމުގައިވެސް ޝަހީމް ވިދާޅުވިއެވެ.

މެންބަރު ޝަހީމް މިފަދައިން ވިދާޅުވިއިރު، އެ އިސްލާހުގެ 22 ވަނަ މާއްދާގެ 1 ގައި ބުނާގޮތުގައި ފަނޑިޔާރަކު މަގާމުން ވަކި ކޮށްފިނަމަ، އޭނާގެ އުމުރުގެ ބާކީ ހޭދަ ކުރައްވަން ޖެހޭނީ އެ ދާއިރާއާއި ދުރުގައެވެ، އަދި އެއްވެސް އާމްދަނީއެއް ނުވަތަ އިނާޔަތެއްވެސް ނުލިބެއެވެ. އަދި 30 ވަނަ މާއްދާއަށް އިތުރު ކުރަން ހުށަހެޅި ރ. ގައިވާގޮތުން ފަނޑިޔާރަކު ވަކި ކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވަނިކޮށް، އޭނާ އިސްތިއުފާ ދެއްވައިފިނަމަ، އިނާޔަތްތައް އުނިކުރެވޭނެ އެވެ. މީގެ އިތުރުން 44 ވަނަ މާއްދާގެ ހ ގައި ބުނެފައިވަނީ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އަންގާ އެންގުންތަކަށް ފަނޑިޔާރުން ތަބާވާން ޖެހޭ ކަމުގައެވެ.

ޖޭއެސްސީގެ ތެރެއަށް ސިޔާސީ ނުފޫޒު ވަދެގެން ސިޔާސީ ބޭފުޅަކު ހިތްހަމަ ނުޖެހޭގޮތަކަށް ހުކުމެއް ކުރާ ފަނޑިޔާރަށް މި އިސްލާހުގެ ސަބަބުން އިތުރު ބިރުވެރިކަމެއް އުފެދިދާނެ ކަމަށް ބެލެވެއެވެ. އެކަމަކު އެމްޑީޕީގެ މެންބަރުން ދެކެވަޑައިގަންނަވާގޮތުގައި މި އިސްލާހުގެ ސަބަބުން ފަނޑިޔާރުންނަށް ހިމާޔަތާއި ރައްކާތެރިކަން ލިބިގެންދާނެއެވެ.

 

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button