ޚަބަރުސިޔާސީ

ރާއްޖޭގައި ކްރިއޭޓިވް އިކޮނޮމީއެއް ބިނާކުރުމަށް ހާއްސަ ކޮމިޓީއެއް އެކުލަވާލަން ނިންމައިފި

ރާއްޖޭގައި ކްރިއޭޓިވް އިކޮނޮމީއެއް ބިނާކުރުމަށް ގިނަ މިނިސްޓްރީތަކެއް ގުޅިގެން ހާއްސަ ކޮމިޓީއެއް އެކުލަވާލަން ސަރުކާރުގެ ކެބިނެޓުން ނިންމައިފިއެވެ.
ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ، ޢަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވީ، ނެޝަނަލް ކްރިއޭޓިވް އިކޮނޮމިކް ކޮމިޓީގެ ނަމުގައި ދައުލަތުގެ ގިނަ މިނިސްޓްރީތަކެއް އެކުލެވޭ ހާއްސަ ކޮމިޓީއެއް އެކުލަވާލަން އިކޮނޮމިކް މިނިސްޓްރީން ހުށަހަޅައި، މިދިޔަ އާދިއްތަ ދުވަހުގެ ކެބިނެޓް ބައްދަލުވުމުގައި ނިންމާފައިވާ ކަމަށެވެ.
އިކޮނޮމިކް މިނިސްޓްރީގެ އިތުރުން އެ ކޮމިޓީގައި، ހޯމް ލޭންޑް ސެކިއުރީޓި މިނިސްޓްރީއާއި، ޔޫތު އެމްޕަވަމަންޓް މިނިސްޓްރީއާއި، ހަޔާ އެޑިއުކޭޝަން މިނިސްޓްރީއާއި، އެޑިއުކޭޝަން މިނިސްޓްރިއާއި ފިނޭންސް މިނިސްޓްރިއާއި، ދިވެހި ލޭންގްއޭޖް މިނިސްޓްރީއާއި، ސޯޝަލް އެންޑް ފެމިލީ މިނިސްޓްރީ ހިމެނޭނެއެވެ.
ޕްރެޒިޑެންޝަލް ޔޫތު އެޑްވައިޒަރީ ކޮމިޓީގެ މެންބަރަކާއި ބައެއް ބިޒްނަސް ކޯޕަރޭޝަންތަކާއި، ޓްރޭޑް އެންޑް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑުންނާއި އަންހެން ވިޔަފާރިވެރިންގެ ތެރެއިން މެންބަރުން އެ ކޮމިޓީގައި ހިމެނިވަޑައިގަންނަވާނެ ކަމަށް ނާޒިމް ވިދާޅުވިއެވެ.
”މިއީ ގައުމީ ފެންވަރުގައި ކްރިއޭޓިވް އިކޮނޮމިކް ސްޓްރެޓެޖީއެއް އެކުލަވާލަން ތައްޔާރުކުރެވޭ ކޮމިޓީއެއްގެ ގޮތުގައި ނިންމުނު“ ނާޒިމް ވިދާޅުވިއެވެ.
ކްރިއޭޓިވް އިކޮނޮމީއަކަށް ރާއްޖޭގައި ކިޔަވާ ދަރިވަރުން ބައްޓަން ކުރުމަށް ތައުލީމީ މަންހަޖުގައި ހުރި ކަންކަން ދެނެގަނެ، އެކަންކަމަށް އެންމެ ރަނގަޅު ސިޔާސަތުތަކެއް އެކުލަވާލުމަށް އެ ކޮމިޓީއާ ޒިންމާ ކުރެވިފައިވާ ކަމަށް ނާޒިމް ވިދާޅުވިއެވެ. އަދި ބައިނަލްއަގުވާމީ ފެންވަރުގެ އާޓް ސްކޫލެއް ގާއިމްކުރުމުގެ މަސައްކަތް ވެސް އެ މަސައްކަތުގެ ތެރެއިން ކުރެވިގެންދާނެ ކަމަށް ވިދާޅުވިއެވެ.
”ޒުވާނުންގެ ހުނަރުވެރިކަމައި އުފެއްދުންތެރިކަމަށް ހިތްވަރުދީ، އާ ފުރުސަތުތައް ތަނަވަސްކޮށްދޭން ޒަމާނީ އިންތިޒާމުތަކާއި ވަސީލަތްތައް އެކުލެވޭ ސަރަހައްދީ ފެންވަރުގެ ޕްރޮޑަކްޝަން ހައުސްއެއް މިހާރު މަޝްވަރާ ކުރެވިފައިވާ ގޮތުން ޗާންދަނީ މަގުގެ ކުރިން ބޭންކް އޮފް ސިލޯން ހުރި ތަނުގައި ބީސީސީ އަށް ދޫކުރެވިފައިވާ ބިމުގައި ގާއިމްކުރުމަށް ވަނީ ނިންމާފަ،“ ނާޒިމް ވިދާޅުވިއެވެ.
ކްރިއޭޓިވް އިކޮނޮމީއަކަށް ރާއްޖޭގައި ކިޔަވާ ދަރިވަރުން ބައްޓަން ކުރުމަށް ތައުލީމީ މަންހަޖުގައި ހުރި ކަންކަން ދެނެގަނެ، އެކަންކަން އެންމެ ރަނގަޅު ސިޔާސަތުތަކެއް އެކުލަވާލުމަށް އެ ކޮމިޓީއާ ޒިންމާ ކުރެވިފައިވާ ކަމަށް ނާޒިމް ވިދާޅުވިއެވެ.
ފަންނީ އަދި އީޖާދީ މަސައްކަތްތަކެއް ކުރަން ޝައުގުވެރިވާ ފަރާތްތަކަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ފަންޑެއް އެކުލަވާލައި، އެ ފަންޑުގެ ބެލެނިވެރި ފަތާތެއްގެ ގޮތުގައި ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބީސީސީ) ހަމަޖެއްސުމަށް ނިންމާފައިވާ ކަމަށް ވެސް ނާޒިމް ވިދާޅުވިއެވެ.
”ކްރިއޭޓިވް އިކޮނޮމީއަކަށް މަގުފަހިކުރުމަށް ޓަކައި ޒަމާނީ އިންފްރާސްޓްރަކްޗާ އަދި ޓެންކޮލޮޖީއަށް އިންވެސްޓް ކުރުމަށް ބައިނަލްއަގުވާމީ ދުނިޔެއަށް ހުޅުވާލެވޭނެ. އިންޓަލެކްޗުއަލް ޕްރޮޕަޓީ ގާނޫނުތައް އިތުރަށް ހަރުދަނާ ކުރުމާއި ޕޭޝަންޓް ޓްރޭޑްމާކް އަދި ކޮޕީރައިޓް ރަޖިސްޓަރީ ކުރުމުގެ ކަންކަން ހަމަޖެއްސުން ވެސް މީގެ ތެރޭގައި ހިމެނޭނެ“ އޭނާ ވިދާޅުވިއެވެ.
ރާއްޖޭގައި ސިޓީތައް ތަރައްގީ ކުރާއިރު އިނޮވޭޝަން ހަބްތައް އަދި ޓެކްނޮލޮޖީ ޕާކު ފަދަ އުމްރާނީ ވަސީލަތްތައް ހިމެނޭ ގޮތަށް ގައުމީ ތަރައްގީގެ މާސްޓާ ޕްލޭނެއް އެކުލަވާލުން ވެސް އެ ކޮމިޓީގެ މަސައްކަތްތަކުގެ ތެރޭގައި ހިމެނެއެވެ. އަދި ރާއްޖޭގެ ތާރީހާއި ސަގާފަތާއި ގުޅިފައިވާ އަތްތެރި މަސައްކަތްތައް ދަސްކޮށްދޭ މަރުކަޒުތައް ގާއިމްކުރުން ވެސް އެ ކޮމިޓީގެ މަސައްކަތްތަކުގެ ތެރޭގައި ހިމެނެއެވެ.
ނާޒިމް ވިދާޅުވީ އެ ހުރިހާ މަޝްރޫއުތަކެއް ކޮމިޓީގެ ދަށުން ހިންގުމަށް އިކޮނޮމިކް މިނިސްޓްރީން ޓައިމްލައިނެއް އެކުލަވާލާފައިވާ ކަމަށާއި އެ ޓައިމްލައިނާ އެއްގޮތަށް މަސައްކަތްތައް ކުރިއަށްދާނެ ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button