ކުޅިވަރު ކުޅުންތެރިންނަށް ފަރުވާ ދިނުމަށް ހާއްސަކުރެވިފައިވާ ފެސިލިޓީ ސެންޓަރެއް ސޯޝަލް ސެންޓަރުގައި ރައީސް ޑރ.މުހައްމަދު މުއިއްޒު ހުޅުވައިދެއްވައިފިއެވެ.
ކުޅިވަރު ކުޅުމުގެ ތެރޭގައި ކުޅުންތެރިންނަށް ލިބޭ އަނިޔާތަކަށް ފަރުވާ ދިނުމަށް ގާއިމް ކުރި ފެސިލިޓީ ސެންޓަރު، ރައީސް ޑރ.މުއިއްޒު ހުޅުވައިދެއްވީ ސޯޝަލް ސެންޓަރުގައި ބޭއްވި ރަސްމިއްޔާތުގައެވެ.
ފެސިލިޓީ ހުޅުވައި ދެއްވުމަށްފަހު، ކުޅިވަރާ ބެހޭ ވަޒީރު އަބްދުﷲ ރާފިއު ވިދާޅުވީ، މިއީ ގައުމީ ކުޅިވަރުގެ ތާރީހުގައި ވަރަށް ހާއްސަ ދުވަހެއް ކަމަށެވެ. މިއީ ”ގައުމީ އެތުލީޓުންނާއި ކުޅިވަރުގައި ކުރިއަރަމުން އަންނަ އެތުލީޓުން ބޭނުންވާ އެންމެ އަސާސީ އެއް ހިދުމަތް ކަށަވަރުވެގެންދާ ދުވަސް“ ކަމުގައި އޭނާ ސިފަ ކުރެއްވިއެެވެ.
ސަރުކާރުގެ ’ހަފްތާ14‘ ނުވަތަ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ގައުމީ އަދި ބައިނަލްއަގުވާމީ ކުޅިވަރު މުބާރާތްތައް ބާއްވާ ތަންތަނުގައި ހުރުން ލާޒިމް ހިދުމަތްތައް އެކުލަވާލުމުގެ މަސައްކަތް ފެށުމުގެ ވައުދު ފުއްދައި، ކުޅިވަރު ކުޅޭ ތަންތަނުގައި ވެސް ސިއްހީ ފަރުވާ ދޭ ކޮޓަރި ހަދައި އެ ތަންތަނުގައި ބޭނުން ކުރެވޭ އާލަތްތައް މިހާރު ފުރިހަމަކޮށްފައިވާ ކަމުގައި ވިދާޅުވިއެވެ.
”ކުރިއަށް އޮތް ދުވަސްތަކުގައި މިނީ ތެރަޕީއާ ގުޅޭ ހާއްސަ އެޕްލިކޭޝަނެއް ތައާރަފް ކުރާނެ؛ އެއިން އެޕޮއިންޓްމެންޓް ވެސް ހެއްދޭނެ. މި އަސާސީ ހިދުމަތަކީ ކުޅިވަރު ކުރިއެރުވުމަށް މި ސަރުކާރުން ވިސްނުންތެރިކަމާ އެކު ކުޅިވަރު ކުޅޭ ހުރިހާ ފަރާތްތައް ބޭނުންވާ ކަންކަން ދެނެގަނެ، އެ ކަންކަމަށް އަވަސް ހައްލެއް ހޯދުމަށް ކުރާ މަސައްކަތްތަކުގެ އަލިގަދަ ހެއްކެއް،“ ރާފިއު ވިދާޅުވިއެވެ.