ޚަބަރުސިޔާސީ

އިދިކޮޅު ފަރާތްތަކުން ހަދަނީ ހުސް ދޮގު: ރައީސް

އިދިކޮޅު ފަރާތްތަކުން ހަދަނީ ހުސް ދޮގު ކަމަށާއި އެފަދަ ބޭފުޅުން މާލޭގެ މޭޔަރުކަމަށް ހޮވައިގެން ތަރައްގީ ދާނީ ފަހަތަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް ޑރ. މުއިއްޒު މިފަދައިން ވިދާޅުވީ ވެރިކަން ކުރާ ކޯލިޝަނުގެ މައި ޕާޓީ ޕީއެންސީގެ ފަރާތުން، ވިލިމާލޭގައި މާލޭ މޭޔަރު އިންތިހާބުގައި ވާދަކުރައްވާ އާޒިމާ ޝަކޫރުގެ ކެމްޕޭނުގައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް ޑރ.މުއިއްޒު ވިދާޅުވީ އިދިކޮޅުން މަސައްކަތްކުރަނީ ރައްޔިތުންގެ ހިތަށް ބިރުވެރިކަން ވައްދައިގެން ކަންކަން ކުރުމަށް ކަމަށާއި އެ ފަރާތްތަކުން ކޮންމެ ކަމެއްގައި ވެސް ހިޔާރުކުރަނީ ދޮގު ހެދުން ކަމަށެވެ.

”ހަމަ ހުސް މި ކިޔާ ބުހުތާނު ދޮގު، ހުސް ދޮގު. ކިޔަނީ އަޅުގަނޑުމެން ހުރިހާ ގަހެއް ކަނޑާފައޭ މަގު ހަދާނީ، ވިލިމާލޭގެ ފެހިކަން ގެއްލޭ ކަމެއް ކުރުމަކީ އަޅުގަނޑުމެން ކުރާނެ ކަމެއް ނޫން. އަމުދުން މަގު ހަދާ އިރު، މަގުމަތީގައި ހުންނަ ގަސްތައް ނެގުމަކީ އަޅުގަނޑުމެން ކުރާނެ ކަމެއް ނޫން،“ ރައީސް ޑރ.މުއިއްޒު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ހައުސިން ޕްރޮޖެކްޓެއް ހިންގާއިރު، ޕްލޮޓެއްގެ ތެރޭގައި ހުންނަ ގަސްތައް ކޮންމެވެސް ވަރަކަށް ނަގަން ޖެހޭނެކަން ގަބޫލުކުރަންވާނެ ކަމަށާއި ނަމަވެސް އީއައިއޭ ހަދައި ކޮމިއުނިޓީ ކޮންސަލްޓޭޝަން ކުރިއަށްގޮސް، އެއިން ގަހެއް އެ އޮންނަ އުސޫލަކުން އެހެން ތަނަކަށް ބަދަލުކުރަންޏާ ބަދަލުކޮށް، އަދި އެއް ގަހުގެ ބަދަލުގައި އެތައް ގަހެއް އިތުރަށް ޖަހައިދެވޭނެކަމަށެވެ.

މީގެއިތުރުން އެމަނިކުފާނު ވިދާޅުވީ ކޮޕް28 ގައި ރާއްޖޭގެ 50 މިލިއަން ގަހުގެ ޕްރޮގްރާމެއް މުޅި ދުނިޔެއަށް ހިންގަވާނެކަމަށް އިއުލާނު ކުރައްވާފައިވާ ކަމަށާއި އެހެންވެ އެކަހަލަ ބިރުވެރިކަން ހިތަށް ވައްދަން މަސައްކަތް ކުރުން ކަމު ނުދާކަމަށެވެ.

”އެކަހަލަ ޕާޓީތަކުގެ ބޭފުޅުން މޭޔަރުކަމާއި ކައުންސިލަރުކަމަށް ހޮވީމާ ރައްޔިތުންނަށް ވާނީ ފައިދާއެއް ނޫން. އަނެއްކާ ތަރައްގީ ފަހަތަށް ހިފަން އުޅޭނީ. އެހެންވިޔަ ނުދެއްވާތި،“ ރައީސް ޑރ. މުއިއްޒު ވިދާޅުވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button