ޚަބަރުދުނިޔެސިޔާސީ

އިންޑިއާގެ ހާރިޖީ ވަޒީރު ސުބްރަމާނިޔަމްއާ ވަޒީރު މޫސާ ޒަމީރު ބައްދަލުކުރައްވައިފި

އިންޑިއާގެ ޚާރިޖީވަޒީރު ޑރ.ސުބްރަމާނިޔަމް ޖަޔަޝަންކަރާ ބައްދަލުކުރައްވައި ރާއްޖޭގައި ތިބި އެ ޤައުމުގެ ސިފައިން ބޭލުމާއި، އެ ޤައުމުން ރާއްޖޭގައި ހިންގަމުންދާ މަޝްރޫޢުތައް އަވަސްކުރުމާ ގުޅޭ ގޮތުން ޚާރިޖީވަޒީރު މޫސާ ޒަމީރު މަޝްވަރާ ކުރައްވައިފިއެވެ.

ޒަމީރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިންޑިއާގެ ޚާރިޖީވަޒީރު ޖަޔަޝަންކަރާ ބައްދަލުވެވަޑައިގަތުމަކީ ލިބިވަޑައިގެންނެވި އުފަލެއް ކަމަށެވެ.

 

އެ ބައްދަލުވުމުގައި ދެ ބޭފުޅުން ދެއްކެވި ވާހަކަފުޅުތަކުގެ ބައެއް ތަފުސީލުތައް ޚުލާސާކޮށް ހިއްސާކުރައްވަމުން ޒަމީރު ވިދާޅުވީ، ރާއްޖޭގައި ޤާއިމުވެގެން ތިބި އިންޑިއާ ސިފައިން އެ ޤައުމަށް އަނބުރާ ގެންދިއުމާ ގުޅޭ ގޮތުން ދެ ޤައުމުގެ މެދުގައި ހިނގަމުންދާ މަތީ ފަންތީގެ މަޝްވަރާތަކާމެދު ދެ ބޭފުޅުން ޚިޔާލު ބަދަލުކުރެއްވި ކަމަށެވެ.

އިންޑިއާ ސިފައިން އަނބުރާ ގެންދިއުމުގެ އިތުރަށް، އިންޑިއާއިން ފަށާފައިވާ ތަރައްޤީގެ މަޝްރޫޢުތައް ނިންމުން އަވަސްކުރުމާ ގުޅޭ ގޮތުން ވެސް މަޝްވަރާ ކުރެއްވިކަމަށް ޒަމީރު ވިދާޅުވިއެވެ. އަދި ނާމްއާއި ސާކުގެ ތެރެއިން ދެ ޤައުމުން ގުޅިގެން މަސައްކަތްކުރުމާމެދު މަޝްވަރާކުރެއްވިކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ ދެ ބޭފުޅުން ވެސް ތިއްބެވީ ދެ ޤައުމުގެ މެދުގައި އޮތް އެއްބާރުލުމުގެ ގުޅުން މިހާރަށްވުރެ ބަދަހިކުރެއްވުމަށް ތައްޔާރަށް ކަމަށެވެ.

މިއީ މިނިސްޓަރު ޒަމީރު ޚާރިޖީވަޒީރުކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ޖަޔަޝަންކަރާ ބައްދަލުކުރެއްވި ފުރަތަމަ ފަހަރެވެ. ދެ ވަޒީރުން ބައްދަލުވެވަޑައިނުގެންނެވި ނަމަވެސް އިންޑިއާ ސިފައިން ރާއްޖެއިން ގެންދިއުމާ ގުޅޭ ގޮތުން ދެ ޤައުމުގެ މެދުގައި  މަޝްވަރާތައްވަނީ ފެށިފައެވެ. މާޗު މަހުގެ ކުރިން އިންޑިއާ ސިފައިން އަނބުރާ ގެންދިއުމަށް ރައީސްވަނީ އެ ޤައުމަށް ހުށަހަޅުއްވާފައެވެ.

ކުރީ ސަރުކާރުގައި އިންޑިއާގެ ލޯނުގެ ދަށުން ރާއްޖޭގައި ބޮޑެތި އުމްރާނީ މަސައްކަތްތައް ފަށާފައިހުރި ނަމަވެސް އެއިން ގިނަ މަސައްކަތްތައް ތާވަލާ އެއްގޮތަށް ކުރިއަށް ގޮސްފައެއް ނުވެއެވެ. އެ މަސައްކަތްތަކުގެ ދުވެލި ހަލުއިކުރައްވައި އަވަހަށް ނިންމެވުމަކީ ސަރުކާރުގެ އަމާޒެެއްކަމަށް ރައީސްވަނީ ވިދާޅުވެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button