ޤަޟާއީ އަހަރު 2024 ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށް ދެއްވައިފި

ޝަރުޢީ ދާއިރާގެ މަސައްކަތްތައް މި އަހަރު ފެށުމުގެ ގޮތުން ޤަޟާއީ އަހަރު 2024 ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އިފުތިތާހުކޮށް ދެއްވައިފިއެވެ.
ޤަޟާއީ އަހަރު ފެށުން ފާހަގަކުރުމަށް މިރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ވަނީ ޤަޟާއީ އަހަރު 2024 ރަސްމީކޮށް އިފުތިތާހު ކުރައްވާފައެވެ. އެ ރަސްމިއްޔާތުގައި އުއްތަމަފަނޑިޔާރު މުޢުތަޞިމް އަދުނާނާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާއި ޖުޑީޝަރީގެ އިސްވެރިން ބައިވެރިވެވަޑައިގަތެވެ،
ރިސެސްއަށްފަހު އަލުން ކޯޓުތަކުގެ މަސައްކަތްތައް ފަށައިގަތުމަށް ފާހަގަކުރާ ޤަޟާއީ އަހަރުގެ ފެށުމުގައި ފާއިތުވެގެން ދިޔަ އަހަރަށް ޝަރުޢީ ދާއިރާއިން ކަނޑައެޅި ލަނޑުދަނޑިތައް ހާސިލުވެފައިވާ މިންވަރު ވަޒަންކުރެއެވެ. އަދި ފެށޭ އަހަރަށް އައު ލަނޑުދަނޑިތައް ކަނޑައަޅައެވެ.
ޤަޟާއީ އައު އަހަރު ފެށުމުގެ ރަސްމިއްޔާތުގައި ޝަރުޢީ ދާއިރާއަށް 35 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތްކުރައްވާފައިވާ ބޭފުޅުންގެ އަގުވަޒަންކުރުމުގެ ގޮތުން ހަނދާނީ ފިލާ އަރުވާފައިވެއެވެ. އެބޭފުޅުންނާ ހަނދާނީ ފިލާ ހަވާލުކޮށްދެއްވީ ރައީސް ޑރ.މުޢިއްޒެވެ.
މި ރަސްމިއްޔާތުގައި އުއްތަމަފަނޑިޔާރު އަލްއުސްތާޛު މުޢުތަޞިމް އަދުނާނުވަނީ ޝަރުއީ ދާއިރާގެ ނިމުނު އަހަރުގެ ރިޕޯޓު އިއްވަވާފައެވެ.