ޚަބަރު

ރިހެބިލިޓޭޝަން ސެންޓަރުތައް ހިންގުމުގެ ފުރުސަތު އަމިއްލަ ފަރާތްތަކަށް ދެނީ!

މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާދޭ ރިހެބިލިޓޭޝަން ސެންޓަރުތައް ހިންގުމުގެ ފުރުސަތު އަމިއްލަ ފަރާތްތަކަށް ދިނުމަށް ސަރުކާރުން ނިންމާފިއެވެ.
ރައީސް އޮފީހުގެ ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ، އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވީ، އަމިއްލަ ފަރާތްތައް މެދުވެރިކޮށް ރިހެބް ސެންޓަރުތައް ގާއިމްކޮށް ހިންގުމުގެ ހުއްދަ ދިނުމަށް މިދިޔަ އާދިއްތަ ދުވަހު ބޭއްވި ކެބިނެޓް ބައްދަލުވުމުގައި ނިންމާފައިވާ ކަމަށެވެ.
ނާޒިމް ވިދާޅުވި ގޮތުގައި، ހޯމް ލޭންޑް މިނިސްޓްރީން އެ ކެބިނެޓް ބައްދަލުވަށް ހުށަޅާފައި އޮތީ މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގައި ބަޔާންކުރާ ފަރުވާދޭ މަރުކަޒުތައް އެގޮތަށް ހިންގުމުގެ ހުއްދަ ރާއްޖެއާއި ރާއްޖެއިން ބޭރުގެ އަމިއްލަ ފަރާތްތަކަށް ވެސް ދޭ ގޮތަށެވެ.
”މި މައްސަލައިގައި މަޝްވަރާ ކުރެވި މަސްތުވާތަކެތި ބޭނުން ކުރާ ފަރާތްތަކަށް ކޮމިއުނިޓީ ބޭސްޑް ރިހެބިލިޓޭޝަން ޕްރޮގްރާމު ކަމާބެހޭ ފަރާތްތަކުގެ އެހީތެރިކަމާއެކު ރާއްޖޭގެ ގާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން އަދި އިސްލާމީ ހަމަތަކަށް ފެތޭ ގޮތަށް ހިންގަން ފެއްޓުން“ ނާޒިމް ވިދާޅުވިއެވެ.
މަސްތުވާތަކެތި ބޭނުންކުރާ ފަރާތްތަކަށް ކޮމިއުނިޓީ ބޭސްޑް ރިހެބިލިޓޭޝަން ޕްރޮގުތާމު ހިންގުމަށް ނިންމާފައިވާ ކަމަށާއި އެ ޕްރޮގުރާމު ހިންގާ ތިން ސަރަހައްދަކީ ނ.ވެލިދޫއާއި، ކ. ކާށިދޫ އަދި ލ. އަތޮޅުގެ ރަށެއް ކަމަށް ނާޒިމް ވިދާޅުވިއެވެ.
ލ. އަތޮޅުގައި އެ ރިހެބިލިޓޭޝަން ޕްރޮގުރާމު ހިންގާނެ ސީދާ ރަށެއް އަދި ކަނޑައެޅިފައި ނުވާ ކަމަށާއި، ކައުންސިލްތަކާ މަޝްވަރާކޮށްގެން ރަށެއް ކަނޑައެޅުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.
ސިއްހީ މައްސަލައެއްގެ ގޮތުގައި ކުރިން ދެކެމުންއައި މަސްތުވާތަކެތީގެ މައްސަލައަކީ، ގައުމީ ސަލާމަތާ ގުޅުންހުރި މައްސަލައެއް ގޮތުގައި މި ސަރުކާރުން ވަނީ ކަނޑައަޅާފައެވެ. އެކަމަކު މި ސަރުކާރުން ވެސް އެންމެ އިސްކަމެއް ދޭނެ އެއް ކަމަކީ މަސްތުވާތަކެތީގެ މައްސަލައިގައި ފަރުވާ ބޭނުންވާ ފަރާތްތަކަށް ފަރުވާ ދިނުން ކަމަށް ވަނީ ބުނެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button