ޚަބަރުދުނިޔެ

ސީރިޔާއިން ގެނެވުނު ދިވެހި އާއިލާތައް ރިހެބިލިޓޭޓް ކުރެވޭނެކަމުގެ ޔަގީންކަން އެބައޮތް: އަލީ އިހުސާން

ސީރިޔާ ހަނގުރާމައިގެ އެންމެ ނުރައްކާތެރި ދުވަސްވަރު އެގައުމުގެ ހަނގުރާމައިގައި ބައިވެރިވާން ދިޔަ ދިވެހިންގެ ތެރެއިން ރާއްޖެއަށް ގެނެވުނު ފަސް އާއިލާއެއްގެގެ މީހުން ރިހެބިލިޓޭޓް ކުރެވޭނެކަމުގެ ޔަގީންކަން އެބައޮތް ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން  ވިދާޅުވެއްޖެއެވެ.

ސީރިއާގައި ތިބި 21 ދިވެއްސަކު ރާއްޖެ ގެނައުމަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރު އިހުސާން ވިދާޅުވީ، މީގެ ކުރިން ސީރިއާއިން ދިވެހި އާއިލާއެއް ރާއްޖެ ގެނެސް ހިންމަފުށީގައި ހުންނަ އިންޓަގްރޭޝަން ސެންޓަރުގައި ބައިތިއްބައިގެން ފަރުވާ ދެވި މިހާރު މުޖްތަމައަށް ދޫކޮށްލާފައި ވާކަމަށެވެ.

އެ އާއިލާގެ ކަންކަން ފަސް އަހަރަށް ގާތުން ބަލާނެކަން ފާހަގަ ކުރައްވަމުން މިނިސްޓަރު ވިދާޅުވީ، އެ އާއިލާ މުޖްތަމައަށް ދޫކޮށްލިތާ އަހަރަކަށްވުރެ ގިނަ ދުވަސްވެފައި ވާއިރު، އެމީހުންގެ ފަރާތުން އެއްވެސް ނުރައްކަލެއް ކުރިމަތިވެފައި ނުވާކަމަށެވެ.

”ދުނިޔޭގެ އެކި ގައުމުތަކުގައި މި މަސައްކަތް ވަރަށް ފުޅާ ދާއިރާއެއްގައި ކުރެވޭ. ސަކްސެސްފުލީ ވަަރަށް ގިނަ ގައުމުތަކުގައި އެބަ ހުރި ރިހެބިލިޓޭޓްކޮށް ރިއިންޓަގްރޭޓް ކުރެވިފައި.“ މިނިސްޓަރު އިހުސާން ވިދާޅުވިއެވެ.

އަދި އެމީހުން އުޅެމުން ދަނީ ވެސް އާދައިގެ ދިރިއުޅުމެއްކަން ފާހަގަކޮށް އިހުސާން ވިދާޅުވީ، މިއަދު ރާއްޖެ ގެނައި ހުރިހާ އެންމެނަށް ވެސް ފަރުވާދެވޭނެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށެވެ. ސީރިއާއަށް ގޮސް ތިބޭ ދިވެހިން ރާއްޖެ ގެނައުމުގެ ކުރިން އެމީހުންނަކީ ދިވެހިންތޯ ޔަގީންކުރުމަށް ޑީއެންއޭ ޓެސްޓު ހަދައެވެ.

އިހުސާން ވިދާޅުވި ގޮތުގައި އެ އެންމެންނަކީ ވެސް އެކި މިންވަރަށް ހަނގުރާމައިގެ ތެރެއަށް ވަދެވި، އެފަދަ ފިކުރުތައް ހުރި މީހުންނަށް ވާތީ، ފަރުވާ ދެމުން ގެންދާނީ އެސެސްމެންޓަކަށް ފަހު، އެމީހަކަށް އެންމެ ބޭނުންތެރި ފަރުވާ ދެނެގަނެވިގެންނެވެ.

”އެކި މީހުން އެކްސްޕޯސްކުރެވިފައި، އެކި ޓްރޯމާ، އެކި ވައްތަރުގެ ކަންކަން މިހުންނަނީ. ސައިކޮލޮޖިކަލީ ކިހާވަރެއްގެ އިމްޕެކްޓެއްތޯ ކޮށްފައި ހުރީ، މި ހުރިހާ އެސްޕެކްޓަކުން ބަލާފައި އަޅުގަނޑުމެން މިހަދާ އެސެސްމެންޓުގެ ޒަރިއްޔާއިން ދެނެގަންނާނީ ކޮން ޕްރޮގްރާމެއްތޯ، ޕްރޮގްރާމު ހިންގަން ފެށީމަ ރިކަވަރީ ވެސް އެކި މީހުން ރެސްޕޮންޑު ކުރަނީ އެކި ވަރުވަރަށް“ އިހުސާން ވިދާޅުވިއެވެ.

ދިވެހިންގެ ތެރޭގައި ތިބި ސީރިއާއިން ގެންނަ ކުޑަކުދިން، މުޖްތަމައަށް ނެރެވޭވަރު ވުމުން ހިންމަފުށީ ސްކޫލުގައި ކިޔަވައިދިނުމަށް ވެސް ވަނީ ނިންމާފައެވެ. އެކުދިންނަށް ކިޔަވައިދިނުމަށް އެރަށު ސްކޫލުގެ ޓީޗަރުން ތިބީ ފުރިހަމައަށް ތަމްރީން ކުރެވިފައިކަމަށާއި، ބެލެނިވެރިންނާއި ދަރިވަރުން ހޭލުންތެރިކުރުވުން ވެސް ކުރިއަށް ގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ސީރިއާގެ ބައެއް ސަރަހައްދުތައް އިސްލާމިކް ސްޓޭޓް (އައިއެސް) އާއި އަލްގައިދާއިން ކޮންޓްރޯލްކުރި ދުވަސްވަރު އެ ޖަމާއަތްތަކާ ގުޅެން ދިވެހިންގެ އެތައް ބަަޔަކު ވަނީ ގޮސްފައެވެ. އޭގެ ތެރެެއިން ބައެއް މީހުން ދިޔައީ އަނބިދަރިން ވެސް ގޮވައިގެންނެވެ. އެ މީހުންގެ ތެރެއިން އެތައް ބަޔަކު މަރުވެފައި ވާއިރު، އަދިވެސް ކޭމްޕުތަކުގައި ދިވެހިން އެބަ ތިއްބެވެ. ނަމަވެސް، އެއީ ކިތައް މީހުންކަން އެނގޭނެ އެއްވެސް މުއައްސަސއެއް ނެތެވެ.

ސީރިއާގެ ކޭމްޕުތަކުގައި ތިބި ދިވެހިން ގެނައުމުގެ މަސައްކަތް ފެށީ ކުރީ ސަރުކާރުންނެވެ. އެގޮތުން 2022 ގެ ކުރީކޮޅު ގެނައި އާއިލާއެއް މިހާރު ވަނީ ރިހެބިލިޓޭޓު ކޮށް ނިންމުމަށްފަހު މުޖުތަމައަށް ދޫކޮށްލާފައެވެ. ސީރިއާގައި ތިބި މީހުން ގެންނަން މި ގައުމުގައި ތިބި އެ މީހުންގެ އާއިލާތަކުން ވެސް މަސައްކަތް ކުރާތާ  ދުވަސްތަކެއް ވެއްޖެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button