ޚަބަރުސިޔާސީ

ބައިނަލްއަގުވާމީ ފެންވަރުގެ އާޓް ސްކޫލެއް ރާއްޖޭގައި ގާއިމްކުރަނީ

ރާއްޖޭގައި ކްރިއޭޓިވް އިކޮނޮމީއެއް ބިނާކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ބައިނަލްއަގުވާމީ ފެންވަރުގެ އާޓް ސްކޫލެއް ރާއްޖޭގައި ގާއިމްކުރަން ނިންމައިފިއެވެ.
ރައީސް އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ، ޢަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވީ، ނެޝަނަލް ކްރިއޭޓިވް އިނޮކިމިކް ކޮމިޓީގެ ނަމުގައި، ގިނަ މިނިސްޓްރީތަކެއް އެކުލެވޭ ހާއްސަ ކޮމިޓީއެއް އެކުލަވާލަން އިކޮނޮމިކް މިނިސްޓްރީން ހުށަހަޅައި، މިދިޔަ އާދިއްތަ ދުވަހުގެ ކެބިނެޓް ބައްދަލުވުމުގައި ނިންމާފައިވާ ކަމަށެވެ.
”މިއީ ގައުމީ ފެންވަރުގައި ކްރިއޭޓިވް އިކޮނޮމިކް ސްޓްރެޓެޖީއެއް އެކުލަވާލަން ތައްޔާރުކުރެވޭ ކޮމިޓީއެއްގެ ގޮތުގައި  ނިންމުން“ ނާޒިމް ވިދާޅުވިއެވެ.
ކްރިއޭޓިވް އިކޮނޮމީއަކަށް ރާއްޖޭގައި ކިޔަވާ ދަރިވަރުން ބައްޓަން ކުރުމަށް ތައުލީމީ މަންހަޖުގައި ހުރި ކަންކަން ދެނެގަނެ، އެކަންކަން އެންމެ ރަނގަޅު ސިޔާސަތުތަކެއް އެކުލަވާލުމަށް އެ ކޮމިޓީއާ ޒިންމާ ކުރެވިފައިވާ ކަމަށް ނާޒިމް ވިދާޅުވިއެވެ.
ބައިނަލްއަގުވާމީ ފެންވަރުގެ އާޓް ސްކޫލެއް ގާއިމްކުރުމުގެ މަސައްކަތް، އެ މަސައްކަތުގެ ތެރެއިން ކުރެވިގެންދާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.
”ޒުވާނުންގެ ހުނަރުވެރިކަމާއި އުފެއްދުންތެރިކަމަށް ހިތްވަރުދީ، އާ ފުރުސަތުތައް ތަނަވަސްކޮށްދޭން ޒަމާނީ އިންތިޒާމުތަކާއި ވަސީލަތްތައް އެކުލެވޭ ސަރަހައްދީ ފެންވަރުގެ ޕްރޮޑަކްޝަން ހައުސްއެއް މިހާރު މަޝްވަރާ ކުރެވިފައިވާ ގޮތުން ޗާންދަނީ މަގުގައި ކުރިން ބޭންކް އޮފް ސިލޯން ހުރި ތަނުގައި ބީސީސީ އަށް ދޫކުރެވިފައިވާ ބިމުގައި ގާއިމްކުރުމަށް ވަނީ ނިންމާފަ“ ނާޒިމް ވިދާޅުވިއެވެ.
ފަންނީ އަދި އީޖާދީ މަސައްކަތްތަކެއް ކުރަން ޝައުގުވެރިވާ ފަރާތްތަކަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ފަންޑެއް އެކުލަވާލައި، އެ ފަންޑުގެ ބެލެނިވެރި ފަތާތެއްގެ ގޮތުގައި ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބީސީސީ) ހަމަޖެއްސުމަށް ނިންމާފައިވާ ކަމަށް ވެސް ނާޒިމް ވިދާޅުވިއެވެ.
”ކްރިއޭޓިވް އިކޮނޮމީއަކަށް މަގުފަހިކުރުމަށް ޓަކައި ޒަމާނީ އިންފްރާސްޓްރަކްޗާ އަދި ޓެންކޮލޮޖީއަށް އިންވެސްޓް ކުރުމަށް ބައިނަލްއަގުވާމީ ދުނިޔެއަށް ހުޅުވާލެވޭނެ. އިންޓަލެކްޗުއަލް ޕްރޮޕަޓީ ގާނޫނުތައް އިތުރަށް ހަރުދަނާ ކުރުމާއި ޕޭޝަންޓް ޓްރޭޑްމާކް އަދި ކޮޕީރައިޓް ރަޖިސްޓަރީ ކުރުމުގެ ކަންކަން ހަމަޖެއްސުން ވެސް މީގެ ތެރޭގައި ހިމެނޭނެ“ އޭނާ ވިދާޅުވިއެވެ.
ރާއްޖޭގައި ސިޓީތައް ތަރައްގީ ކުރާއިރު އިނޮވޭޝަން ހަބްތައް އަދި ޓެކްނޮލޮޖީ ޕާކު ފަދަ އުމްރާނީ ވަސީލަތްތައް ހިމެނޭ ގޮތަށް ގައުމީ ތަރައްގީގެ މާސްޓާ ޕްލޭނެއް އެކުލަވާލުން ވެސް އެ ކޮމިޓީގެ މަސައްކަތްތަކުގެ ތެރޭގައި ހިމެނެއެވެ. އަދި ރާއްޖޭގެ ތާރީހާއި ސަގާފަތާއި ގުޅިފައިވާ އަތްތެރި މަސައްކަތްތައް ދަސްކޮށްދޭ މަރުކަޒުތައް ގާއިމްކުރުން ވެސް އެ ކޮމިޓީގެ މަސައްކަތްތަކުގެ ތެރޭގައި ހިމެނެއެވެ.
ނާޒިމް ވިދާޅުވީ އެ ހުރިހާ މަޝްރޫއުތަކެއް ކޮމިޓީގެ ދަށުން ހިންގުމަށް އިކޮނޮމިކް މިނިސްޓްރީން ޓައިމްލައިނެއް އެކުލަވާލާފައިވާ ކަމަށާއި އެ ޓައިމްލައިނާ އެއްގޮތަށް މަސައްކަތްތައް ކުރިއަށްދާނެ ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button